ހުޅުމާލޭގެ ބަނދަރުގައި އަޅާ އުޅަނދުތަކުން މާދަމާ އިން ފެށިގެން ފީއެއް ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.
އެ ކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގެ ހުޅަނގު ފަރާތު ބަނދަރު ބޭނުންކުރާ ފަރާތްތަކުން އުޅަނދުފަހަރު އެ ތަނުގައި އަޅާފައި ބޭއްވުމުގެ ސަބަބުން އެހެން އުޅަނދުތަކަށް ވަދެނުކުމެ ހަދަން އުނދަގޫވާ ކަމަށެވެ. އެހެންވެ، އެ ތަނުގައި އަޅާ އުޅަނދުތަކުން ފީ ނެގުމަށްޓަކައި ހުޅުމާލޭގެ ހުޅަނގު ބަނދަރު ދެ ޒޯނަކަށް ބަހާލާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އިއުލާނުގައިވާ ގޮތުން ރާއްޖެ އިން ބޭރުން އަންނަ ޔޮޓް ފަހަރާއި ޓޫރިޒަމްގެ ސިނާއަތުގައި ބޭނުންކުރާ އުޅަނދުތަކުގެ ތެރެއިން ސަފާރީ، ޑައިވިން ދޯނި، އެކްސްކާޝަން ފަދަ ހިދުމަތް ދޭ އުޅަނދުތައް ހުޅުމާލޭގެ ބަނދަރުގައި އަޅާފައި އޮންނަ ނަމަ، އެ އުޅަނދުގެ މީޓަރަކަށް މަހަކު 50 ޑޮލަރު (771ރ.) އެޗްޑީސީ އަށް ދައްކަން ޖެހެ އެވެ.
ލޯންޗާއި މުދާ އުފުލާ އުޅަނދާއި މަސްވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ އުޅަނދުތަކާއި އަމިއްލަ އުޅަނދުތައް އަޅާފައި އޮންނަ ނަމަ، މީޓަރަކަށް މަހަކު 100 ރުފިޔާ ދޭން ޖެހޭނެ ކަމަށް އިއުލާނުގައިވެ އެވެ.
އެޗްޑީސީން އެކުލަވައިލި ހުޅުމާލޭގެ ފަރާއި ފަޅު ހިމެނޭ ސަރަހައްދު ބޭނުން ކުރުމުގެ އުސޫލާއި އުޅަނދު އަޅާފައި ބޭއްވުމަށް އެދޭ ފޯމު އެޗްޑީސީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މާދަމާ އިން ފެށިގެން އެ އުސޫލާ ހިލާފަށް އަޅާފައި ހުންނަ އުޅަނދުތައް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެ ސަރަހައްދުން ދުރުކުރާނެ ކަމަށް އެޗްޑީސީން ބުނެފައި ވެ އެވެ.