ވައްޑެ އަކީ އިޚުލާސްތެރި ބޭފުޅެއް ނޫން: އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލިހުގެ ތުލުސްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އަކީ އިޚުލާސްތެރި ބޭފުޅެއް ނޫން ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.


ކ. ހިންމަފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވީ ވައްޑެ އިންތިޚާބުކުރީ ރައީސް ޔާމީން ތުލުސްދޫ ދާއިރާ އަށް ވަޑައިގެން އެކަމަށް ކުރެއްވި މަސައްކަތްޕުޅުތަކާ ގުޅިގެން ކަމަށެވެ. ނަމަވެސް ވައްޑެގެ ފަރާތުން މިއަދު ފެންނަނީ ރައީސް ޔާމީންގެ ސިޔާސަތުތަކަށް ފާޑުވިދާޅުވުމުގެ އިތުރުން ރައްޔިތުންގެ މަޖިލިހުން ރައީސް ޔާމީން ނިންމަވަން ބޭނުންފުޅުވާ ކަންތައްތަކާ ދެކޮޅަށް ވެސް ވަކާލާތު ކުރައްވާ ތަން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެއީ އަޅުގަނޑު ދަންނަވާނީ އެއްވެސް ހާލެއްގައި އިޚުލާސްތެރިކަމެއް ހުރި ބޭފުޅެއް ނޫނޭ. އެހެންވީމާ ތިޔަބޭފުޅުން މުސްތަގުބަލުގައި ވަރަށް ބޮޑަށް ވިސްނާވަޑައިގަންނަވަން އެބަޖެހޭ ތިޔަބޭފުޅުންގެ ބަސް ރައްޔިތުންގެ މަޖިލިހުގައި ވިދާޅުވާނެ ބޭފުޅަކު ރައްޔިތުންގެ މަޖިލިހަށް އިންތިޚާބު ކުރައްވާއިރު، ވަރަށް ބޮޑަށް ތިޔަބޭފުޅުންގެ އިހުސާސްތަކަށް ހުރުމަތްތެރިކޮށް ހިތާ، ތިޔަބޭފުޅުންގެ ރޫހާއި ވިންދު ދެނެވަޑައިގަންނަވާ، ތިޔަބޭފުޅުން ބޭނުންފުޅުވާ ގޮތަށް ރައްޔިތުންގެ މަޖިލިހުގައި ވަކާލާތު ކުރައްވާނެ މެމްބަރަކު އިހުތިޔާރު ކުރައްވަން،" ޕީޕީއެމްގެ އެތެރޭގެ ބައިބައިވުމާ ގުޅިގެން، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަންގައި މިވަގުތު ހުންނެވި ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި ތުލުސްދޫ ގޮނޑި އަށް ދެން އިންތިޚާބު ކުރަން ވާނީ ރައީސް ޔާމީނަށް ވަފާތެރި އަދި ސަރުކާރަށް ތެދުވެރި ބޭފުޅެކެވެ.

އަބްދުއްރަހީމް ވިދާޅުވީ ތުލުސްދު އަށް އިޚުލާސްތެރި މެމްބަރަކު ލިބެންދެން ޕީޕީއެމް އޮތީ އެ ދާއިރާއާ ހަވާލުވެގެން ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީއަކީ ދިވެހި ރައްޔިތުންނާ އެކީގައި މަސައްކަތްކުރާ، ދިވެހި ރައްޔިތުންގެ އަޑު އަހައިގެން، ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް، ދިވެހި ރައްޔިތުންގެ ތަރައްގީ އާއި ކުރިއެރުމަށްޓަކައި މަސައްކަތް ކުރާ ޕާޓީއެއް. އެއީ އަޅުގަނޑުމެންގެ ޕާޓީގެ މައިގަނޑު އުސޫލު،" ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގައި ވައްޑެ ތަމްސީލް ކުރައްވާ ތުލުސްދޫގެ ދާއިރާގެ ތެރޭގައި ހިންމަފުށި ވެސ ހިމެނެ އެވެ.

ހިންމަފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް މިއަދު ހަވީރު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް (ވ-3) ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހައުސިން މިނިސްޓްރީ

އަބްދުއްރަހީމް ފާހަގަކުރެއްވި ގޮތުގައި މިދިޔަ ތިން މަހެއްހާ ދުވަހު ޕީޕީއެމް އޮތީ ނިދައިފަ އެވެ. އެކަމަކު މިދިޔަ އަހަރުގެ އޮކްޓޯބަރު 16 ވަނަ ދުވަހުން ފެށިގެން ޕާޓީ ހިންގުމުގެ ހުރިހާ މަސްއޫލިއްޔަތެއް މުސްތަޝާރު ރައީސް ޔާމީނާ ހަވާލުކުރި ހިސާބުން، ޕީޕީއެމް ވަރަށް ހަރަކާތްތެރިކޮށް ހިންގަމުން ގެންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ޕީޕީއެމްގެ ހަރަކާތެއް ރާއްޖޭގެ ރަށެއްގައި، ދެ ރަށެއްގައި ނޯންނ ދުވަހެއް ނުދާނެ. ޕީޕީއެމްގެ ހަރަކާތެއް މާލޭގައި ޕީޕީއެމްގެ އޮފީހުގައި ނުވަތަ މެޑަމް [ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް] ގެ އޮފީހުގައި ނޯންނަ ދުވަހެއް މިހާރަކު ނުދާނެ. ވޭތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެންގެ ޕާޓީއާ ވަނީ ގާތްގަނޑަކަށް ވިއްސަކަށް ހާސް މެމްބަރުން އަލަށް ގުޅިވަޑައިގެންފައި،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް މިއަދު ވެސް ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޕީޕީއެމް ނުކުންނައިރު، އެ ޕާޓީގައި 150،000 މެމްބަރުން ތިބެން ބޭނުންވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ އަދަދަށް މެމްބަރުން ހަމަކޮށްގެން، ރިޔާސީ އިންތިޚާބަށް ނުކުތުމުން، އެ ޕާޓީއާ ވާދަކުރަން ކެރޭނެ އިދިކޮޅު ލީޑަރަކު ނުހުންނާނެ އެވެ.

"ރާއްޖޭގެ އިދިކޮޅު ލީޑަރުންނަށް ދަންނާވަލަން ބޭނުންވަނީ ތިޔަބޭފުޅުންނަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންގެ ޒިންމާ އަދައެއް ނުކުރެވުނޭ. ދެން ރަނގަޅު ވާނީ ޒިންމާ އަދާކުރެއްވޭ ވަރުގެ ބޭފުންނަށް ފުރުސަތު ދެއްވާފައި އެ ބޭފުޅުންނަށް އެހީތެރިވެވަޑައިގެން ދެއްވިއްޔާއޭ. ތިޔަބޭފުޅުން ފަހަށް ޖެހިވަޑައިގެން އެނބުރި ގެއަށް ވަޑައިގެންނެވިއްޔާއޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.