މާލޭގެ މަގުތަކަށް ގޭގެއިން ގިނަ އަދަދަކަށް ކުނި ނެރެ، ގޮނޑުކުރަމުންދާ މައްސަލާގައި މިހާތަނަށް 100 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
އިއްޔެ ފެށި ރޯދަމަހުގެ ކުރިން ގިނަ ބަޔަކު ޖޫރިމަނާ ކުރިޔަސް މާލޭގެ އެކި ސަރަހައްދުތަކަށް ކުނިއެޅުމުގެ މައްސަލަ ރޯދަމަސް ފެށިއިރު ވެސް ހައްލެއް ނުވި އެވެ. ރޯދަމަހަށް ގޭތެރެ ސާފުކޮށް، ފަރުނީޗަރާއި ގޭގޭގައި ހިފައި ގެންގުޅޭ އެހެން ސާމާނު ބައެއް މީހުން ނެރުނީ މަގުތަކަށެވެ. އެހެންވެ، މާލޭގެ އެކި ސަރަހައްދުތައް ވަރަށް ބޮޑަށް ގޮނޑުވެ، ކަންކަން ބޮއްސުންލައިގެން ދިއުމުން ސިޓީ ކައުންސިލާއި ވެމްކޯ އިން ވަނީ މަގުތައް ސާފުކުރުމުގެ ހާއްސަ މަސައްކަތްތަކެއް ފަށައިފަ އެވެ.
މާލެ އާއި ވިލިމާލޭގެ މަގުތަކާއި ޕާކު ތަކާއި އާންމުތަންތަނާއި ބަނދަރުތަކާއި ވިޔަފާރި ސަރަހައްދުތަކަށް ކުނި އެޅުމަކީ މަނާ ކަމެކެވެ. އެފަދަ ތަންތަނަށް ކުނި އަޅާ ނަމަ ކައުންސިލުން ޕޮލިހަށް މައްސަލަ ހުށަހެޅުމުން ޕޮލިހުންނަށް ޖޫރިމަނާ ކުރެވެ އެވެ.
ސިޓީ ކައުންސިލުން މިއަދު ބުނީ މާލެ ސަރަހައްދުގެ އެކި ތަންތަނަށް ކުނި އަޅައިގެން މިދިޔަ މަހުން ފެށިގެން 100 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. ޖޫރިމަނާ ކުރަނީ ކޮންމެ މީހަކު 500ރ. އިންނެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާއިތުވި 16 ދުވަސް ތެރޭގައި ސިޓީ ކައުންސިލުން އެކަނި ވެސް މާލޭގެ އެކި ސަރަހައްދުތަކުން 222.5 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ.
ކުނި އަޅާ މަގުތައް ސާފުކުރިޔަސް ތަކުރާރުކޮށް ކުނި އަޅަމުންދާ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.
މަގުތަކުގެ ދެ ފަޅި އާއި ޕޭވްމަންޓުތަކަށް އަޅާފައިވާ ކުނިފުނިތަކުން މުޅި މާލެ ފުރާލާފައިވާއިރު އެކަމުގެ ސަބަބުން ވެހިކަލްތައް ޕާކުކުރާނެ ސަރަހައްދު ކުޑަވެ، ދުއްވާ މީހުންގެ އިތުރުން ހިނގައިބިނގާވެ އުޅޭ މީހުންނަށް ވެސް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.