ތިލަމާލެ ބްރިޖް ހެދުމުގެ މަސައްކަތްކުރާ އިންޑިއާގެ ކުންފުނި، އެފްކޮންސް އަށް ކޮށްފައިވާ ޖޫރިމަނާ ފައިސާ ދައްްކަންޖެހޭ މުއްދަތު ހަމަވިއިރު ވެސް އެ ފައިސާ ނުދެއްކުމުން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.
ތިލަމާލެ ބްރިޖް ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެފްކޮންސްގެ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި، ލިބުނު ގެއްލުންތަކުގެ ސަބަބުން އެ ކުންފުނި 69 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރީ 2022 ވަނަ އަހަރު އެވެ. އެ ފައިސާ 30 ދުވަހުން ދައްކަން އެންގުމުން ނުދެއްކި އެވެ. އޭގެ ފަހުން ދިން މުއްދަތު ނޮވެމްބަރު 15، 2023 ގައި ހަމަވިއިރު މިއަދާ ހަމައަށް ވެސް ފައިސާ ދައްކާފައި ނުވާ ކަމަށް އީޕީއޭ އިން ބުންޏެވެ.
ޖޫރިމަނާ ކުރުމާ އެކު، ލުޔެއް ދޭން އެދި އެފްކޮންސް އިން ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި އެ މައްސަލަ އިސްތިއުނާފުކުރީ އެވެ. އެކަމަކު، ފަރަށް ލިބުނު ބޮޑު ގެއްލުމަށް ބަލައި މިނިސްޓްރީން ލުއި ނުދިނުމުން އެފްކޮންސް އިން ވަނީ ސިވިލް ކޯޓަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މައްސަލަ ހުށަހަޅައިފަ އެވެ.
އެ ކުންފުނިން ހުށަހެޅި މައްސަލާގައި ޖޫރިމަނާ ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދޭން އެދުނު ނަމަވެސް ކޯޓުން އެ އަމުރެއް ނުނެރެދިނެވެ.
އީޕީއޭގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެފްކޮންސް އިން ޖޫރިމަނާ ދައްކަން ދެކޮޅު ހަދާތީ، ކޯޓަށް މައްސަލަ ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
އެފްކޮންސް އިން ހުށަހެޅި މައްސަލައިގެ ޝަރީއަތް ފަށާފައިވާއިރު، މައްސަލަ ހުށަހަޅާފައި އޮތީ ޖޫރިމަނާކުރި އަދަދަކީ ލިބުނު ގެއްލުމަށް ވުރެ ބޮޑު އަދަދެއް ކަމަށް އެ ކުންފުނިން ގަބޫލުކުރާތީ ކަމަށް ބުނެ އެވެ.
އެފްކޮންސް އިން ހަދާ ބްރިޖުގެ ޖިއޯ ޓެކްނިކަލް ސާވޭއަށް ބޭނުން ކުރާ ޕްލެޓްފޯމު ނެގީ ވިލިމާލެ ފަރަށް އެރިތާ 12 ދުވަސް ފަހުންނެވެ. ޕްލެޓުފޯމު ފުން ކުރިއިރު، ވިލިމާލެ ފަރުގައި 10 ފޫޓުގެ ބޮޑެތި ވަޅުގަނޑު ހެދިފައި ހުއްޓެވެ.