ރާއްޖޭގެ ހުރިހާ ސްކޫލެއް ދެ އަހަރުގެ ތެރޭގައި އޭސީ ކުރަން، "ކޫލް ސްކޫލް" ޕްރޮޖެކްޓް މިއަދު އިފުތިތާހްކޮށްފި އެވެ.
މާފުށީ ސްކޫލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ޕްރޮޖެކްޓް އިފްތިތާހުކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ހުރިހާ ސްކޫލެއް އޭސީ ކުރަން މި ފަށާ ޕްރޮޖެކްޓަކީ ފިނިކުރުމަކުން ނިންމާލާ ކަމެއް ނޫން ކަމަށެވެ.
"ކޫލް ސްކޫލެއްގައި ހިތަށް ފިނިކަން އަންނާނެ. އުފާވެރިކަން އިހުސާސް ވާނެ. ފިނިކަމާ އެކު ދަރިވަރުންގެ ސްލޫކާއި އުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ. ވިޔާނުދާ ކަންތައްތަކުން ދަރިވަރުން ދުރުހެލިވާނެ. ހިތް އުފާވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
"ބުލީއެއް ނުކުރާނެ. ރުޅިވެރިކަމެއް މިފަދަ މާހައުލެއްގައި ނޯންނާނެ. ޓީޗަރުންނާއި ސްކޫލު މެނޭޖްމެންޓާއި ބެލެނިވެރިން އެންމެން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާއަކަށް ވާން ވާނީ ރަށަށް، ގައުމަށް އަދި އެ ކުދިންގެ މުޅި ދިރިއުޅުމަށް އުޖާލާކުރުވަނިވި ފިލާވަޅުތަކެއް، ތަރުބިއްޔަތު ތަކެއް އަދި ކާމިޔާބު ކާމިޔާބު އިންސާނުން އުފެއްދުމަށް ލިބެން ޖެހޭ ހުރިހާ ތައުލީމަކާއި ތަރުބަވީ ކަންތައްތަކެއް ފުރިހަމަވެފައިވާ ވެއްޓަކަށް ސްކޫލް ވެށި ވެގެން ދިއުން."
ސްކޫލްތައް އޭސީކުރުމުން މިހާރު ދައުލަތުން ކުރާ ހަރަދަށްް އިތުރުވެގެންދަނީ 38 ޕަސެންޓް ކަމަށާއި އެ ޕްރޮޖެކްޓްގެ 30 އިންސައްތަ ގެންދާނީ އިޔާދަކުރަނިވި ހަކަތައިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންދަނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާ އެކު، ސޯލާ ޕެނަލް ހަރުކުރެވޭނެ ސްކޫލްތައް ފާހަގަކޮށް ކުޑަ ހަރަދެއްގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.