ރާއްޖެ އަންނަ ބިދޭސީންނަށް ކާޑު ބޭނުންކޮށްގެން އަމިއްލަ ގައުމުގެ ފައިސާ އިން ވިޔަފާރި ކުރެވޭނެ މުޅިން އާ ހިދުމަތެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ތައާރަފްކޮށްފި އެވެ.
ޑައިނަމިކް ކަރަންސީ ކޮންވާޝަން (ޑީސީސީ)ގެ ހިދުމަތް ތައާރަފްކުރީ މީރު އައިލެންޑް ރިސޯޓް އެންޑް ސްޕާގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި، ބީއެމްއެލްގެ ޑައިރެކްޓަ އޮފް ބިޒްނަސް ކުލްދީޕް ޕަލިވާލް ވިދާޅުވީ ރާއްޖެ އަށް ކޮންމެ އަހަރަކު ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތް ކުރާއިރު، އަމިއްލަ ގައުމުގެ ފައިސާ އިން މުއާމަލާތް ކުރެވޭނެ އިންތިޒާމު ހަމަޖެހުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ. އެ ގޮތުން، ޑޮލަރުން އެ މީހަކު ގެންގުޅޭ ކާޑެއް ދޫކޮށްފައިވާ ފައިސާ އަށް ޖެހޭ މިންވަރު ވަގުތުން އެނގި، އޮޅުން އެރުން ފަދަ ކަންކަމުން ސަލާމަތް ވެވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.
"ކުރިއަށް ވުރެ ދެ ފުށް ފެންނަ ގޮތަކަށް ވިޔަފާރި ކުރުމުގެ ފުރުސަތު މިހާރު މި ވަނީ ފަހިވެފައި،" ކުލްދީޕް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި، މީރު ރިސޯޓް ހިންގާ ކުންފުނި، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ސީއީއޯ ޑޭވިޑް ފައިންބާގު ވެސް ވަނީ މި ޚިދުމަތުގެ މުހިއްމުކަން ފާހަގަކުރައްވައި ބީއެމްއެލް އަށް ޝުކުރު އަދާކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ކުރިއަށް ވުރެ ފަސޭހަކޮށް، އިތުބާރާ އެކު ޓޫރިސްޓުންނަށް ރާއްޖޭގައި ވިޔަފާރި ކުރެވޭނެ ކަމަށެވެ.
މިހާރު ވެސް ބޭނުން ކުރާ ބީއެމްއެލްގެ ކާޑު މެޝިންތައް މެދުވެރިކޮށް ދޭ ޑީސީސީ ހިދުމަތުގައި ބޭނުން ކުރެވެނީ ވިސާ އަދި މާސްޓަ ކާޑެވެ.
މި ހިދުމަތް މަސައްކަތް ކުރާ ގޮތް ދައްކާލައްވަމުން ބީއެމްއެލްގެ ހެޑް އޮފް ކާޑު ސާވިސަސް އަބްދުލް އަލީމް އަބްދުލް ގަފޫރު ވިދާޅުވީ ޑޮލަރުން އަރާ ވަރު ކާޑު މެޝިނުގައި ޖެހުމަށް ފަހު ކާޑު ސްވައިޕްކޮށްލުމުން، އެ ކާޑެއް ދޫކޮށްފައިވާ ފައިސާ އިން ވިޔަފާރި ކުރަން ބޭނުންތޯ އަހާނެ ކަމަށެވެ. އެ ގޮތަށް ހިޔާރުކޮށްފި ނަމަ، އެ މުއާމަލާތަކަށް އެ ފައިސާ އަކުން ޖުމްލަ އަރާ ވަރު މެޝިނުން ދައްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މުއާމަލާތެއް ފުރިހަމަ ކުރުމުން ލިބޭ ސްލިޕުކޮޅުގައި ތަފްސީލު މައުލޫމާތުތައް ހުންނާނެކަން ވެސް އަލީމް ފާހަގަކުރެއްވި އެވެ.
"މިސާލަކަށް، ކުރިން ވެއްޖިއްޔާ ޖަޕަނީސް ޔެންގެ އެކައުންޓަކުން ކެނޑޭ ވަރު އަމިއްލަ އަށް ހިސާބު ހަދަން ވަރަށް އުނދަގޫ ވާނެ. މިހާރު އެކައުންޓުން ކަނޑާނީ ސީދާ ޔެން އިން، ރިސޯޓަށް ލިބޭނީ ޑޮލަރުން،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް އިން ބުނީ ޑީސީސީ ހިދުމަތުގައި ދުނިޔޭގައި އެންމެ ގިނައިން ބޭނުން ކުރާ ހުރިހާ ފައިސާއެއްހެން ހިމަނާފައިވާނެ ކަމަށެވެ. އެ ގޮތުން، ގާތްގަނޑަކަށް 15 ފައިސާއަކުން މުއާމަލާތް ކުރެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން އަންނަނީ "އަހަރެންގެ ބޭންކް" ކެމްޕޭނުގެ ދަށުން އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.