ކ. ގުޅީފަޅު ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލަން ހައި ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށް އަދި ހައި ކޯޓުގެ އަމުރަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް ދައުލަތުން ސުޕްރީމް ކޯޓަށް މިއަދު އެދެފި އެވެ.
ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ތިމާވެށްޓަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ އާންމު ފަރާތަކުން މިދިޔަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ މައްސަލަ ނިމެންދެން މަޝްރޫއު މަޑުޖައްސާލަން ހައި ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ.
އެ އަމުރު އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅާފައިވާ ކަން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ކަށަވަރުކޮށް ދެއްވި އެވެ. އަދި ހައި ކޯޓުގެ އަމުރަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިފައިވާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.
ގުޅީފަޅު ހިއްކުން ހުއްޓުވުމުގެ ސަބަބުން ކޮންމެ ދުވަހަކަށް ދައުލަތަށް އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުންވާނެ ކަމަށް ދައުލަތުން ބުނެފައިވެ އެވެ.
ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން އިއްޔެ ނެރުއްވި އަމުރުގައިވަނީ މަޝްރޫއު ހުއްޓުވުމުގެ ސަބަބުން ދައުލަތަށް ލިބޭނެ މާލީ ގެއްލުމަށް ވުރެ މަޝްރޫއު ކުރިއަށް ގެންދިއުމުން ތިމާވެށްޓަށް ލިބޭނެ އިއާދަ ނުކުރެވޭނެ ގެއްލުންތައް މާ ބޮޑު ކަމަށެވެ.