އިންޑިއާގެ މުމްބާއީގައި ހަދަމުން އަންނަ ކަނޑުއަޑީގެ ޓަނަލްގެ މަސައްކަތް ރާއްޖޭގެ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އިއްޔެ ބައްލަވާލައްވައިފި އެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓްރީން އެކްސްގައި ބުނީ މުމްބާއީގައި ހަދަމުން އަންނަ ކަނޑުއަޑީގެ ޓަނަލްގެ މަސައްކަތް ބައްލަވާލެއްވުމަށް މުއްތަލިބް އިއްޔެ ވަޑައިގެންނެވި ކަމަށެވެ. އޭނާއާ އެކު، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހަވާރާއި ސްޓޭޓް މިނިސްޓަރު އިބްރާހިމް ތޯއާމް މުހައްމަދު އަދި ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދު ވެސް ސައިޓަށް ވަޑައިގެންނެވި ކަމަށް މިނިސްޓްރީން ބުންޏެވެ.
"އަދިތު"ގެ ނަން ދީފައިވާ އެ ޓަނަލަކީ މުމްބާއީ އާއި އަހުމަދުއާބާދާ ދެމެދުގައި ހައި ސްޕީޑް ރެއިލް ދަތުރުތައް ކުރުމަށް ހަދާ ޓަނަލެކެވެ. ޖުމްލަ 21 ކިލޯމީޓަރުގެ ދިގު އެ ޓަނަލްގެ ހަތް ކިލޯމީޓަރުގެ ސަރަހައްދެއް އޮންނާނީ ކަނޑުއަޑީގަ އެވެ. އެ ޓަނަލް ހަދަނީ ތިލަމާލެ ބްރިޖުގެ މަސައްކަތް ވެސް ކުރަމުން އަންނަ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.
އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ބުނި ގޮތުގައި، އެ މިނިސްޓްރީގެ އިސްވެރިން އެ ސައިޓަށް ވަޑައިގެންނެވީ މުސްތަގުބަލުގައި ރާއްޖޭގައި ވެސް އެ ފަދަ އިންފްރާސްޓްރަކްޗާގެ ވަރުގަދަ ޕްރޮޖެކްޓުތައް ހިންގުމަށް ތަޖުރިބާ ހޯއްދެވުމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރަސްމާލެ އާއި މާލެ ގުޅުވާލާނީ ކަނޑުއަޑީގެ ޓަނަލަކުން ކަން މި އަހަރުގެ ކުރީކޮޅުގައި އިއުލާން ކުރައްވައިފަ އެވެ. ރަސްމާލެ ހިއްކުމަކީ މާލޭގައި ދިރިއުޅޭ މީހުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ރައީސް މުއިއްޒުގެ އެންމެ އުންމީދީ މަޝްރޫއެވެ.
ރައީސް އޭރު ވިދާޅުވި ގޮތުގައި، އެ ޓަނަލްގައި ދުއްވާނީ ރޭލެކެވެ. އެ ރޭލު ދަތުރުގައި ކަނޑުއަޑީގެ ރީތި މަންޒަރުތައް ފެންނާނެ އެވެ.
މުއްތަލިބް އިންޑިއާއަށް މިހާރު ކުރައްވާ ދަތުރުގައި އިއްޔެ ވަނީ ތިލަމާލެ ބްރިޖު މަޝްރޫއުގެ 12 ވަނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމިޓީގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ. އެއީ އިންޑިއާގައި ބޭއްވި މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމެވެ.