އެމްޑީޕީގެ އެތެރޭގެ ހިޔާލުތަފާތުވުންތައް ހައްލު ކުރައްވަން، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކުރެއްވި މަސައްކަތްތަކަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޝުކުރު އަދާކުރައްވައިފި އެވެ.
ނަޝީދު، ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ ފައްޔާޒަށް ޝުކުރު އަދާކުރައްވައި، އެމްޑީޕީގެ އެޑްވައިޒަރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަދި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދަށް ވެސް މަރުހަބާ ދަންނަވައިފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަށް ލިބުނު ކާމިޔާބީ ފާހަގަކުރަން މިދިޔަ ހޯމަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ނަޝީދާއި ފައްޔާޒަށް ވާހަކަ ދައްކަވަން ފުރުސަތު ނުދިނުމުން މައްސަލަ ހޫނުވި އެވެ.
އެކަމާ ނުރުހުން ފާޅުކޮށް، ނަޝީދާއި ފައްޔާޒު ތާއީދުކުރާ ބައެއް އެކްޓިވިސްޓުން ޖަލްސާ ބޮއިކޮޓްކުރި އިރު އެ ދެ ބޭފުޅުން ވެސް ޖަލްސާ އަށް ވަޑައެއްނުގަންނަވަ އެވެ. އަދި އުފެދުނު މައްސަލަ ހޫނުވެ، އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) މަގާމުން ދުރުކުރުމުގެ މަސައްކަތް ވެސް ފެށި އެވެ.
ނަމަވެސް، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރަން އިބޫގެ އުފަން ރަށް، ޅ. ހިންނަވަރުގައި ރޭ އޮތް ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި ޖެހުނު މައްސަލައަށް ހައްލެއް ހޯއްދަވަން އެ ޕާޓީގެ ހުރިހާ ލީޑަރުން މަޝްވަރާ ކުރައްވައި، މަސައްކަތް ފެއްޓެވި ކަމަށެވެ.
މި ފަހަރު ވެސް ދިމާވީ އެމްޑީޕީގެ އެތޭރައި އަބަދުވެސް ދިމާވާ ކަހަލަ މައްސަލައެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ އެތެރޭގައި ޖެހުނު މައްސަލައަކީ އެމްޑީޕީގެ އާއްމު މެންބަރުންނަށް ވަރަށް ބޮޑު މާޔޫސްކަމެއް ގެނައި ކަމަކަށް ވެއްޖެ ކަމަށެވެ.
"އެ ދުވަހުން ފެށިގެން އަޅުގަނޑުމެން އެކަމާ ދޭތެރޭގައި މަޝްވަރާނުކޮށް، ވާހަކަ ނުދައްކައެއް ނޫން މިތިބީއެއް. މީގެ ދެ ދުވަސް ކުރިން މި ޖެހުނު މައްސަލައާ އެކީ ގައި އަޅުގަނޑުމެން ހުރިހާ ލީޑަރުން، ޕާޓީގައި އިސްކޮށް މިތިބި މީހުން މިދަނީ މަޝްވަރާކޮށް، މި އަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވި ގޮތުގައި، އިއްޔެ އާއި ރޭ ވެސް އެ މަނިކުފާނު ގިނަ ވަގުތު ހޭދަކުރެއްވީ އެ މަޝްވަރާތަކުގަ އެވެ.
"އިރާދަކުރެއްވިއްޔާ، މިހާ ހިސާބަށް އާދެވުނު އިރުގައި އަޅުގަނޑުމެން މިވަނީ މިކަމަށް ހައްލެއް ހޯދާފައި. އާއްމު މެންބަރުން އެ އެދޭ ގޮތަށް އަޅުގަނޑުމެން މުޅި ލީޑަޝިޕް އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި ހިސާބަށް އާދެވުނު އިރު ހޯދިއްޖެ،" އިބޫ ވިދާޅުވި އެވެ.
ނަމަވެސް އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ ހައްލު ރަސްމީކޮށް އަންނާނީ މިއަދު ނުވަތަ މިރޭގެ ވަގުތެއްގަ އެވެ.
ދެން 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުުރަން އެމްޑީޕީގެ ލީޑަޝިޕް މަސައްކަތް ކުރާނީ އެކީގައި އޮވެގެން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އެ މަސައްކަތް ކުރާނީ އެއްވެސް މީހަކު ބާކީ ނުވާ ކަހަލަ ގޮތަކަށް އިންތިޒާމު ކޮށްގެން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީގެ މަސައްކަތް އިންތިޒާމުކުރާނީ އިބޫ ވިދާޅުވި ގޮތުގައި މިހާރު ހުންނެވި ޗެއާޕާސަން އާއި ޕާޓީގެ ރައީސް އަދި އެހެން ލީޑަރުން އެކުގައި ތިއްބަވާ ގޮތަށް ރޭވިގެންނެވެ.