މާލެ ސަރަހައްދުން ހިމަބިހި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުން ދައްކައިފި އެވެ.

މި އަހަރުގެ މެއި މަހުގެ ތެރޭގައި ރާއްޖޭގައި ހިމަބިހި ފެތުރެން ފެށިއިރު، ކޮންމެ ހަފުތާއެކު ގިނަ އަދަދެއްގެ ކޭސްތައް ފެނުނެވެ.

އެޗްޕީއޭއިން އިއްޔެ އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިދިޔަ ހަފުތާގައި ހިމަބިހި ޖެހުނީ ފަސް މީހުންނަށެވެ.

އެއާއެކު މިއަހަރުގެ މިހާތަނަށް އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 269 އަކަށް އަރައިފަ އެވެ.

ރާއްޖެއިން ހިމަބިހި ނައްތާލި ކަމަށް ޑަބްލިއުއެޗްއޯއިން 2017 ވަނަ އަހަރު ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ފަހުން ވެސް ރާއްޖޭގައި އުޅޭ ބިދޭސީންގެ ގައިން ދޭތެރެ ދޭތެރެއިން އެ ބަލި ފެނެ އެވެ. އެކަމަކު މި ފަހަރު ހާލަތު ގޯސްވީ ދިވެހިންގެ ތެރޭގައި އެ ބަލި އިތުރުވާން ފެށުމުންނެވެ.

މިހާރު އެ ބަލި އުޅޭތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެކަމުން ރައްކާތެރިވާން މިދިޔަ މަހު ވެކްސިނޭޝަން ޕްރޮގްރާމް ފަށައި މިހާތަނަށް 16،368 މީހަކަށް ވަނީ ވެކްސިން ދީފަ އެވެ.

ހިމަބިހިން ރައްކާތެރިވުމަށް 

- ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގާފައިވާ ނަމަ ލަސްނުކޮށް ސިއްހީ އެހީ ހޯދަން ހޮސްޕިޓަލަށް ދިއުން. ހޮސްޕިޓަލަށް ދާއިރު މާސްކު އަޅައިގެން ދިއުން އަދި އާއްމު ދަތުރުފަތުރު ބޭނުން ނުކުރުން.

- ހިމަބިއްސަށް ޝައްކުކުރެވިގެން ޓެސްޓް ހަދައިފި ނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުން

- ބަލީގެ އަލާމާތެއް ހުރި ނަމަ ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން