ކުރިއަށް އޮތް ތިން ދުވަހު ވެސް މުޅި ރާއްޖޭގެ އެކި ހިސާބުތަކަށް ވައި ނުސާފުވާނެތީ ރައްކާތެރިވާން މެޓް އޮފީހުން އިލްތިމާސްކޮށްފި އެވެ.

ނުސާފު ވައި ނުވަތަ ދުންފުހުގެ އަސަރު މިއަދު މުޅި ރާއްޖެއަށް ކުރަމުންދާ ކަމަށް މެޓުން ވަނީ ބުނެފަ އެވެ.

ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް، ދުރު ފެންނަ މިންވަރު ދުންފުހުގެ ސަބަބުން ދެ ކިލޯމީޓަރަށް ދަށް ވެފައިވާ ކަމަށް ވެސް މެޓުން ބުންޏެވެ.

"އެހެންވެ ބޭރުގެ އެކި ހަރަކާތްތަކުގައި ގިނަ ވަގުތު އުޅުއްވާ ފަރާތްތަކުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ދަންނަވަން،" މެޓުން ބުންޏެވެ.

މާލެ ސަރަހައްދުގެ ވައި ނުސާފުވެފައިވާ ވަގުތެއްގައި ފެރީއެއް މާލެ ފަޅަށް ވަންނަން އަންނަނީ. --ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މާލެ ސަރަހައްދުގެ ވައި ނުސާފުވެފައިވާ ވަގުތެއްގައި ފެރީއެއް މާލެ ފަޅަށް ވަންނަން އަންނަނީ. --ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މިހާރު އާންމުކޮށް ކޮންމެ އަހަރަކު ވެސް، އިރުވައި މޫސުމުގައި ރާއްޖެ އަށް ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން ފުސްކަމުގެ އަސަރު ކުރެ އެވެ. ރާއްޖެ އަށް މިކަން ދިމާވަނީ އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ ނުސާފު ވައިގެ ސަބަބުންނެވެ.


މާލެ ސަރަހައްދުގެ ވައި ނުސާފުވެފައިވާ ވަގުތުގައި ސިނަމާލެ ބްރިޖުގެ ހައިވޭގައި ބަޔަކު ސައިކަލް ދުއްވާފައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މާލެ ސަރަހައްދުގެ ވައި ނުސާފުވެފައިވާ ވަގުތުގައި ސިނަމާލެ ބްރިޖުގެ ހައިވޭގައި ބަޔަކު ސައިކަލް ދުއްވާފައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ރައްކާތެރިކަމުގެ ގޮތުން އަޅަންވީ ފިޔަވަޅުތައް؛

  1. ނޭވާލާ ނިޒާމުގައި މައްސަލަ ހުންނަ މީހުން ބޭރުގައި ކުޅިވަރުތައް ކުޅުން މަޑުޖައްސާލުން.
  2. ނޭވާލާ ނިޒާމުގައި މައްސަލަ ހުންނަ މީހުން ބޭރަށް ނުކުންނައިރު މާސްކު އެޅުން.
  3. ބޭރުގެ ނުސާފު ވައި ނުވަންނާނެހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން.
  4. އެއާ ޕިއުރިފައިއާ ބޭނުންކުރުން.

އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަމުންދާ ތަޣައްޔަރު ވައިގެ ތެރޭގައި މިދިޔަ ފަސް އަހަރު އިރުވައި މޫސުމުގެ ދުވަސްވަރު (ޑިސެމްބަރުން އެޕްރީލަށް)، ނޭވާލާ ނިޒާމުގެ ބަލިތައް ރާއްޖޭގައި ރިޕޯޓްކުރި އަދަދު އަހަރަކަށް ވުރެ އަހަރެއް އިތުރުވެފައިވާ ކަމަށް ވެސް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.