ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި ވިލާ ކޮލެޖު އަދި ބާ ކައުންސިލް ގުޅިގެން ދުސްތޫރީ ވައުދުތަކާއި ހަގީގަތްތަކުގެ ނަމުގައި މަޝްވަރާ ސެޝަނެއް ބޭއްވުމަށް ނިންމައިފި އެވެ.
އެމްއެންޔޫގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އޮޑިޓޯރިއަމްގައި އެ ސެޝަން އޮންނާނީ މާދަމާ ރޭ 8:15 އިން 10:30 އަށެވެ.
ބާ ކައުންސިލުން ބުނީ އިލްމީ ނަޒަރަކުން ބާއްވާ އެ ސެޝަންގައި މަޝްވަރާ ކުރާނީ މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީއާ ގުޅޭ ގޮތުން ކަމަށެވެ.
މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ:
- ގާނޫނުއަސާސީގެ ވައުދުތަކަށް
- އެ ވައުދުތައް ހަގީގަތަކަށް ހެދުމަށް ކުރެވުނު މަސައްކަތްތަކަށް
- ވައުދުތައް ހަގީގަތަކަށް ހެދުމުގައި ހުރި ގޮންޖެހުންތައް
ބައްދަލުވުމުގައި މަޝްވަރާ ކުރާ ކަންތައްތަކުގެ ތެރޭގައި ހައްގުތަކާއި މިނިވަންކަމާއި މިނިވަން ޝަރުއީ ދާއިރާ އާއި ވެރިކަން ހިންގުމުގެ ނިޒާމު ފަދަ އަސާސީ ސިފަތަކާއި މި ދާއިރާތަކުން ދަސްވި ފިލާވަޅުތައް ހިމެނޭ ކަމަށް ކައުންސިލުން ބުންޏެވެ.
އެ ފޯރަމްގެ ކީނޯޓް ސްޕީކަރެއްގެ ގޮތުގައި ހަމަޖެއްސި ޑރ. ޝަމްސުލް ފަލާހަކީ ރާއްޖޭގެ ގާނޫނުތަކުގެ ދާއިރާއިން އިލްމީ ދިރާސާ ކުރައްވާ ބޭފުޅެކެވެ. އޭނާ ވަނީ ރައީސް އޮފީހުގެ ލީގަލް އެޑްވައިޒަރެއްގެ މަގާމާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ.