ރައްޔިތުންގެ މަޖިލީހުން ބައެއް ވަޒީރުންނަށް ރުހުން ނުދިނީ ބޭރުގެ ބަޔަކު ރުއްސުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ މި ސަރުކާރުގެ ތިން ވަޒީރަކަށް ރުހުން ނުދޭން ފާސްކޮށްފަ އެވެ. އެއީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ. ނަމަވެސް ރައީސް މުއިއްޒު ވަނީ އަލުން އެ ބޭފުޅުން އެ މަގާމުތަކަށް އައްޔަން ކުރައްވައި މަޖިލިހުގެ ރުހުން ހޯދަން ފޮނުއްވައިފަ އެވެ. އެކަމަކު، މަޖިލިހުން އަދި އެ މައްސަލަ އަށް ވަކި ގޮތެއް ނުނިންމަ އެވެ.
ނުސީދާކޮށް އިންޑިއާ އަށް އަމާޒުކުރައްވައި، ހދ. ނޮޅިވަރަމްފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު މިރޭ ވިދާޅުވީ "ބޭރުގެ ކޮންމެވެސް ބަޔަކު" މަޖިލިހުގެ މެމްބަރުންގެ މައްޗަށް ބާރު ހިންގައި ވަޒީރުންނަށް ރުހުން ނުދޭން މަޖުބޫރުކުރި ކަމަށެެވެ.
"އަޅުގަނޑުމެންނަށް ވެސް މައުލޫމާތު ލިބޭ އެ ބޭފުޅުން [މެމްބަރުން] ގެ މައްޗަށް ވެސް ބާރު ހިންގާ ބޭރުގެ ކޮންމެވެސް ބަޔަކު ކަމަށް ބޮޑަށް ގަބޫލުކުރެވޭ ފަރާތަކުން އަމުރުކުރާ ގޮތަކަށް ހަމަ މަޖުބޫރުން ކޮންމެވެސް ތިން ހަތަރު ވަޒީރަކަށް ރުހުން ނުދޭން،" އުތުރުގެ ހަތަރު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޮޅިވަރަމްފަރަށް ވަޑައިގެން ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މެމްބަރުން ކައިރީ ވެސް ބުނަމުން ދިޔައީ ތިޔަ އެންމެންނަކަށް ނުޖެހެއޭ ރުހުން ދޭން. ތިމަންނަމެން ކޮންމެހެނުން ވެސް ޖެހެއޭ ދެ ތިން މީހުން ދުއްވާލަން. ހަމަ މި ލޭންގުއެޖް ބޭނުންކުރީ އެ ބޭފުޅުން."
އެމްޑީޕީ އަދި އެ ޕާޓީން ކުރިން ހިންގި ސަރުކާރާއި އިންޑިއާއާ ގާތްގުޅުމެއް އޮންނައިރު، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވައިލަން ރައީސް މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރާތީ އިންޑިއާގެ ހިތްހަމަނުޖެހުން މި ސަރުކާރަށް ވަރަށް ބޮޑެވެ.
ރައީސް މުއިއްޒު މިރޭ ވިދާޅުވީ ރައީސަކަށް ހުންނަވާ ބޭފުޅަކު ވަޒީރުން އައްޔަން ކުރެއްވުމުން ރުހުން ދޭން ޖެހޭ ކަމަށާއި އެކަމަކު އެ ވަޒީރަކަށް ރަނގަޅަށް މަސައްކަތް ނުކުރެވޭ ނަމަ، އެ ބަޔަކު މަގާމުން ދުރުކުރުމުގެ ބާރު ވެސް ރައްޔިތުންގެ މަޖިލީހަށް އޮންނަ ކަމަށެވެ. އޭގެ ބަދަލުގައި ބައެއް ވަޒީރުންނަށް ރުހުން ނުދިނީ ހަމަ އެއްވެސް އަސާސެއް ނެތި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް، އެކަމަށް އިޝާރާތް ކުރެއްވީ، އެމްޑީޕީގެ ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރުގެ މަސައްކަތްތަކަށް ހުރަސް އަޅަމުން ދާ ކަމަށް ވިދާޅުވެ އެެވެ. އެ މަނިކުފާނު ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ކޮންމެ ރަށެއްގައި ވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އިދިކޮޅު މެޖޯރިޓީއެއް އޮތް މަޖިލީހެއް އޮތުމުން ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫއުތަކަށް ހުރަސް އަޅާތީ ދަތިވެފައިވާ ކަމަށެވެ.
އެހެންވެ، ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ހޯދައިދޭން ރައީސް މުއިއްޒުގެ ގެންދަވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަމުންނެވެ.