މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ތިލަމާލެ ބްރިޖުގެ ކޮލިޓީއާ މެދުގައި އެއްވެސް ޝައްކެއް ނެތް ކަމަށް، އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އިއްޔެ ވިދާޅުވެއްޖެ އެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ނޫސްވެރިންނަށް ދައްކާލުމަށް ވިލިމާލެ ސައިޓަށް ވަޑައިގަތުމަށް ފަހު ދެއްވި އިންޓަވިއުގައި މުއްތަލިބް ވިދާޅުވީ ދިވެހި ސަރުކާރުން މަސައްކަތްކުރަނީ އިންޑިއާ ސަރުކާރާއި މި މަޝްރޫއުގެ ކޮންޓްރެކްޓަރު އެފްކޮންސްއާ ގުޅިގެން މަސައްކަތް ނުހުއްޓި ވީހާ ވެސް އަވަހަށް ނިންމުމަށް ކަމަށެވެ.
މި މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައި އޮތީ ކޮންޓްރެކްޓަރަށް ކުރިމަތިވި ބައެއް ދަތިތަކަށް ހައްލު ހޯދުމަށް އިންޑިއާގެ ސަރުކާރާ ވެސް ގުޅިގެން ދިވެހި ސަރުކާރުން ދިން އެއްބާރުލުމާ އެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު މި މަސައްކަތް ކުރަނީ އެންމެ ލަސްވެގެން 2027 ވަނަ އަހަރުގެ ނިޔަލަށް ތިލަފުއްޓާ ހަމައަށް އެއްކޮށް ގުޅާލައި މަސައްކަތް ނިންމާލުމަށް،" މުއްތަލިބް ވިދާޅުވި އެވެ.
މުއްތަލިބް ވަނީ މި ބްރިޖާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ބައެއްް މީހުން އުފައްދާ ސުވާލުތަކަށް ވެސް ޖަވާބު ދެއްވައިފަ އެވެ. އެއީ، މި ބްރިޖުގައި ބެންޑެއް ނުވަތަ އަޑިގުޑަންތަކެއް ހުރި ކަމަށް ބުނެ އުފައްދާ ސުވާލުތަކެވެ.
"މިއީ ކުރަހާފައި އޮތް ބްރިޖެއް ނޫނޭ، މިއީ ޑިޒައިންކޮށްފައި، އިންޖީނިއާކޮށްފައި އޮތް ޕްރޮޖެކްޓެކޭ. މާނައަކީ ދުރުން ފެންނަ ގޮތަކަށް ނޫނޭ ކޮންމެހެން ހުންނަން ޖެހޭނީއަކީ. އެ ބުނާ ކަހަލަ ޑިޕެއް ނުހުންނާނެ. މިއީ ލެގޯއެއް ގޮތަށް ވަކިވަކި ބައިތަކެއް ގެނެސް ގުޅުވާ ސްޓްރަކްޗާއަކަށް ވާތީވެ، އެ ބުނާ ކަހަލަ ޑިފެކްޓް ހުރި ނަމަ ހުރިހާ ސެގްމަންޓެއް އެއްވަރު ވެގެނެއް ނުއެއް ދާނެ،" މުއްތަލިބް ވިދާޅުވި އެވެ.
މަސައްކަތުގެ ބޮޑުކަމުން މަޝްރޫއު ދިގުލައިގެން ދިޔަ ނަމަވެސް، މި ބްރިޖުގެ ކޮލިޓީއާ މެދު މިނިސްޓަރަށް އެއްވެސް ޝައްކެއް ނެތެވެ.
"އެހެންވީމަ، މިއީ ކޮލިޓީގެ މައްސަލައެއް ނޫނޭ. އަޅުގަނޑުމެންނަށް ފެންނަނީ ދުރުން، އެއީ އިލޫޝަނެއް. މަސައްކަތް ދަނީ ބްރިޖުގައި އެ ބުނާ ބެންޑުތަކެއް ހުރެގެނެއް ނޫން،" މުއްތަލިބް ވިދާޅުވި އެވެ.
"އިދާރަކުރެއްވިއްޔާ ބްރިޖު ނިމިގެންދާއިރު މި ބްރިޖު ވާނީ އިންޖީނިއަރިން މާވެލްއަކަށް. މިއީ އެ ވަރުގެ ބުރަ، ބޮޑު މަސައްކަތެއް."
ތިލަމާލެ ބްރިޖު ޕްރޮޖެކްޓުގެ 72 ޕަސެންޓު މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.
ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން ވެސް މިހާރު ދޭ ޔަގީން ކަމަކީ އަންނަ އަހަރުގެ ނިޔަލަށް މި ބްރިޖުގެ ބޮޑު ބައި ނިމި، މާލެ އާއި ވިލިމާލެ ދެމެދު ބްރިޖު މަތިން ދަތުރުތައް ފެށޭވަރު ވާނެ ކަމެވެ.
މާލެ ސަރަހައްދުގައި މިހާރު ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ، އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދީފައިވާ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.