އެކިއެކި ސްކޫލްތަކުގެ ކްލާސްތައް އޭސީ ކުރުމަށް ބެލެނިވެރިން އަތުން ފައިސާ ނަގަނީ އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހުރިހާ ސްކޫލެއްގެ ކްލާސްރޫމުތައް ދެ އަހަރުގެ ތެރޭގައި އޭސީ ކުރަން ނިންމައި "ކޫލް ސްކޫލް" ޕްރޮޖެކްޓެއް މިދިޔަ ޖޫން މަހު ވަނީ އިފްތިތާހު ކޮށްފަ އެވެ.
އެ ޕްރޮޖެކްޓު ފަށާފައި ވަނިކޮށް، ބައެއް ސްކޫލްތަކުން ބެލެނިވެރިންނަށް ވަކިން ގުޅައި، އޭސީ ހަރުކުރުމަށް ބޭނުންވާ ފައިސާ ހޯދަމުންދާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައި އެވެ.
މިދިޔަ ބުދަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން މިނިސްޓަރު އިސްމާއިލް ވިދާޅުވީ، އެއީ އެޑިއުކޭޝަން މިނިސްޓްރީ އަށް އެނގިގެން ނުވަތަ އަންގައިގެން ހިނގާ ކަމެއް ނޫން ކަމަށެވެ.
ބައެއް ސްކޫލްތަކުގެ ޕީޓީއޭގެ އިސްވެރިންނާ ހަވާލާ ދެއްވައި މިނިސްޓަރު ވިދާޅުވީ، ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމަށް ފައިސާ ހޯދަނީ ސްކޫލުތަކުގެ ޕީޓީއޭ އިން އަމިއްލަ އަށް އިސްނަގައިގެން ކަމަށެވެ.
"ޕީޓީއޭގެ ނައިބު ރައީސަކަށް އަޅުގަނޑު ގުޅާލިން [މި ވާހަކަތައް ސޯޝަލް މީޑިއާ އާއި ޚަބަރުގައި އުޅޭތީ] ވަރަށް ހިތްހަމަ ނުޖެހިފައި ހުރީ. ވިދާޅުވީ މިއީ ތިމަންނާމެން އަމިއްލަ އަށް އެދިގެން ކުރާ ކަމެކޭ. ތިމަންނަމެންގެ ދަރިންނަށްޓަކައި އަމިއްލަ އަށް ފެނިގެން ކުރާ ކަމެކޭ މިއީ،" އިސްމާއިލް ވިދާޅުވި އެވެ.
ސްކޫލުތަކުގައި އެކި ހިޔާލުގެ ބެލެނިވެރިން އުޅޭނެކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ސްކޫލަށް ފައިސާ ދޭން އެއްވެސް ބެލެނިވެރިއަކަށް މަޖުބޫރު ނުވާނެ ކަމަށެވެ.
އެއްވެސް ބެލެނިވެރިއަކަށް މަޖުބޫރެއް ނުވާނެ އޭސީއެއް ދޭކަށެއް. އެއްވެސް ބެލެނިވެރިއަކަށް މަޖުބޫރެއް ނުވާނެ ފޮތް ފަންސޫރު ދޭކަށެއް. އެކަމަކު މިނިސްޓްރީން އެދިފައި އޮންނާނެ ސްކޫލުން އެދިގެން އަގު ބޮޑެތި އެއްޗެހި ހޯދުން އެއްވެސް ވަރަކަށް، އެއީ މަނާ ވެސް ކޮށްފައި އޮންނަ ކަމެއް،"--- މިނިސްޓަރު
"ޕޭރަންޓް ސްކޫލު ރިލޭޝަންޝިޕަކީ" ކާމިޔާބު ސްކޫލެއްގެ އެއް ސިފަ ކަމަށާއި އެކަން އެނގޭ ބެލެނިވެރިން އެކި ގޮތްގޮތުން ސްކޫލުތަކަށް އެހީތެރިވާން ބޭނުންވާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
ބައެއް ސްކޫލްތަކުގެ ބެލެނިވެރިން އެކަން ކުރަނީ އެ މީހުންގެ ދަރިންނަށްޓަކައި އަދި ސްކޫލާއި ރަށް ކުރިއެރުމުގެ ނިޔަތުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެންވެ، އެފަދަ ކަމެއް މިނިސްޓްރީން ނުހުއްޓުވާނެ ކަމަށާއި އަދި އެ ފަދަ ކަންކަމަށް ފައިސާ ދޭން އެއްވެސް ބެލެނިވެރިއަކަށް މަޖުބޫރު ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެއްވެސް ބެލެނިވެރިއަކަށް މަޖުބޫރެއް ނުވާނެ އޭސީއެއް ދޭކަށެއް. އެއްވެސް ބެލެނިވެރިއަކަށް މަޖުބޫރެއް ނުވާނެ ފޮތް ފަންސޫރު ދޭކަށެއް. އެކަމަކު މިނިސްޓްރީން އެދިފައި އޮންނާނެ ސްކޫލުން އެދިގެން އަގު ބޮޑެތި އެއްޗެހި ހޯދުން އެއްވެސް ވަރަކަށް، އެއީ މަނާ ވެސް ކޮށްފައި އޮންނަ ކަމެއް،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި، ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރަން ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓުގެ ސަބަބުން ދައުލަތުން މިހާރު ކުރާ ހަރަދަށްް އިތުރު ވަނީ 38 ޕަސެންޓެވެ. އެ ޕްރޮޖެކްޓްގެ 30 ޕަސެންޓަކީ ގެންދާނީ އިޔާދަކުރަނިވި ހަކަތަ ކަމަށް މިނިސްޓަރު ކުރިން ވަނީ ވިދާޅުވެފަ އެވެ.
އެ މަޝްރޫއު ކުރިއަށް ގެންދަނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާ އެކު، ސޯލާ ޕެނަލް ހަރުކުރެވޭނެ ސްކޫލްތައް ފާހަގަކޮށް، ކުޑަ ހަރަދެއްގަ އެވެ.