ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދުގެ މައްސަލާގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގާނޫނުއަސާސީގެ 154 ވަނަ މާއްދާއާ ޚިލާފު ނުވެވޭނެ ކަމަށް ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ވިދާޅުވެއްޖެ އެވެ.

ވ. ބޮޑުމޮހޮރާގެ އެއްބަސްވުމުގައި ދައުލަތުން ސޮއިކުރަން ގާޒީ މަރިޔަމް ވަހީދު ކުރެއްވި ހުކުމަކާ ގުޅިގެން އޭނާގެ ޝަރީއަތް ކުރުމުގެ ހައިސިއްޔަތާއި ވިލާޔަތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ. އަދި އެ ނިންމި ނިންމުމާ ގުޅިގެން ޖޭއެސްސީއަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެކަމަކު ފާއިޒުގެ ފޭސްބުކްގައި އިއްޔެ އެމަނިކުފާނު ވަނީ ޖޭއެސްސީ އަށް ގާނޫނުއަސާސީން ހަވާލުކޮށްފައިވާ ވަރަށް ބޮޑު ޒިންމާއެއް ހިމެނޭ 154 ވަނަ މާއްދާ ހަނދާންކޮށްދީފަ އެވެ. އެ މާއްދާގައި ހިމެނޭ ހުރިހާ ވާހަކައެއް، އިނގިރޭސިން ބަޔާންކުރެއްވުމުގެ ކުރިން ފާއިޒު ވިދާޅުވެފައި ވަނީ ޖޭއެސްސީ އަށް އެ މާއްދާއާ ޚިލާފުނުވެވޭނެ ކަމަށެވެ.

އެ މާއްދާގައި ބުނެފައިވާ ގޮތުގައި ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ އެކަމަށް އޭނާ ގާބިލް ނޫންކަން، ނުވަތަ މަގާމާ އެކަށީގެންނުވާ ފަދަ އަމަލެއް ފަނޑިޔާރަކު ކުރި ކަމަށް ޖޭއެސްސީއަށް ގަބޫލު ކުރެވިގެން، ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައި، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައިގެ ވޯޓުން އެގޮތަށް ފާސްވެއްޖެ ނަމަ އެވެ.

އެކަމަކު ސުޕްރީމް ކޯޓުން އެޅި ފިޔަވަޅާ އެކު ގާޒީ މަރިޔަމް އަށް މިހާރު ވަނީ ފަނޑިޔާރުކަމުގެ މަގާމު ގެއްލިވަޑައިގެންފައި ކަމަށް، ގާނޫނީ ބައެއް ފަރާތްތަކުން ގަބޫލުކުރެ އެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި ސުޕްރީމް ކޯޓުން އެ ފިޔަވަޅު އެޅިޔަސް، އޭނާގެ މަގާމު ގެއްލޭނީ، ގާނޫނުއަސާސީގައި ބުނާ ގޮތަށް ކަންކަން ފުރިހަމަކޮށްގެންނެވެ.

އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ އަމުރަށް ފަހު ގާޒީ މަރިޔަމް މަސައްކަތަށް ނުކުމެވަޑައެއް ނުގަންނަވަ އެވެ.