ގަވައިދާ ހިލާފަށް ޕާކު ކޮށްގެން ޓޯކުރާ ވެހިކަލް އަނބުރާ ވެރިފަރާތާ ދެ ދުވަސް ފަހުން ނޫނީ ހަވާލު ނުކުރެވޭ ގޮތަށް ގަވައިދު ބަދަލުކޮށްފި އެވެ.
ކުރިން އޮންނަ ގޮތުން ނަމަ ޖޫރިމަނާ ފައިސާ އާއި ވެހިކަލްއަށް ދައްކަން ޖެހި ނުދައްކާ ހުރި ފައިސާ ދައްކައި ނިންމުމުން ވެހިކަލް ހަވާލުކުރެ އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އެއްގަމު އުޅަނދާ ބެހޭ ގަވައިދަށް އިއްޔެ ގެނައި ބަދަލުތަކުގެ ތެރޭގައި، ގަވައިދާ ހިލާފަށް ޕާކުކޮށްގެން ޓޯކުރާ ވެހިކަލެއް ނަމަ އެ ދޫކުރާނީ ޓޯކުރާ ވަގުތުން ފެށިގެން 48 ގަޑިއިރު ހަމަވުމުން ކަމަށް ވަނީ ބަޔާން ކޮށްފަ އެވެ.
އޭގައި އިތުރަށް ބުނެފައި ވަނީ ލައިސަންސް ނެތް މީހެއް ދުއްވި ވެހިކަލެއް ޓޯކޮށްފި ނަމަ 15 ދުވަހަށް އުޅަނދު ހިފަހައްޓާނެ ކަމަށެވެ.
ދުއްވަން ކަނޑައަޅާފައިވާ ސްޕީޑް ލިމިޓަށްވުރެ ބާރަށް ދުއްވުމުން ހިފަހައްޓާފައިވާ އުޅަނދެއް ނަމަ ފުލުހުންގެ ބެލުމުގެ ދަށުން އެ ދޫކޮށްލާނީ 15 ދުވަސް ފަހުން ކަމަށް ވެސް ގަވައިދުގައިވެ އެވެ. އަދި ނުރައްކާތެރިކޮށް ނުވަތަ ފަރުވާ ކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން ހިފަހައްޓާފައިވާ އުޅަނދެއް ނަމަ ލިބޭނީ މަސް ދުވަސް ފަހުން ކަމަށް ވެސް އެ ގަވައިދުގައިވެ އެވެ.
މި ބަދަލުތައް ގެނެސްފައި މި ވަނީ ހުޅުމާލޭގައި ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި މިދިޔަ ހަފުތާގާއި ހިނގި އެކްސިޑެންޓުގައި މީހަކު މަރުވުމާ ގުޅިގެން، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވަން ނިންމެވި ފިޔަވަޅުތަކުގެ ތެރެއިންނެވެ. ރައީސް ވަނީ ހުޅުމާލެ އިން ރޭސިން އަދި ޑްރިފްޓިން އަށް އެޗްޑީސީން ދީފައިވާ ހުއްދަ ބާތިލްކޮށް، ހަރުކަށި ފިޔަވަޅުތަކެއް އިއުލާން ކުރައްވައިފަ އެވެ.