ހުޅުމާލެ ލަކުޑި ޖެޓީގެ އުތުރު ފާލަން ހަލާކުވިތާ ދެ މަސް ފަހުން އެތަން މަރާމާތު ކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލެ ފަޅުތެރެއަށް ވަން ބާޖަކުން ޖެހި ލަކުޑި ޖެޓީގެ އުތުރު ފާލަމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާތީ، އެ ފާލާން މަރާމާތުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ލަކުޑި ޖެޓީއަށް ގެއްލުން ލިބުނު ހާދިސާއާ ގުޅިގެން، އެ ޖެޓީގެ ސްޓްރަކްޗާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ. 

އެޗްޑީސީން ބުނީ އެއީ ގިނަ ބަޔަކު ބޭނުންކުރާ ޖެޓީއަކަށް ވާތީ، އެތަނުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންގޮސް ވީ އެންމެ އަވަހަކަށް އަލުން ހުޅުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

ހުޅުމާލެ ލަކުޑި ޖެޓީ މަރާމާތުކުރުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: އެޗްޑީސީ
ހުޅުމާލެ ލަކުޑި ޖެޓީ މަރާމާތުކުރުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: އެޗްޑީސީ

ޖެޓީ ބަންދުކޮށްފައިވާ މުއްދަތުގައި ހިދުމަތް ހޯދާ މީހުންނަށް ދިމާވެދާނެ ދަތިތަކަށް މާފަަށް އެދޭ ކަމަށާއި އެ ކޯޕަރޭޝަންގެ އަމާޒަކީ ހުޅުމާލޭގައި ގާއިމްކޮށްފައިވާ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް، އާއްމުންނަށް ވީހާ ވެސް ފަސޭހައިން ހިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް އެޗްޑީސީގެ ބަޔާނުގައި ބުންޏެވެ. 

 ލަކުޑި ޖެޓީއަށް ބާޖެއް ގާތް ކުރުމުގެ ތެރޭގައި ޖެޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބުމުން އެތަން ވަގުތީ ގޮތުން ބަންދުކުރީ މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހު އެވެ.