ކަސްޓަމްސްގެ އޮފިސަރެއް މާލޭގެ ވިޔަފާރި ބަނދަރުގައި މަޑުކޮށްލައިގެން: ކަސްޓަމްސްގެ ޑިއުޓީ މާފުވާ މިންވަރު 10،000ރ. އަށް މިހާރު ވަނީ ބޮޑުކޮށްފައި.-- ފޮޓޯ: މިހާރު
01 ޖުލައި 2024 - 11:33
ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތީން ޑިއުޓީ މާފުވާ މިންވަރު މިއަދުން ފެށިގެން 10،000ރ. އަށް ކަސްޓަމްސް އިން މަތިކޮށްފި އެވެ.
ކަސްޓަމްސް އިން މި ބަދަލު ގެނެސްފައި ވަނީ ރާއްޖެއިން ބޭރުން ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެއްޗާއި ވިޔަފާރި ސާމްޕަލްގެ ގޮތުގައި ގެންނަ ތަކެތީން ޑިއުޓީ މާފުކުރުމުގެ އުސޫލަށް އިއްޔެ ގެނައި އިސްލާހުގަ އެވެ.
މީގެ ކުރިން އެ ކަހަލަ މުދަލުން ޑިއުޓީ މާފުވާ މިންވަރަކީ 6،000ރ. އެވެ. އަލަށް ގެނައި ބަދަލާ އެކު އަމިއްލައަށް އެތެރެކުރާ މުދަލުން ޑިއުޓީ މާފުވާ މިންވަރު 10،000ރ. އަށް މަތިވީ އެވެ.
📣 ދަތުރުވެރިން ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދި ކުދި ބޭނުންތަކަށް ގެންނަ ތަކެތީން ޑިއުޓީ މަޢާފް ވާ މިންވަރު 6,000 ރުފިޔާ އިން 10,000 ރުފިޔާ އަށް 2024 ޖުލައި 1 ގައި ބަދަލުވާނެ!
— Maldives Customs Service (@CustomsMv) June 30, 2024
އިތުރު ތަފްސީލް 👇
🔗 https://t.co/91KMFIkdZT@presidencymv@HomeMinistrymv pic.twitter.com/2IMQLY0Bn6
އެ އުސޫލަށް ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުގައި ކަސްޓަމްސް އިން ކަނޑައަޅާ ފްރީ އޮން ބޯޑް ނުވަތަ އެފްއޯބީ އަގު 10،000ރ. އަށް ވުރެ ބޮޑު ނަމަ، ރާއްޖެއިން ބޭރުން ގެންނަ މުދަލަށް ގުޑްސް ޑިކްލެރޭޝަން ފޯމު ހުށަހަޅަން ޖެހޭނެ އެވެ. އަދި ޑިއުޓީ ނަގާނީ މުދަލުގެ އެފްއޯބީ އަގުން 10،000ރ. ކެނޑުމަށްފަހުގައި ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.
އެފްއޯބީގެ އަގު 10،000ރ. އަށް ވުރެ ދަށް ނަމަވެސް، އެއީ ކޮމާޝަލް ކުއެންޓިޓީއެއް ކަމަށް ކަސްޓަމްސް އަށް ގަބޫލުކުރެވޭ ނަމަ، ގުޑްސް ޑެކްލެރޭޝަން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށާއި އޭގެ ޑިއުޓީ ވެސް ނަގާނެ ކަމަށް އުސޫލުގައި ބުންޏެވެ.
އެ އުސޫލުގައި ބުނި ގޮތުގައި، ޕޯސްޓުގެ މަގުން ގެންނަ ތަކެތީގައި ކޮންމެ ޓްރެކިން ނަންބަރެއް ބެލެވޭނީ ވަކި ޝިޕްމަންޓެއްގެ ގޮތުގަ އެވެ. އަދި އެއް ޕޯސްޓުބޭގެއްގައި އެކަކުގެ ނަމުގައި ގެނެސްފައި ހުންނަ ތަކެތި ވެސް ބަލާނީ އެއް ޝިޕްމަންޓެއްގެ ގޮތުގަ އެވެ.
ޑޮކްޓަރެއްގެ ބޭސް ސިޓީއާ އެކު ގިނަވެގެން ހަ މަސްދުވަހަށް ގެންނަ ބޭހުން ޑިއުޓީ މާފުކޮށްދޭނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޯސައިޓް
01 July 2024
މިއީ އިޤްތިސާދީ ގޮތުން ދަތި ދަނޑިވަޅެއްގައި ކުރަން އެންމެ ރަނގަޅު ކަމެއްބާ؟ މީގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ކުރާނީ ނޭދެވޭ އަސަރު.