ހުޅުމާލެ 2 ގެ ބީޗު ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ޖަހާފައިވާ ހަޓުތައް ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.

އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ، ބީޗު ކައިރީގައި ޖަހާފައިވާ ހަޓުތައް މި މަހުގެ ނިޔަލަށް ނެގުމަށް އެންގީ އެ ތަން އިތުރަށް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ.

އެޗްޑީސީން ބުނިގޮތުގައި، އެ މުއްދަތުގެ ތެރޭގައި އެ ތަނުގައި ހުރި ތަކެތި ނުނަގައިފި ނަމަ އެ ކުންފުނިން އެ ތަކެތި ނަގައި ސާފުކުރާނެ އެވެ.

"މިގޮތުން ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން މި ތަކެއްޗަށް ލިބޭ ގެއްލުމަށް މި ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމުގައި ދަންނަވަމެވެ،" އިއުލާނުގައި ވެ އެވެ.

ހުޅުމާލެ 2 ގެ ބީޗު ސަރަހައްދުގައި ޖަހާފައިވާ ހަޓުތައް ނަގަން އެޗްޑީސީން އެންގިއިރު، ހިޔާ ފްލެޓްތަކާ އިންވެގެން އޮންނަ އެ ދިމާލުގައި ހަޓުތައް ޖަހައިގެން ގިނަ ބަޔަކު ދަނީ ކުދި ވިޔަފާރި ކުރަމުންނެވެ.

ހިޔާ ފްލެޓްތައް ކައިރީ ބީޗާ ދިމާލުގައި ހަޓު ޖަހައިގެން ވިޔަފާރި ކުރަނީ-- ފޮޓޯ: އެޗްޑީސީ
ހިޔާ ފްލެޓްތައް ކައިރީ ބީޗާ ދިމާލުގައި ހަޓު ޖަހައިގެން ވިޔަފާރި ކުރަނީ-- ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ބުނީ އެއީ ތަރައްގީ ކުރުމުގެ މަރުހަލާގައި އޮތް ތަނަކަށްވެފައި ވަސީލަތްތައް ވެސް ގާއިމުވެފައި ނެތުމުން ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށެެވެ. އެ ތަން މިހާރު ބޭނުންކުރަމުންދާ ގޮތުން އެތަން ސާފުކޮށް ބެލެހެއްޓުމަށް ވެސް ދަތިވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެހެންވެ، އެ ސަރަހައްދު އިތުރަށް ތަރައްގީކޮށް، ވަސީލަތްތައް ގާއިމުކުރާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

ހިޔާ ފްލެޓުގައި ދިރިއުޅޭ ބައެއް މީހުން، އެ މީހުންގެ ޓަވަރުތަކުގެ ތިރީގައި ހަޓު ހަދައިގެން ކުރިން ވެސް ހެދިކާ ވިއްކުމުގެ ވިޔަފާރިކުރި އެވެެ. އެކަމަކު އޭރު އެ ސަރަހައްދު ތަރައްގީ ކުރުމަށް އެ ތަންތަން ނެގުމުން ފަހު، ބީޗު ކައިރީގައި ހަޓު ޖަހައިގެން އެ ވިޔަފާރި ފެށީ އެވެ.