މިސްކިތެއްގައި ބާއްވާފައި އޮތް ކީރިތި ޤުރުއާންގެ ހަތިމެއްގައި ދަތްއަޅައި ވީދާލި މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ މަންނާން 36، އެވެ.
ކްރިމިނަލް ކޯޓުން މިއަދު ވަނީ އޭނާ 15 ދުވަހަށް ބަންދުކުރަން އަމުރު ކޮށްފަ އެވެ. އަމުރުގައި މަންނާން ބަންދުގައި ބެހެެއްޓުމަށް އަމުރު ކުރި ސަބަބެއް ކަމަށް ބުނެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ލިބިފައިވާތީ އެވެ.
ފުލުހުން ހުށަހަޅާފައިވާ ހާދިސާ ރިޕޯޓުން މަންނާން، މިސްކިތުގައި އޮތް ހަތިމެއްގައި ދަތްއަޅައި ވީދާލައިފައިވާ ކަމަށް ބެލެވޭ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
މަންނާންއަކީ ބިދޭސީ ރައްޔިތަކަށް ވުމުން ފިލައިގެން ހިނގައިދާނެތީ ވެސް އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް އަމުރުގައިވެ އެވެ.
މީގެ ކުރިން ވަނީ ހަތިމަށް ކުޅު ޖަހައިގެން ދިވެހި ފިރިހެނަކު ވެސް ހައްޔަރު ކޮށްފަ އެވެ.