އެމްޑީޕީން މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި ޝާހިދު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
20 ފެބުރުއަރީ 2024 - 15:13
އެމްޑީޕީގެ ރައީސް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކަނި ކުރިމަތިލެއްވުމުން، އިންތިހާބަކާ ނުލައި އެ މަގާމު އޭނާ އަށް ލިބިވަޑައިގެންފި އެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ރައީސްގެ މަގާމު ހުސްވީ، އެ މަގާމުގައި އެތައް އަހަރެއް ވަންދެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖޫން 2023 ގައި އެމްޑީޕީން ވަކިވެވަޑައިގަތުމުންނެވެ. އެހެންވެ، ވަގުތީ ރައީސަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖެއްސެވި އެވެ.
އެ މަގާމަށް ކުރިމަތިލާން އެމްޑީޕީން ވަނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ހުޅުވާލައިފަ އެވެ. އެކަމަކު، އެ މުއްދަތު ހަމަވިއިރު އެ މަގާމަށް ޝާހިދު އެކަނި ކުރިމަތިލެއްވުމުން އިންތިހާބަކާ ނުލައި އޭނާ ހޮވިފައިވާ ކަމަށް އެ ޕާޓީން ވަނީ އިއުލާންކޮށްފަ އެވެ.
އެމްޑީޕީގެ ރައީސްކަމަށް ވާދަކުރައްވާކަން އިއުލާން ކުރައްވައި ޝާހިދު މިދިޔަ އާދިއްތަ ދުވަހު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާ ފޯރިއަކާއި އާ ޖޯޝަކާ އެކު، އާ ބާރެއްގައި އެމްޑީޕީ ނުކުމެ ރައްޔިތުން އެދޭ މިސްރާބަށް ރާއްޖެ އަލުން ގެންދިއުމަށް އެންމެން އެކުވެ، އަތުގުޅާލަންވެއްޖެ ކަމަށެވެ. "އާ ފޯރިއަކާއި އާ ޖޯޝަކާ އެކު އާ ބާރެއްގައި އެމްޑީޕީ ނިކުމެ ރައްޔިތުން އެދޭ މިސްރާބަށް ރާއްޖެ އަލުން ގެންދިޔުމަށް އެންމެން އެކުވެ އަތުގުޅާލަން ވެއްޖެކަން ބަލާލި ކޮންމެ ދިމާލަކުން މިއަދު މިއޮތީ ފެންނަން،" އޭނާ ވިދާޅުވި އެވެ.
"އާބާރެއް" ގެ ނަމުގައި އެމްޑީޕީގެ ރައީސް ކަމަށް ޝާހިދު ވާދަކުރައްވަން ނިންމެވިއިރު 2014 ވަނަ އަހަރު ޝާހިދު، ޑީއާރުޕީ ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ބޭއްވި އެ ޕާޓީގެ ޖަލްސާ އަށް ދިން ނަމަކީ ވެސް "އާބާރެއް" އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުންނަވައި ޝާހިދު އެމްޑީޕީއާ ގުޅިވަޑައިގަތީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރީގެ ރައީސް މުހައްމަދު ވަހީދާ އެކު ހުންނެވުމަށް ފަހު، ދެ ވަނަ ބުރުގައި އޭރުގެ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ތާއިދު ކުރެއްވުމަށް ފަހު އެވެ.
އެމްޑީޕީގެ ދެ ވަނަ ސަރުކާރުގައި ފޮރިން މިނިސްޓަރު ކަން ޝާހިދު ކުރެއްވިއިރު އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަން ވެސް އޭނާ ވަނީ ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަކުރުބޭ
21 February 2024
ތީހަމަ އިންޑިއާގެ އޯޑަރަށް އައި އަމުރެއް. އެމީހުން އަންގާފަ އޮތީ ދެން ވެރިކަން ވައްޓާލާފަ މީނައަށް ވެރިކަން ހޯދައިދޭން. މިކަހަލަ ހިބަރުވަދަކަށްތާއޭ މިކަންކުރެވޭނީ. އިބޫ ބުނާގޮތް ނަހަދާތީ ކުރިކަމެކޭ. މިހާރު ދޮލަނގުވެސް އެބައާދޭ. މަދުމަދުން. ކާޕެޓުވެސް ލިބޭ
މަޖިލިސް
21 February 2024
ކަމެއްކުރަންޏާ ކުރަންވީ ކަމަކީ ރޯދަމަހުގެ ކުރިން އަވަހަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވައި އެކަން ނިންމަންވީ. ރޯދަމަހުގެ ބަރަކާތް ހާސިލުވާނީ އޭރުން. އެހެން ނޫނީ މުޅި ރޯދަމަހު މުޅަމަސްކެއުމާއި ކުނިފުޅަ ގޮވުމާއި އެކަކު އަނެކަކަށް ހުތުރު އެއްޗެހި ގޮވުމާއި ދޮގު ތުހުމަތުކުރުމާއި ރިޝްވަތު ދިނުމާއި މިހެންގޮސް ހެއްދެވިހައި ނުބައިކަމެއްގައި ތިބޭނީ. ކަންފަތްތަކާއި ލޯތައްވެސް މިނުބައިކަމުން ސަލާމަތްވާނީ އަވަހަށް އިންތިޚާބު ބޭއްވިގެން.
ޢެމެރިކާ
21 February 2024
އެމްޑިޕީ ރޫޅިއްޖެ
ދޮންމަނިކުބޭގެކަޅުޗީ
21 February 2024
ދެންކޮންމެހެން އިންތިހާބެއް ބާއްވާނެކަމެއްނެތް. ތިޔަޕާޓީ އިރެއްގައި ހަރުދަނާ ސިޔާސީޕާޓީއަކަށް އޮތަކަސް މިހާރު ތިއޮތީ ހަންނޮޅި ރޯމަސްގަޑު ފެންނަން. ހަރުދަނާކަމެއް އުރައްޕެއްނެތް. ގަދަމީހާގަދައީ ފަތުލި ހަކުރުގަޑެއްހެން ދެކޮޅު އަސްގަނެފަ އަމޭ ކިޔާ ދިއްކޮށްލީމަ އެހެރީ ރޯތާނާ ރައީސެއް. ދެއަތްފޮޅާފަ ދިޔަމީހާ ބުނާހެން ދެން ރޫޅޭކަށް އިތުރު ތަނެއްނެތް.
އަބްޑޫޅް +
21 February 2024
ދުނިޔޭގެ ރައީސްކަން ވެސް ކޮށްފަ ހުރި މީހެއް. އެހެންވީމަ ތިޔަކަމަށް ފަރިތަ ވާނެ.
އެދުވަސް
21 February 2024
އަޅުގަނޑު އެމްޑީޕީގަ އުޅޭތާ 12 އަހަރު ވެއްޖެ ހިތައްއެރީ މިދުވަސް ނައިނަމައޭ
ސޮއެގާ
21 February 2024
ޝާހިދޫ ޑީއާރުޕީއައް ވީގޮތް ކިޔާދީ ބަލަ
ފަލަކް
20 February 2024
އެމްޑީޕީމީހުން ހިބަރުވަދެއްގަޖެހި އަވަދި،
އިބޫގެ ފޭނެއް
20 February 2024
ޝާހިދޫ އިބޫ ފަކީރައް ކިހިނެއްތި ހެދީ
ޑިސްއޮނަރަބަލް ޑީޑީ
20 February 2024
ޝާހިދުގެ ވެރިކަމެއްގާ ދަތުރުތައް އެޅުން އޮންނަނީ މަޣްރިބްކަރައިން ގެންނަ ކާޕެޓެއްގާ.