ޖަޕާން ސަރުކާރުގެ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް (ޖޭޑީއެސް) ގެ ދަށުން ރާއްޖެއަށް 15 މިލިއަން ރުފިޔާގެ ހިލޭ އެހީ މިއަދު ހަދިޔާކޮށްފި އެވެ.

ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކޮށްފައިވާއިރު، ފޮރިން މިނިސްޓްރީން ބުނީ ޖޭޑީއެސްގެ ދަށުން މި އަހަރަށް ހަ ސްކޮލާޝިޕްގެ ފުރުސަތު ދޭނެ ކަމަށެވެ. އެކަމަށް ހިލޭ އެހީގެ ގޮތުގައި ޖަޕާނުން 161 މިލިއަން ޖަޕަނީސް ޔެން (15.9 މިލިއަން ދިވެހި ރުފިޔާ) ދޭން ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެކަމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން މިއަދު ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ތަކެއުޗި މޮދޮރި އެވެ.

އެއީ ޖަޕާނު ސަރުކާރުން 2020 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެހީއެކެވެ. އެ ފުރުސަތުގެ ދަށުން ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވާސިޓީތަކުގައި މާސްޓަސް ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި ސްކޮލާޝިޕަކީ މުސްތަގުބަލުގައި އިޖުތިމާއީ، އިގްތިސޯދީ ތަރައްގީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެ ގާބިލު އަދި ގައުމު އާރާސްތުކުރުމަށް މުހިއްމު ރޯލެއް އަދާކުރާނެ ފުރުސަތެކެވެ.