ޖަޕާނުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ޖަޕާނާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވަނީ ކަސްޓަމްސް ޕެޓްރޯލް ކްރާފްޓެއް ފޯރުކޮށްދިނުމުގެ އެއްބަސްވުމަކާއި މެރިޓަމް ސޭފްޓީ އަދި ސެކިޔުރިޓީ ގާއިމް ކުރުމުގެ މަސައްކަތަށް 1.7 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމުގެ އެއްބަސްވުުމެއްގަ އެވެ.
އޭގެ އިތުރުން ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ކުރާ މަސައްކަތަށް ބޭނުންވާ ސާމާނު ފޯރުކޮށްދީ، އެފަދަ ކާރިސާތަކަށް އިޖާބަދިނުމުގެ ގާބިލްކަން އިތުރު ކުރުމަށް 3.9 މިލިއަން ޑޮލަރުގެ އެހީ އާއި ކަސްޓަމްސް ޕެޓްރޯލް އުޅަނދުތަކަށް ބޭނުންވާނެ އިކުއިޕްމެންޓް ފޯރުކޮށްދިނުމަށް 3.7 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް ވެސް ހިމެނެ އެވެ.
އެ ތަކެތި ރާއްޖެއާ ހަވާލު ކުރުމަށް ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީ އެވެ.
މިނިސްޓްރީން ބުނީ އެ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖެ އާއި ޖަޕާނާ، ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ.
ރާއްޖެ ސަރުކާރުން ވަނީ ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީ އަށް ޖަޕާނުން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.