ވިލިމާލެ ކޮޅުން ތިލަމާލެ ބްރިޖަށް އަރައި، ހިނގާފައި މިވަގުތު ދެވެން އޮތް އެންމެ ދުރަށް ދިޔައީމެވެ. އެޅި ކޮންމެ ފިޔަވަޅަކުން ޔަގީންވީ މި ހިސާބުން ހިނގާފައި މާލެއަށް ދެވޭނެ ދުވަސް ވެސް ދެން މާ ދުރު ނޫން ކަމެވެ.

އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެ ހިސާބަށް ހުއްޓި ވަޑައިގަތީ، ސޯޝަލް މީޑިއާގައި ބްރިޖާ ބެހޭ ގޮތުން މީހުން އުފައްދާ ސުވާލަކަށް ޖަވާބު ދެއްވުމަށެވެ. 

މި ބްރިޖުގައި ބެންޑެއް ނުވަތަ އަޑިގުޑަންތަކެއް ނެތްކަން ނޫސްވެރިންނަށް މިހާރު ޔަގީންވެއްޖެ ހެއްޔެވެ؟ އެ ބުނާ "ބެންޑެއް" ނެތްކަން ފެނޭ ހެއްޔެވެ؟

މިނިސްޓަރު މުއްތަލިބާއި ރާއްޖޭގެ ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ޖޭ ބާލާ ސުބްރަމާނިއަމްއާ އެކު، މި ބްރިޖުގެ ބައި ކިލޯމީޓަރެއްހާ ހިސާބަށް ހިނގީމެވެ. މިނިސްޓަރު ވިދާޅުވި ގޮތަށް މި ބްރިޖުގައި "ބެންޑުތަކެއް" ނެތެވެ. 

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަނީ: ބްރިޖު މަސައްކަތުގެ ބޮޑު ވަނީ ނިމިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަނީ: ބްރިޖު މަސައްކަތުގެ ބޮޑު ވަނީ ނިމިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ތިލަމާލެ ބްރިޖު ސީދަލެއް ނޫން ކަމަށް ބުނެ ސޯޝަލް މީޑިއާގައި މި ދުވަސްވަރު ފޮޓޯތަކެއް ދައުރު ކުރާއިރު، މިނިސްޓްރީން ވަނީ މި ބްރިޖުގެ މަސައްކަތް ގޮސްފައި އޮތް ހިސާބު، ސައިޓަށް ނޫސްވެރިން ގެންގޮސްގެން އިއްޔެ ހަވީރު ދައްކާލައިފަ އެވެ. 

މާލެ އާއި ވިލިމާލެއާ ދެމެދު ކަނޑުމަގުން ފެރީގައި ކުރާ ހައެއްކަ މިނެޓުގެ ދަތުރު މިނެޓެއްހާއިރަށް ކުޑަވާނެ މި ބިޔަ މަޝްރޫއުގެ ބޮޑު ބައި މިހާރު ވަނީ ނިމިފަ އެވެ. 

ދުނިޔޭގެ އެންމެ އުސް ޕްރީ-ކާސްޓު ސެގްމަންޓުތައް ހުރި މި ބްރިޖުގައި އަޑިގުޑަނެއް ހުރި ކަމަށް ދުރުން ބަލާއިރު ހީވިޔަސް، ކައިރިއަށް ދިއުމުން އެއީ ހަމައެކަނި ހީއެއް ކަން ސާފުވެ އެވެ. ބްރިޖު ހަމަ ވަރަށް ސީދަލެވެ. 

"މިއީ ކުރަހާފައި އޮތް ބްރިޖެއް ނޫނޭ، މިއީ ޑިޒައިން ކޮށްފައި، އިންޖީނިއާ ކޮށްފައި އޮތް ޕްރޮޖެކްޓެކޭ. މާނައަކީ ދުރުން ފެންނަ ގޮތަކަށް ނޫނޭ ކޮންމެހެން ހުންނަން ޖެހޭނީއަކީ. އެ ބުނާ ކަހަލަ ޑިޕެއް ނުހުންނާނެ. މިއީ ލެގޯއެއް ގޮތަށް ވަކިވަކި ބައިތަކެއް ގެނެސް ގުޅުވާ ސްޓްރަކްޗާއަކަށް ވާތީވެ، އެ ބުނާ ކަހަލަ ޑިފެކްޓް ހުރި ނަމަ ހުރިހާ ސެގްމަންޓެއް އެއްވަރު ވެގެނެއް ނުއެއް ދާނެ،" މުއްތަލިބް ވިދާޅުވި އެވެ. 

