އެމްޑީޕީ ހިންގުމާ ގުޅޭ ބޮޑެތި ކަންތައްތަކުގައި ޗެއާޕާސަނަށް ލަފާ ދިނުމަށް އެ ޕާޓީގެ ފަސް ލީޑަރުންގެ ކޮމިޓީއެއް އެކުލަވާލައި ބޮޑެތި ބަދަލުތަކެއް ގެނައުން ފާސްކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު އިދިިކޮޅު ޕާޓީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ހައްލެއް ގެނެސްފައިވާކަން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ އިއުލާން ކުރިއަސް އޭގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ނަމަވެސް، އެނގިފައިވާ ގޮތުގައި ޕާޓީގެ އިސްވެރިން މި 2-3 ދުވަހު ބޭއްވި މަޝްވަރާތަކުން އެއްބަސްވުމަކަށް އައިސްފައި ވަނީ ކުރީގެ ރައީސުންނަށް، އެމްޑީޕީގެ ގައުމީ މަޖިލީހުން ފުރުސަތު ދިނުމާއި ޗެއާޕާސަނަށް ލަފާދިނުމަށް ފަސް މެމްބަރުންގެ އިންޓެރިމް ކޮމިޓީއެއް އުފައްދާށެވެ.
އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ؛
- ކުރީގެ ރައީސް މުހައްމަދު ނަޝީދު
- ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)
- ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
- ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު
- ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ)
އެ މަޝްވަރާތަކުގައި އެންމެ ފަހު ކަމަކަށް އެެއްބަސްވެވަޑައިގަތީ އެމްޑީޕީގެ އެޑްވައިޒަރުންނަށް އެންމެ ވާދަވެރި ދެ ބޭފުޅުން ކަމަށްވާ އިބޫ އާއި ނަޝީދު އައްޔަންކުރާށެވެ.
އެކަންކަމާ މެދު ގޮތެއް ނިންމަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ނުވައެއް ޖަހާއިރު އޮންނާނެ އެވެ. އެ ޕާޓީގެ ޖަލްސާތައް އާއްމުކޮށް ހުޅުވާލައިގެން ބޭއްވިއަސް މި ބައްދަލުވުން ސިއްރު ކުރަން ވަނީ ނިންމައިފަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން އާޓިފިޝަލް ބީޗްގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ނަޝީދާއި ފައްޔާޒަށް ވާހަކަ ދައްކަވަން ފުރުސަތު ނުދިނުމުން އުފެދުނު މައްސަލަ ހޫނުވެ، ވަގުތީ ޗެއާޕާސަން ގަޕޯ މަގާމުން ދުރުކުރުމުގެ މަސައްކަތް ވެސް ފެށި އެވެ. އެކަމަށް ބޭނުންވާ އަދަދަށް މެމްބަރުންގެ ސޮއި ހަމަކުރިއަސް، މަޝްވަރާތަކާ ހެދި ޕެޓިޝަން ވެސް ބޭރުކުރަން ނިންމީ އެވެ.
އެ ހޫނުގަނޑު މައިތިރި ނުވެ އުޅެނިކޮށް ދެން ފެނުނީ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން، އިދާރީ އބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް މަގާމުން ވަކިކުރި ތަނެވެ. ވަގުތީ ޗެއާޕާސަން ގަޕޯގެ ސިޓީއަކުން އެ ދެ ބޭފުޅުން މަގާމުން ވަކިކުރިކަން އެންގެވުމާ އެކު އިތުރަށް ހުޅުފަޅައިގެން ދިޔަ އެވެ.
އޭގެ ނަތީޖާއަކީ ވަގުތީ ޗެއާޕާސަން ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލައެއް 55 މެމްބަރުންގެ ސޮޔާއެކު ހުށަހެޅުމެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި ލީޑަރުންގެ މެދުގައި މިހާރު އެއްބަސްވެފައި ވަނީ އިބުރޭ އާއި މައުރޫފްގެ މަގާމު އިޔާދަކޮށް، ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންނާށެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރަން އިބޫގެ އުފަން ރަށް، ޅ. ހިންނަވަރުގައި ރޭ ބޭއްވި ޖަލްސާގައި ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި ޖެހުނު މައްސަލައަށް ހައްލެއް ހޯއްދަވަން އެ ޕާޓީގެ ހުރިހާ ލީޑަރުން މަޝްވަރާކޮށް މަސައްކަތް ފެށި ކަމަށެވެ. މި ފަހަރު ވެސް ދިމާވީ އެމްޑީޕީގެ އެތެރޭގައި އަބަދު ވެސް ދިމާވާ ކަހަލަ މައްސަލައެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ އެތެރޭގައި ޖެހުނު މައްސަލައަކީ އެމްޑީޕީގެ އާއްމު މެންބަރުންނަށް ވަރަށް ބޮޑު މާޔޫސްކަމެއް ގެނައި ކަމަކަށް ވެއްޖެ ކަމަށެވެ.
"އެ ދުވަހުން ފެށިގެން އަޅުގަނޑުމެން އެކަމާ ދޭތެރޭގައި މަޝްވަރާނުކޮށް، ވާހަކަނުދައްކައެއް ނޫން މިތިބީއެއް. މީގެ ދެ ދުވަސް ކުރިން މި ޖެހުނު މައްސަލައާއެކީގައި އަޅުގަނޑުމެން ހުރިހާ ލީޑަރުން، ޕާޓީގައި އިސްކޮށް މިތިބި މީހުން މި ދަނީ މަޝްވަރާކޮށް، މިއަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން،" އިބޫ ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ، މިހާ ހިސާބަށް އާދެވުނު އިރުގައި އަޅުގަނޑުމެން މިވަނީ މިކަމަށް ހައްލެއް ހޯދާފައި. އާއްމު މެންބަރުން އެ އެދޭ ގޮތަށް އަޅުގަނޑުމެން މުޅި ލީޑަޝިޕް އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިހިސާބަށް އާދެވުނު އިރު ހޯދިއްޖެ،" އެ މަނިކުފާނު ވިދާޅުވި އެވެ.