މިއަދު ދިމާވި މައްސަލައަކާ ގުޅިގެން ބައެއް އެކައުންޓުތަކަށް ޖަމާވާން ނުޖެހޭ ވަރަަށް ޑޮލަރު ޖަމާވި ކަމަށާއި އެ މައްސަލަ ހައްލުކޮށް ފައިސާ އަނބުރާ ނަގާފައިވާ ކަމަށް ބީއެމްއެލުން ބުނެފި އެވެ.

ލިލީ ބީޗް ރިސޯޓުގެ ބައެއް މުވައްޒަފުންގެ މުސާރައަށް 77 މިލިއަން ޑޮލަރު މުސާރައަށް ޖަމާވި މައްސަލަތަކެއް މިއަދު ވަނީ ފެންމަތިވެފަ އެވެ. އެ މުވައްޒަފުންގެ މުސާރައަށް ޖަމާވެފައިހުރީ އެކައުންޓު ނަންބަރުގެ އަދަދަށް ވާ ޑޮލަރެވެ.

އެކަން ކުރިމަތިވިތާ އެތައް ގަޑިއިރަކަށް އިންޓަނެޓް ބޭންކިން ހިދުމަތް މެދުކެނޑުމަށް ފަހު ބީއެމްއެލުން ބުނީ އެ މައްސަލަ ދިމާވީ ހިއުމަން އެރާ އެއްގެ ސަބަބުން ކަމަށެވެ.

ނުބައިކޮށް ފައިސާ ޖަމާވި އެކައުންޓުތައް ދެނެގަނެވުނު ކަމަށާއި ޖަމާކުރެވުނު ފައިސާ ވެސް އަނބުރާ ހޯދިފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން ބުނީ މި މައްސަލާގައި އެ ބޭންކަށް މާލީ ގޮތުން އެއްވެސް ގެއްލުމެއް ވެފައި ނުވާ ކަމަށާއި މިކަން މެދުވެރިވީ ޕޭރޯލް ހެދުމުގައި ގެންގުޅުނު ބަލްކް ޕޭމެންޓް ސިސްޓަމަށް ގެނައި ބަދަލަކާ ގުޅިގެން ކަމަށެވެ.

މިކަމުގެ ސަބަބުން ދިމާވި ދަތިތަކަށް ބޭންކުން ވަނީ މާފަށް އެދިފަ އެވެ.