ތިލަމާލެ ބްރިޖުގެ ވިލިމާލެ އާއި ގުޅިފަޅާ ދެމެދުގެ އެންމެ ފަހު ސެގްމެންޓާ އެކު، ވިލިމާލެ އާއި ގުޅިފަޅު މިއަދު ގުޅުވާލައިފި އެވެ.

އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން، ވިލިމާލެ އާއި ގުޅިފަޅު ގުޅުވައިދޭ އެންމެ ފަހު ސެގްމެންޓް ލޯންޗުކޮށް، ވިލިމާލެ އާއި ގުޅިފަޅު މިހާރު ގުޅުވާލާފައިވާ ކަމަށެވެ.

މިނިސްޓަރު ވަނީ މި ކާމިޔާބީއަށް ވާސިލުވުމުގައި ބްރިޖުގެ މަސައްކަތް ކުރާ އެފްކޮންސް ކުންފުނީގެ އިތުރުން، އިންޑިއާ ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ. 

ތިލަމާލެ ބްރިޖުން ވިލިމާލެ އާއި ގުޅިފަޅު މި ގުޅުވާލީ، މާލެ އާއި ވިލިމާލެ ގުޅުވާލިތާ ގާތްގަނޑަކަށް ދެ މަސްދުވަސް ފަހުންނެވެ. 

ތިލަމާލެ ބްރިޖުން މާލެ އާއި ވިލިމާލެ ގުޅުވާލީ މިދިޔަ އޯގަސްޓް މަހު 22 ގަ އެވެ. 

ތިލަމާލެ ބްރިޖު: އެ ބްރިޖުން ވިލިމާލެ އާއި ގުޅިފަޅު މިހާރު ވަނީ ގުޅާލައިފައި.-- ފޮޓޯ: އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީ
ތިލަމާލެ ބްރިޖު: އެ ބްރިޖުން ވިލިމާލެ އާއި ގުޅިފަޅު މިހާރު ވަނީ ގުޅާލައިފައި.-- ފޮޓޯ: އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީ

މާލެ އާއި ވިލިމާލެ ބްރިޖުން ގުޅުވާލުމާ އެކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އޯގަސްޓް މަހު 30 ގައި ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ބައްލަވާލައްވައި، އެ ބްރިޖުގައި ފައިމަގުގައި މާލެއިން ވިލިމާލެއަށް ވަޑައިގެންފަ އެވެ. 

ބްރިޖުގައި ހުންނަވައި، މީޑިއާއަށް އެ ދުވަހު ދެއްވި އިންޓަވިއުގައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ މާލެ އާއި ވިލިމާލެ ގުޅުވައިލުމުގެ ކާމިޔާބީއަށް ވާސިލްވެވުނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރި އެންމެ މަތީފެންވަރުގެ މަޝްވަރާތަކުގެ ނަތީޖާއިން ކަމަށެވެ. 

އެ މަނިކުފާނު ވިދާޅުވީ އުއްމީދު ކުރައްވަނީ އަންނަ އަހަރުގެ ތެރޭގައި ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމުން ކަމަށާއި މިއީ މުޅި މާލޭ ސަރަހައްދަށް ވެސް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށެވެ. 

އިންޑިއާ ސަރުކާރުގެ އެހީގައި، އެ ގައުމުގެ އެފްކޮންސް ކުންފުނިން ހަދަމުން އަންނަ 6.7 ކިލޯމީޓަރުގެ މި ދިގު ބްރިޖުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ. އެ ބްރިޖު އެޅުމަށް މޫދުގެ އަޑީގައި ކުރަން ޖެހޭ ހުރިހާ މަަސައްކަތެއް ވެސް މިހާރު ވަނީ ނިމިފަ އެވެ. 

މިއީ ރާއްޖޭގެ ފުރަތަމަ ބުރިޖު، ސިނަމާލެ ބްރިޖަކަށް ވުރެ ހަ ގުނަ ބޮޑު ބްރިޖަކަށް ވުމާ އެކު، މަސައްކަތް ކުރިއަށް ގެންދިއުމުގައި ގިނަ ދަތިތަކަކާ ކުރިމަތިވި އެވެ. ނަމަވެސް، ކޮންޓްރެކްޓަރާއި ދެ ގައުމުގެ ސަރުކާރުގެ މެދުގައި ކުރި މަޝްވަރާތަކުން ވަނީ ހައްލުތައް ހޯދައިފަ އެވެ. 

މާލެ ސަރަހައްދުގައި މިހާރު ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ، އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދީފައިވާ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.