ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާ 200 މީޓަރަށް ވުރެ ކައިރިން ވެލި ނެގުމާއި ބިން ހިއްކުން އަދި ފަޅު ފުންކުރުން ފަދަ ކަންކަމަށް ހުއްދަ ދެވޭ ގޮތަށް ގަވައިދު ބަދަލުކުރި ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވިޔަސް އެއީ 2014 ވަނަ އަހަރު ގެނެސް އޮތް އިސްލާހެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
"ރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދު" އަށް ގެނައި އިސްލާހާ ގުޅޭ ގޮތުން އޮޅުން އަރާ ގޮތަށް ފެތުރި ޚަބަރުތަކާ ގުޅޭ ގޮތުން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ފަހަރު ގެނައި އިސްލާހަކީ "އެންވަޔަރަންމަންޓަލީ ސެންސިޓިވް އޭރިއާ" އެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނަކާ 200 މީޓަރަށް ވުރެ ކައިރިން ވެލި ނެގުމާއި ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ މަސައްކަތަށް ހުއްދަ ދެވޭނީ ވަޒީރުންގެ މަޖިލީހަށް ކަމަށް ކަނޑައަޅާފައި އޮތް އޮތުމުގެ ބަދަލުގައި، ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކަށް އެ ހުއްދަ ދެވޭ ގޮތަށް ހެދުން ކަމަށެވެ.
މިނިސްޓްރީން ބުނީ މި އިސްލާހުގެ އިތުރުން އިތުރު އެހެން ކަމެއް ގަވައިދުން މި ފަހަރު ބަދަލު ނުކުރާ ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެ އިސްލާހު ގެންނަން ނިންމީ ސަރުކާރު ހިންގުމުގެ އިދާރީ އިންތިޒާމުތައް މިވަގުތު ހަމަޖެހިފައިވާ ގޮތުން މިފަދަ ނިންމުންތައް ނިންމުމަށް "އިކޮނޮމިކް ކައުންސިލް" ގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކައުންސިލެއް އުފައްދަވާފައިވާތީ އެވެ.
ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާ 200 މީޓަރަށް ވުރެ ކައިރިން، ވަޒީރުންގެ މަޖިލީހުން ނިންމައިގެން، ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުއެއްގެ ބޭނުމަށް ވެލި ނެގުމާއި ބިން ހިއްކުމާއި ފަޅު ފުންކުރެވޭ ގޮތަށް ގަވާއިދު ބަދަލުކޮށްފައިވަނީ ފެބްރުއަރީ 9، 2014 ގަ އެވެ.