މެރިޓައިމް ދާއިރާއަކީ ރާއްޖޭގެ އިގްތިސާދަށް ބޮޑު މަންފާއެއް ގެނެސްދޭ ދާއިރާއަކަށް މި ފަސް އަހަރުގެ ތެރޭގައި ހަދާނެ ކަމަށް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ހއ. އުލިގަމުގައި "އުތުރު އައިއެސްޕީއެސް ގޭޓް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، އެ ރަށް އޮންނަ ސަރަހައްދަށް ބޭރުގެ ފަރާތްތަކުން ޒަމާނުއްސުރެ ވެސް ޝައުގުވެރިކަން އޮންނަ ކަމަށެވެ. ވަޖީހު ވިދާޅުވީ، އަހަރެއްގެ ތެރޭގައި އެތައް ސަތޭކަ ޔޮޓެއް އުލިގަން ސަރަހައްދުގައި އެންކާ ކުރާ ކަމަށާއި މިދިޔަ ދުވަސްތަކުގައި އެއްވެސް ފަރާތަކުން އަަޅައެއް ނުލާ ކަމަށެވެ.
"މި ފެށޭ މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި އިހަވަންދިއްޕޮޅުގައި މެރިޓައިމް ދާއިރާގެ ވަރަށް ގިނަ މަޝްރޫއުތަކެއް ހިންގާނަން. އުލިގަމުގައި ހިންގާނަން މުހިއްމު ތިން ޕްރޮޖެކްޓެއް. އެއް ކަމަކީ މި ދެންނެވި ޔޮޓުތަކަށް ހާއްސަ މެރީނާއެއް މިތަނުގައި ހަދާނަން،" އޭނާ ވިދާޅުވި އެވެ.
ވަޖީހު ވިދާޅުވިގޮތުގައި، ރާއްޖެ އިން ބޭރުން އަންނަ ޕެސެންޖަރު ލައިންތަކަށް ހިދުމަތް ދޭނެ ތަނެއް ގާއިމް ކުރާނެ އެވެ. އަދި މެދުރާއްޖެތެރެ އާއި ދެކުނުގައި ވެސް ޕެސެންޖާ ލައިނަރުތަކަށް ހިދުމަތް ދޭނެ ތަނެއް ހަދާނެ ކަމަށް ވިދާޅުވި އެވެ.
އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ، އެ ކުންފުނިން ރާއްޖޭގެ އުތުރުގައި އެ ކަންކަން ކުރި ނަމަވެސް މަސައްކަތް ހަވާލު ކުރާނީ އެ މަސައްކަތްތަކުގައި އުޅޭ ފަރާތްތަކާ ކަމަށެވެ. ވިދާޅުވީ، އެމްޕީއެލް އަށް 30 އެތައް އަހަރެއްވީ އިރު އެ ކުންފުނީގެ ހަމައެކަނި ރޯލަކީ ކޮންޓެއިނާތައް އަރުވައި ބޭލުން ކަމަށެވެ.
އެކަމަކު ކުރިމަގުގައި އެމްޕީއެލް އިން މެރިޓައިމްގެ އެހެން މަސައްކަތްތަކަށް ވަދެ، ކުންފުންޏަށް ފައިދާ ހޯދައި، ވިޔަފާރިވެރިން އަތުން ނަގާ ފީތައް ކުޑަކޮށް، މުދަލުގެ އަގު ކުޑަވާނެ ގޮތަކަށް ކަންކަން ކުރާނެ ކަމަށް ވަޖީހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، މެރިޓައިމް ދާއިރާގެ އެކި ހިދުމަތްތައް ހއ. އިން އައްޑުއާ ހަމައަށް ފުޅާ ކުރާނެ އެވެ.
"ނަތީޖާއަކީ މިހާރު އަޅުގަނޑުމެންނަށް އެބަ އާދޭ ރިކުއެސްޓްތައް، މެރިޓައިމް ދާއިރާ އަށް މަސައްކަތް ހޯދާއިރު، ބޯޓު ފަހަރުތަކަށް ހޯދާ ހިދުމަތްތައް އެހީ ދުރާލައި ހޯދާ ހިދުމަތްތައް. އެ މީހުން ހުންނާނީ އެއް މަސް، ދެ މަސް، ތިން މަސް ކުރިން އެ އެރޭންޖުމެންޓްތައް ހަމަޖައްސާފައި،" ސީއީއޯ ވިދާޅުވި އެވެ.
ވަޖީހު ވިދާޅުވީ، މިހާރު ވެސް ގްރީކްގެ 17 ބޯޓު ދުއްވަމުން އަންނަ ކުންފުންޏަކުން ފެން ބޭނުންވެގެން އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އިތުރު ބޯޓުތަކަށް އެހީތެރިކަން ދީ، އެ ހިދުމަތްތައް ފުޅާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އުލިގަމުގައި ރޭ ހުޅުވި "އުތުރު އައިއެސްޕީއެސް ގޭޓް" އޮފީހުން، އެމްޕީއެލް އާއި އިމިގްރޭޝަނާއި ކަސްޓަމްސް އަދި އެމްއެންޑީއެފްގެ މުވައްޒަފުންނަށް ހާއްސަ ޖާގަތައް ވަނީ ކަނޑައަޅައިފަ އެވެ. އަދި މައްސަލައެއް ދިމާވެއްޖެ ނަމަ ޑިޓެންޝަން ރޫމެއްގެ އިތުރުން، އެ އޮފީހަށް ވަންނަ މީހުން ޗެކް ކުރުމަށް ސެކިއުރީ ސްކްރީން މެޝިން ވެސް ވަނީ ބަހައްޓައިފަ އެވެ.
ބަންކަރިން ހިދުމަތުގެ އިތުރުން، ފެނާއި ކާބޯތަކެތި ފޯރުކޮށްދިނުމާއި ކްރޫއިން ބަދަލުކުރުމާއި ޑޮކިން ހިދުމަތާއި ކުނި އުކައިދިނުމާއި ޓަގް ސާވިސަސް އަދި މެއިންޓަނެންސް ހިދުމަތްތައް ވެސް އެ ސަރަހައްދުން ފޯރުކޮށްދޭނެ އެވެ.