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ތިލަމާލެ ބްރިޖުގެ މަސައްކަތް މިނިސްޓަރު މުއްތަލިބާއި އިންޑިއާ ހައި ކޮމިޝަނަރު ބާލާ ސުބްރަމާނިއަމް ބައްލަވާލައްވަނީ: ބްރިޖު މަސައްކަތުގެ ބޮޑު ވަނީ ނިމިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މަސައްކަތުގެ ބޮޑު ކަމުން މަޝްރޫއު ދިގުލައިގެން ދިޔަ ނަމަވެސް، މި ބްރިޖުގެ ކޮލިޓީއާ މެދު މިނިސްޓަރަށް އެއްވެސް ޝައްކެއް ނެތެވެ. 

"އެހެންވީމަ، މިއީ ކޮލިޓީގެ މައްސަލައެއް ނޫނޭ. އަޅުގަނޑުމެންނަށް ފެންނަނީ ދުރުން، އެއީ އިލޫޝަނެއް. މަސައްކަތް ދަނީ ބްރިޖުގައި އެ ބުނާ ބެންޑުތަކެއް ހުރެގެނެއް ނޫން،" މުއްތަލިބް ވިދާޅުވި އެވެ. 

"އިދާރަކުރެއްވިއްޔާ ބްރިޖު ނިމިގެންދާއިރު މި ބްރިޖު ވާނީ އިންޖީނިއަރިން މާވެލްއަކަށް. މިއީ އެ ވަރުގެ ބުރަ، ބޮޑު މަސައްކަތެއް." 

މަސައްކަތް ގޮސްފައިވާ ހިސާބު

  • މުޅި ޕްރޮޖެކްޓުގެ 72 ޕަސެންޓު ވަނީ ނިމިފައި
  • މިވަގުތު ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރަނީ ބްރިޖު ޑެކަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި އެ ތަކެތި އިންސްޓޯލް ކުރުމުގެ މަސައްކަތް
  • ބްރިޖު ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓްގެ ތެރެއިން 86 ޕަސެންޓު ސެގްމަންޓް ވަނީ ކާސްޓްކޮށް ނިމިފައި
  • 60 ޕަސެންޓު ސެގްމަންޓް ވަނީ އިންސްޓޯލްކޮށް ނިމިފައި
  • ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށް ދޭ 
  • ތިލަފުށީގައި ކުރިއަށް ދަނީ ބްރިޖާ ގުޅިގެން ޖަހަން ޖެހޭ ރިވެޓްމަންޓް ޖެހުމާއި ކަލްވާޓްތައް ހަރުކުރުމުގެ މަސައްކަތް
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ތިލަމާލެ ބްރިޖުގެ މަސައްކަތުގައި އެފްކޮންސްގެ މަސައްކަތްތެރިން: ބްރިޖު މަސައްކަތުގެ ބޮޑު ވަނީ ނިމިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ތިލަމާލެ ބްރިޖުގެ މަސައްކަތުގައި އެފްކޮންސްގެ މަސައްކަތްތެރިން: ބްރިޖު މަސައްކަތުގެ ބޮޑު ވަނީ ނިމިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހައި ކޮމިޝަނަރު ސުބްރަމާނިއަމް ވިދާޅުވީ މިނިސްޓަރު މުއްތަލިބް ވިދާޅުވި ގޮތަށް މި ބްރިޖު ވަނީ ދުނިޔޭގެ އިންޖީނިއަރިންގައި އަޖައިބުކުރަނިވި މަސައްކަތަކަށް ކަމަށެވެ. މިއީ އިންޑިއާ އިން އެ ގައުމުން ބޭރުގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ އަދި އެންމެ ބޮޑު މަޝްރޫއު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"މި ޕްރޮޖެކްޓަށް ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓު ކިޔުނީ ވެސް ބޮޑު ސަބަބެއް އޮވެގެން. މިއީ އިންޑިއާ ސަރުކާރުން ގައުމުން ބޭރުގައި ހިންގާ އުމްރާނީ ތަރައްގީ އެންމެ މުހިންމު އެއް މަޝްރޫއު،" ހައި ކޮމިޝަނަރު ވިދާޅުވި އެވެ.

