ރާއްޖޭގެ ސަރަހައްދަށް ނުރައްކާ މިންވަރަކަށް ވައިނުސާފުވެފައިވާ ކަމަށާއި މިއަދު މުޅި ރާއްޖެ އަށް އޭގެ އަސަރު ކުރާނެތީ ސަމާލުވާން މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކޮށްފި އެވެ.
މެޓުން ބުނީ ދުންފުހުގެ އަސަރު މިއަދު މުޅި ރާއްޖެ އަށް، ހާއްސަކޮށް މެދުރާއްޖެތެރޭގެ ހިސާބުތަކަށް ކުރަމުންދާ ކަމަށެވެ. ދުރު ފެންނަ މިންވަރު މޫސުމާ ބެހޭ ރިޕޯޓުތަކުގައި ތިން ކިލޯމީޓަރަށް ވުރެ ދަށުން ރިޕޯޓް ކުރަމުންދާ ކަމަށް ވެސް މެޓުން ބުންޏެވެ.
ކުރިއަށް އޮތް ފަސް ދުވަހު ވެސް އިރުއުތުރުން އަންނަ ވަޔާ އެކު، ދުންފުހުގެ އަސަރު ރާއްޖެމަތީގައި ހުންނާނެ ކަމަށް ބެލެވޭ ކަަމަށް ވެސް މެޓުން ބުންޏެވެ.
ވައި ނުސާފުވުމުގެ ސަބަބުން ސިއްހަތަށް ދިގުމުއްދަތަށް ކުރާ އަސަރުތައް:
- ނޭވާހިއްލުމާއި ސީއޯޕީޑީ ފަދަ ނޭވާލާ ނިޒާމުގެ ބަލިތައް
- ކުޑަކުދިންގެ ފުއްޕާމޭ ހެދިބޮޑުވުމަށް ހުރަސްއެޅުން
- ސިކުނޑި އާއި ނާރުގެ ބަލިތައް (ވިސްނުމުގެ ބާރު ދަށްވުން ފަދަ މައްސަލަތައް)
- ބައެއް ބާވަތުގެ ކެންސަރު ޖެހުން
- މާބަނޑު ދުވަސްވަރު ދިމާވާ ބައެއް ސިއްހީ މައްސަލަތައް
- ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުން
ދުންފުހުގެ އަސަރު ރާއްޖޭގެ ސަރަހައްދުގައި ހުންނާނެ ކަމަށް ބެލެވޭތީ އެކަމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހާއްސަ ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ. އެކަންކަމުގެ ތެރޭގައި؛
- ނޭވާލާ ނިޒާމުގައި މައްސަލަ ހުންނަ މީހުން ބޭރުގައި ކުޅިވަރުތައް ކުޅުން މަޑުޖައްސާލުން.
- ނޭވާލާ ނިޒާމުގައި މައްސަލަ ހުންނަ މީހުން ބޭރަށް ނުކުންނައިރު މާސްކު އެޅުން.
- ބޭރުގެ ނުސާފު ވައި ނުވަންނަހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން.
- އެއާ ޕިއުރިފައިއާ ބޭނުންކުރުން.
މެޓުން ވަނީ ކަނޑު ދަތުރުކުރާ މީހުންނާއި ބޭރުގައި ގިނަ ވަގުތު ހޭދަކުރާ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށް އެވެ.
އެއާ ކޮލިޓީ އިންޑެކްސް 151-200 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ ރެޑް އެލާޓެވެ. އެއީ ވައިގެ ނުސާފުކަން އެންމެންނަށް ނުރައްކާވާ މިންވަރެވެ.
އެލާޓްގައިވާ ގޮތުން ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާ ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ އެންމެނަށް ވެސް ބޮޑުވެ އެވެ. އެހެންވެ، މާސް އެޅުމަށް އިލްތިމާސްކުރެ އެވެ.