ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބަލަހައްޓަން ތުރުކީން އަސްކަރީ ޑްރޯންތައް ގަންނަނީ މާ އަގުބޮޑުކޮށް ކަމަށާއި މިދިޔަ ސަރުކާރުގައި އަސްކަރީ ޑްރޯންތަކެއް ރާއްޖެ އަށް ހިލޭ ދޭން ގައުމަކާ އެކު މަޝްވަރާތައް ކުރެވުނު ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
ތުރުކީން ރާއްޖެ އަށް ތިން އަސްކަރީ ޑްރޯން ގަނެ، އެ އޮޕަރޭޓް ކުރުމަށް ނ. މާފަރުގައި ބޭސްއެއް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ނަމަވެސް، މިހާތަނަށް މިކަމާ ގުޅޭ ގޮތުން ސަރުކާރުން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
އެމްޑީޕީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގެ ތަރުޖަމާނު އަހުމަދު އީސާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އަސްކަރީ ޑްރޯން ގެނައުމަށް ގިނަ މަސައްކަތްތަކެއްކޮށް، ޕައިލެޓް ޕްރޮޖެކްޓެއް ވެސް ހިންގި ކަމަށެވެ. އޭނާ ވިދާޅުވީ ނިމިގެން ދިޔަ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރަހުމަތްތެރި ގައުމަކުން ރާއްޖެ އަށް ހިލޭ ޑްރޯންތަކެއް ދިނުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ. ނަމަވެސް، ސަރުކާރު ބަދަލުވީ އެ މަޝްވަރާތައް ދެ ގައުމުގެ އިސްވެރިން ކުރަމުންދަނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
އީސަ ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، "ތެޅެމުން ފޮޅެމުން" ތުރުކީ އަށް ވަޑައިގެން ކުއްލި އަކަށް އަސްކަރީ ޑްރޯންތަކެއް ގަންނަން އުޅުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
"ބަޖެޓް ވެސް ކޮށްފައި ނެތް ކަމެއްގެ ވާހަކަ މި ދައްކަނީ. ކޮންޓެންޖެންސީ ބަޖެޓުން 30 އެތައް މިލިއަން ޑޮލަރެއް އެކަމަށް ހަރަދު ކުރިއިރު ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދިނުމަށް ކުރަން ޖެހޭ މާ މުހިންމު ކަންކަން އެބަހުރި. ކުރީ ސަރުކާރުން ފަށާފައި ހުރި 1720 ޕްރޮޖެޓް ހުއްޓާލީ، އެއިން ކޮންމެ ޕްރޮޖެކްޓަކީ އެހާމެ މުހިންމު ޕްރޮޖެކްޓް،" ކެނދިކުޅުދޫ ދާއިރާގެ މެންބަރު ވިދާޅުވި އެވެ.
އީސަ ވިދާޅުވީ ދައުލަތުން އެންމެ އިސްކަން ދޭން ޖެހޭ ކަންކަން ގާނޫނުއަސާސީގައި ލިޔެފައި އެބަހުރި ކަމަށާއި އެކަންކަން ރައްޔިތުންނަށް ފޯރުކޮށްނުދީ، ހުއްޓާލައިގެން އެހެން ކަންކަން ކުރަން ސަރުކާރުން އުޅެގެން ނުވާނެ ކަމަށެވެ. އެހާ އަގުބޮޑުކޮށް ޑްރޯންތައް އަވަސް އަރުވާލައިގެން ގަނެފައިވަނީ އީސަ ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފައިސާ ހޯދުމަށް ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކަމަށެވެ.
"އާންމުކޮށް ބާޒާރުގައި ދުނިޔޭގެ ބާޒާރުގައި އެ ޓެކްނޮލޮޖީ ވިއްކަން ހުރި އަގަށް ވުރެ މާ އަގުބޮޑުކޮށް ނުއަގުގައި އެކަން ކުރައްވާފައި އެ އޮތީ. އަޅުގަނޑުމެންގެ އަތުގައި އެ ތަފްސީލްތައް އެބަހުރި. ޑްރޯންތަކުގެ އަގާއި ރާއްޖެ އަށް ބޭނުން ވަނީ ކިތައް ޑްރޯން ކަމާއި މަރުކަޒުތައް ގާއިމް ކުރަން ޖެހޭ ސަރަހައްދުތަކާއި އެއީ އަސްކަރީ ތަޖުރިބާކާރުން ދިރާސާ ވަރަށް ބޮޑަށް ކުރައްވާފައިވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އީސަ ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވީއެންމެ ބޮޑަކަށް ބެލެހެއްޓުމަކީ ކޮންމެ ގައުމަކުން ވެސް ބޭނުންވާނެ ކަމެއް ކަމަށާއި ނަމަވެސް، އެކަން ކުރެވޭނީ އެ ގައުމެއްގެ ކެރިކުޅަދާނަކަން ހުރި މިންވަރަކުން ކަމަށެވެ. ދުނިޔޭގެ ވަރަށް މޮޅު ޓެކްނޮލޮޖީ އެބަހުރި ކަމަށާއި އެކަމަކު، ރާއްޖޭގެ މާލީ ހާލަތު ހުރި ގޮތުން އެ ހިސާބަށް އަދި ދެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޑރ. މުހަައްމަދު މުއިއްޒު ތުރުކީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ގައުމުން އުފައްދާ އަސްކަރީ އުޅަނދުތައް ބެއްލެވި އެވެ. އަދި، ރާއްޖެ އަށް އަސްކަރީ ޑްރޯން ހޯދުމަށް ތުރުކީގެ ކުންފުންޏަކާ އެކު އެއްބަސްވުމެއް ހެދި އެވެ. އެ އެއްބަސްވުމުގެ ތަފުސީލެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. ރާއްޖެ އިން ޑްރޯން ގަތުމަށް ހަމަޖެހިފައިވަނީ ކިހާ ފައިސާއެއް ހަރަދުކޮށްގެން ކަމެއް ވެސް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ނަމަވެސް އެ އެއްބަސްވުމުގެ ދަށުން ރާއްޖެ އަށް އަސްކަރީ ޑްރޯންތަކެއް މިހާރު ގެނެސް އެ ބޭނުންކުރަން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް "މިހާރު" އަށް އެނގިފައި ވެ އެވެ. އޭގެ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އާންމުވި އެވެ. ތުރުކީގެ ޑްރޯންތައް ބޭނުންކުރާނެ ގޮތުގެ ތަމްރީނު ހޯދުމަށް ދިވެހި ސިފައިންގެ ހާއްސަ ޓީމެއް މިހާރު ވެސް ވީ އެ ގައުމުގަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލްކަން މި ސަރުކާރުން ގާއިމްކުރާނެ ކަމަށް ވިދާޅުވެފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ރ. މީދޫގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބެލެއްޓުމުގެ ނިޒާމު މި މަހު ހަމަޖެހި، އެ މަސައްކަތް ފަށާނެ ކަމަށެވެ. ރައީސް އެ އިޝާރަތް ކުރެއްވީ ޑްރޯން އޮޕަރޭޝަން ފެށުން ކަމަށް ބެލެވެ އެވެ.