"މި 6.7 ކިލޯމީޓަރުގެ ބްރިޖު، މިނިސްޓަރު ވަރަށް ރަނގަޅަށް އެ ވިދާޅުވީ މިއީ އިންޖީނިއަރިންގެ މާވެލްއެއް. ކަނޑުގެ އެހާ ފުނުގައި ތަނބުތައް ޖަހާފައި ހުރި މި ބިޔަ ބްރިޖަކީ މުޅި މާލެ ސަރަހައްދުގެ އިގުތިސާދަށް ކުރިއެރުން ގެންނާނެ މަޝްރޫއެއްކަން ޔަގީން."

ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން ވެސް މިހާރު ދޭ ޔަގީން ކަމަކީ އަންނަ އަހަރުގެ ނިޔަލަށް މި ބްރިޖުގެ ބޮޑު ބައި ނިމި، މާލެ އާއި ވިލިމާލެ ދެމެދު ބްރިޖު މަތިން ދަތުރުތައް ފެށޭވަރު ވާނެ ކަމެވެ. 

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަނީ: ބްރިޖު މަސައްކަތުގެ ބޮޑު ވަނީ ނިމިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަނީ: ބްރިޖު މަސައްކަތުގެ ބޮޑު ވަނީ ނިމިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ގުޅިފަޅުގައި ހެދި ތިލަމާލެ ބްރިޖުގެ ސުޕަ ސްޓްރަކްޗާގެ ބައިތަކަކީ ދުނިޔޭގައި މިހާތަނަށް ހެދި (ލޯންގް ލައިން މެތަޑުގެ) އެންމެ އުސް ޕްރީކާސްޓް ސެގްމަންޓްތަކެވެ. ބްރިޖު މަތީގައި ތިބިއިރު ވެސް މި ބްރިޖުގެ އުސްކަން ފާހަގަވެ އެވެ. 

އިންޑިއާ ސަރުކާރުގެ އެހީގައި، އެ ގައުމުގެ އެފްކޮންސް ކުންފުނިން ހަދަމުން އަންނަ މި ބްރިޖު އެޅުމަށް މޫދުގެ އަޑީގައި ކުރަން ޖެހޭ ހުރިހާ މަަސައްކަތެއް މިހާރު ވަނީ ނިމިފަ އެވެ. 

ސައިޓުން މިހާރު ފެންނަނީ ސުޕަ ސްޓްރަކްޗާގެ ބައިތައް ގުޅުވުމުގެ މަސައްކަތާއި ވިލިމާލެ އާއި ގުޅިފަޅުން ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތެވެ.

ސިނަމާލެ ބްރިޖާއި ހިލާފަށް މި މަޝްރޫއަކީ ހަތަރު ރަށް ގުޅުވާލާ ބޮޑު ބްރިޖަކަށް ވާތީ، މިތަނުގެ ޓްރެފިކް ފްލޯ ވަރަށް ބޮޑަށް ތަފާތު ވާނެކަން މަސައްކަތް ގޮސްފައި އޮތް ހިސާބުން ފާހަގަވެ އެވެ. ދުނިޔޭގެ ބޮޑެތި ހައިވޭތަކުގައި ހުންނަހެން ޓޫ-ލެވެލް އިންޓަޗޭންޖެއް ވެސް އެބަހުއްޓެވެ. އެއީ ވިލިމާލެއަށް އަރައި ފޭބުމަށެވެ.

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ތިލަމާލެ ބްރިޖުގެ ވިލިމާލޭގެ އިންޓަސެކްޝަން: ބްރިޖު މަސައްކަތުގެ ބޮޑު ވަނީ ނިމިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ތިލަމާލެ ބްރިޖުގެ ވިލިމާލޭގެ އިންޓަސެކްޝަން: ބްރިޖު މަސައްކަތުގެ ބޮޑު ވަނީ ނިމިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިއީ ރާއްޖޭގެ ފުރަތަމަ ބުރިޖު ސިނަމާލެ ބްރިޖަކަށް ވުރެ ހަ ގުނަ ބޮޑު ބްރިޖަކަށް ވުމާ އެކު، މަސައްކަތް ކުރިއަށް ގެންދިއުމުގައި ގިނަ ދަތިތަކަކާ ކުރިމަތިވި އެވެ. 

މާލެ ސަރަހައްދުގައި މިހާރު ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ، އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދީފައިވާ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.