ޕީޕީއެމަށް މަޖުބޫރުން ސޮއިކުރުވުމަކީ ކޮރަޕްޝަންގެ މުޑުދާރު އަމަލެއް: އެމްޑީޕީ

ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރުވައިގެން، ވެރިކަން ކުރާ ޕީޕީއެމަށް ސޮއިކުރުވާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށާއި އެއީ އެ ކުންފުނިތަކުގެ ވެރިން ހިންގާ ކޮރަޕްޝަންގެ މުޑުދާރު އަމަލެއް ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.


އެމްޑީޕީން އެހެން ބުނި ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން އޮފީހުން މިއަދު ބުނީ، ޕީޕީއެމަށް ސޮއިކުރުމަށް މީހުންނަށް މަޖުބޫރުކުރާ ކަމަށް ބުނާ ނަމަ، އެކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި އެ ޕާޓީއާ މީހުން ގުޅެނީ އަމިއްލަ އިހުތިޔާރުގައި ކަމަށް ޕީޕީއެމުން ބުންޏެވެ.

ޕީޕީއެމަށް މެމްބަރުން އިތުރުކުރުމަށް މިދިޔަ ހޮނިހިރުދުވަހު ހިންގި ހަރަކާތުން އެ ދުވަހު އެކަނިވެސް 11،000 މެމްބަރުން އެ ޕާޓީއާ ގުޅިފައިވާ ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ. އެކަމަކު ސަރުކާރުގެ ކުންފުނިތަކުގެ ބައެއް މުވައްޒަފުން ބުނާ ގޮތުގައި ޕީޕީއެމަށް ސޮއި ހޯދަނީ މަޖުބޫރު ކޮށްގެންނެވެ.

މި މައްސަލާގައި އެންމެ ބޮޑު އިދިކޮޅު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ޕީޕީއެމަށް މެމްބަރުން އިތުރު ކުރަނީ، އެ ޕާޓީގެ މުސްތަޝާރު ރައީސް ޔާމީންގެ އަމުރުފުޅަށް، މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ކަމަށެވެ.

"އަދި މިއީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ވަޒީފާއާ ބެހޭ ގާނޫނާއި އައިއެލްއޯގެ އެއްބަސްވުމާއި ބައިނަލްއަގްވާމީ މުއާހަދާތަކާ ކަނޑައެޅިގެން ހިލާފު ދަށުދަރަޖައިގެ ޖަރީމާ އެކެވެ. އެހެންކަމުން މުވައްޒަފުންނަށް މަޖުބޫރު ކުރުވައިގެންނާއި ވަޒީފާގެ ބިރު ދައްކައިގެން ޕީޕީއެމް އަށް ވެއްދުން ވަގުތުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

އެ ޕާޓީން ބުނިގޮތުގައި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރުވައިގެން، ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީންގެ ފެކްޝަނަށް ސޮއިކުރުވާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. އެހެންވެ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތްޕުޅުން ވެސް އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައިވާކަން އެމްޑީޕީން ފާހަގަކުރެ އެވެ.

"އެހެންކަމުން އެކަން އެގޮތަށް ހިނގަމުންދާކަން އިތުރަށް ޔަގީންވެ އެވެ،" އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނިގޮތުގައި ސަރުކާރުގެ ކުންފުނިތަކުގެ އެންމެ އިސްވެރިން، ޕީޕީއެމްގެ ފޯމުތައް މުވައްޒަފުންނަށް ބަހައި، އެމީހުން ލައްވައި ޕާޓީ އަށް ސޮއިކުރުވުމުގެ ހަރަކާތުގައި އަމަލީ ގޮތުން ބައިވެރިވެ އެވެ. އަދި އެކަން އެނގޭނެ ފަދަ ފޮޓޯތައް އެ ކުންފުނިތަކުން އާންމުކޮށް، ޓްވީޓް ވެސް ކުރަމުން ދާކަން ފާހަގަކުރާ ކަމަށް އެމްޑީޕީން ބުންޏެވެ.