ގަމު ދާއިރާގެ އެމްޑީޕީ މެމްބަރު ފައްޔާޒް އިސްމާއީލް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިންނަވާ ގޮނޑި ހިސޯރު ކޮށްފި އެވެ.

މަޖިލީހުގެ ޖަލްސާގައި މިއަދު އޮތީ، އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، މުޅި މަޖިލީހުގެ ކޮމެޓީން ދިރާސާކުރި ގޮތުގެ ރިޕޯޓާ މެދު ބަހުސްކުރުމެވެ. އެނގިފައިވާ ގޮތުގައި ފައްޔާޒް މަޖިލީހުގެ ރިއާސަތުގެ ގޮނޑި ހިސޯރު ކުރީ، އެ ބިލަށް އޭނާ ހުށަހެޅުއްވި އިސްލާހެއް ރިއާސަތުން ބަލައިނުގަތުމުންނެވެ.

އެމްޑީޕީގެ މެމްބަރުން ވިދާޅުވި ގޮތުގައި ފައްޔާޒް އިހްތިޖާޖް ކުރައްވަނީ ދުންފަތުގެ ބާވަތްތަކުން ނަގަމުން އަންނަ ޑިއުޓީ ބޮޑުކޮށްގެން ލިބޭ ފައިސާގެ ފަސް ޕަސެންޓް، އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ޚާއްސަ ކުރުމަށް ހުށަހެޅުއްވި އިސްލާހު ބަލައިނުގަތުމުންނެވެ.

އެ އިސްލާހު ބަލައިނުގަތް ސަބަބެއް ރިއާސަތުން އަންގާފައިނުވާ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ. މަޖިލީހުގެ ތަޅުމަށް ރިޕޯޓު ހުށަހެޅުމުގެ ކުރިން އެ އަށް އެއްވެސް މެމްބަރަކު އިސްލާހެއް ހުށަހަޅުއްވަން ބޭނުން ނަމަ، މެމްބަރުންނަށް އެ ފުރުސަތު އޮވެ އެވެ.

މަޖިލީހުގެ ރައީސް މަސީހު، ވަޒީރުން ތިއްބަވާ ތަނުން ގޮނޑިއެއްގައި އިންނަވައިގެން މިއަދު މަޖިލިސް ކުރިއަށް ގެންދަވަނީ.
މަޖިލީހުގެ ރައީސް މަސީހު، ވަޒީރުން ތިއްބަވާ ތަނުން ގޮނޑިއެއްގައި އިންނަވައިގެން މިއަދު މަޖިލިސް ކުރިއަށް ގެންދަވަނީ.

މެމްބަރު ފައްޔާޒާ އެކު އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް އޭނާގެ އިހްތިޖާޖްގައި ބައިވެރިވި އެވެ.

ނަމަވެސް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ކޮމެޓީ ރިޕޯޓަށް މެމްބަރުން ބަހުސް ކުރެއްވި އެވެ. އޭނާ މަޖިލީހުގެ ރިއާސަތުގެ ގޮނޑި ހިސޯރު ކުރުމާ ގުޅިގެން، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު، ޖަލްސާ ކުރި އަށް ގެންދަވަނީ ވަޒީރުން ތިއްބަވާ ތަނުން ގޮނޑިއެއްގައި އިންނަވައިގެންނެވެ.

މަޖިލިހުގެ ރައީސްގެ ގޮނޑި ފައްޔާޒް ހިސޯރު ކުރުމާ ގުޅިގެން ފައްޔާޒަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މެމްބަރަކު ގަވާއިދާ އެއްގޮތަށް އަމަލު ނުކުރާނަމަ، އެ މެމްބަރެއްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރުމުގެ ބާރު ރިޔާސަތަށް ލިބެ އެވެ.

އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރި އިގްތިސާދީ ކޮމެޓީގައި ފައްޔާޒް ވަނީ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީގެ ފަސް ޕަސެންޓް އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގައި، ދުންފަތުން އާންމުން ދުރުކުރަން ހަރަކާތްތައް ހިންގަން ހުށަހަޅުއްވައިފަ އެވެ. ނަމަވެސް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންގެ އަޣުލަބިއްޔަތުން އެ އިސްލާހު ވަނީ ބޭރުކޮށްލައިފަ އެވެ.

ސަރުކާރުގެ ފަރާތުން ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި އިސްލާހުގައި ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި މިހާރު ނަގާ 1.25ރ. ގެ ބަދަލުގައި 2ރ. އަށް ބޮޑުކުރަން ކޮމެޓީން ވަނީ ކަނޑައަޅައިފަ އެވެ. އެއީ ސިނގިރޭޓަކުން 75ލ. ގެ ބޮޑުވުމެކެވެ. އަދި އެނާޖީ ޑްރިންކުން ޑިއުޓީގެ ގޮތުގައި ލިޓަރަކަށް 33.64ރ. ނެގުމަށާއި ސޮފްޓް ޑްރިންކުން ލިޓަރަކަށް 4.60ރ. ނެގުމަށް ވަނީ ނިންމައިފަ އެވެ.