މާލެ ސަރަހައްދު ނުރައްކާތެރި މިންވަރަށް ވައި ނުސާފު ކަމަށް އެއާ ކޮލިޓީ އިންޑެކްސް މޮނިޓާތަކުން ދައްކައިފި އެވެ.
އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި، މާލޭގައި ވައިގެ ކޮލިޓީ މިވަގުތު ހުރީ 159 ގަ އެވެ.
މިއަދު އެންމެ ބޮޑަށް ވައި ނުސާފުވީ ހދ. ކުޅުދުއްފުއްޓަށެވެ. އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި، އެ ރަށުގައި ވައިގެ ކޮލިޓީ ހުރީ 160 ގަ އެވެ.
އެއާ ކޮލިޓީ އިންޑެކްސް 50 އިން މަތީގައި ހުންނަ ނަމަ އެއީ މޮޑަރޭޓް ލެވަލް އެވެ. އެކަމަކު، އެއީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭ ހާލަތެކެވެ. އެއާ ކޮލިޓީ އިންޑެކްސް 100 އަށް ވުރެ މަތިވެއްޖެ ނަމަ ހައި ރިސްކު މީހުންނަށް ނުރައްކާ ބޮޑުވެ އެވެ. އަދި އެއާ ކޮލިޓީ އިންޑެކްސް 150 އަށް ވުރެ މަތިވެއްޖެ ނަމަ، އެންމެނަށް ނުރައްކާ ބޮޑުވެ އެވެ.
މާލެ ސަރަހައްދުގައި ނުރައްކާތެރި މިންވަރަށް ވައި ނުސާފުވެފައި ވާއިރު ހުޅުމާލެ 3 ގެ ކުނި ޖަމާކުރާ ސަރަހައްދުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، ހުޅުމާލެ 2 ގެ ސަރަހައްދުތަކަށް ދުމުގެ އަސަރު ވަރަށް ބޮޑަށް ވަނީ ކޮށްފަ އެވެ.
އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ވަނީ އިލްތިމާސްކޮށްފަ އެވެ.
ރާއްޖެއަށް އާންމުކޮށް ނުސާފު ވައިގެ އަސަރު އެންމެ ބޮޑަށް ކުރަނީ އިރުވައި މޫސުމުގައި ވައިގެ މިސްރާބު ހުންނަ ގޮތުން، އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ ނުސާފު ވައިގެ ސަބަބުންނެވެ. ޑިސެމްބަރުގައި އިރުވައި މޫސުން ފެށުމާ އެކު، އަނެއްކާވެސް ނުސާފު ވައިގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ބެލެވެ އެވެ.
އެ ތަޣައްޔަރު ވައިގައި އެކުލެވިގެން ވަނީ ހިރަފުހާއި ކާރުހާނާތަކުން އަރާ ދުމެވެ. އަދި ދަނޑުވެރިކަމުން އުފެދޭ ކުނި ނައްތާލުމަށް އެ ތަކެތި އެންދުމާއި ކަރަންޓު އުފެއްދުމަށް ކޯލް އެންދުން އަދި އުމްރާނީ ތަރައްގީއަށް ހިންގާ ބޮޑެތި ކޮންސްޓްރަކްޝަން މަސައްކަތްތަކުން އުފެދޭ ކުނޑި އާއި ދުން ވެސް ހިމެނެ އެވެ.
މި ސަރަހައްދުގެ ޖައްވު ތަޣައްޔަރުކުރާ މާއްދާތަކުގެ ގާތްގަނޑަކަށް 75-80 ޕަސެންޓް އުފެދެނީ ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ހިންގާ އިންސާނީ ހަރަކާތްތަކުގެ ސަބަބުން ކަމަށް ދިރާސާތަކުން ހާމަވެ އެވެ.
ވައި ނުސާފުވާ ދުވަސްވަރު ރާއްޖޭގައި ނޭވާލާ ނިޒާމުގެ ބަލިތައް އަހަރަކަށް ވުރެ އަހަރަކު އިތުރުވަމުންދާކަން ވެސް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.