އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ޖަޕާނު ސަރުކާރުން ރާއްޖެއަށް ދޭ ސްކޮލަޝިޕްގެ ފުރުސަތުތައް އިތުރުކުރުމަށް ދޭ 152 މިލިއަން ޔެން (1.02 މިލިއަން ޑޮލަރު)ގެ ހިލޭ އެހީގެ އެއްބަސްވުމުގައި ދެ ގައުމުން މިއަދު ސޮއިކޮށްފި އެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނެއްގައި ބުނީ ޖަޕާނުގެ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ނުވަތަ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ރާއްޖެއަށް ދޭ މި އެހީއަކީ "ޖަޕަނީޒް ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް (ޖޭޑީއެސް)"ގެ ދަށުން، ކުރިއަށް އޮތް މާލީ އަހަރަށް ރާއްޖޭގެ ދަރިވަރުންނަށް ސްކޮލަޝިޕްގެ ފުރުސަތުތައް ފޯރުކޮށްދިނުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ދިން އެހީއެއް ކަމަށެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯ އެވެ.
ޖޭޑީއެސް ސްކޮލަޝިޕް ޕްރޮޖެކްޓް
- ފެށި އަހަރު: 2020 ވަނަ އަހަރު
- މަގުސަދު: ރާއްޖޭގެ ޒުވާނުންނަށް ބޭނުންވާ އިލްމާއި ހުނަރުތައް އުނގަންނައިދީ، ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ދާއިރާ ތަރައްގީކުރުމަށް ގާބިލު މީހުން ބިނާކުރުން
- ދާއިރާ: ޖަޕާނުގެ މަތީ ފަންތީގެ ޔުނިވާސިޓީތަކުން މާސްޓާޒް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު
- މިހާތަނަށް ލިބުނު ކުރިއެރުން: މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 17 ދަރިވަރުން ވަނީ މަތީ ތައުލީމު ހާސިލްކޮށް ގްރެޖުއޭޓްވެފައި. އަދި މި ވަގުތު 9 ދަރިވަރަކު އަންނަނީ ޖަޕާނުގައި މަތީ ތައުލީމު ހާސިލްކުރަމުން
މިއަދު ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި ސިވިލް ސާވިސް ކޮމިޝަނާއި ޖަޕާން އެމްބަސީ އަދި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ)ގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.