ރާއްޖޭގެ ހުރިހާ ސްކޫލެއްގެ މައުލޫމާތު ހިމަނައިގެން، 12 އަހަރަށް ފަހު އެޑިޔުކޭޝަން މިނިސްޓްރީން އާ ވެބްސައިޓެއް ހަދައިފި އެވެ.
މީގެ ކުރިން ބޭނުންކުރީ 2012 ގައި ހެދި ވެބްސައިޓެކެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމުކުރި (https://www.moe.gov.mv/dv) ވެބްސައިޓާ ގުޅޭގޮތުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ތާރީހުގެ އެކި ފަށްފުތްތަކުގެ އިތުރުން ސްކޫލްތަކުގެ މައުލޫމާތު އެނގޭނޭ ގޮތަށް ކޮންމެ ސްކޫލަކަށް ހާއްސަ ވެބް ޕޭޖެއް އެ ވެބްސައިޓުގައި ހިމަނާފައިވާނެ ކަމަށެވެ.
އެ ވެބްސައިޓުން، ރާއްޖޭގައި މިދިޔަ 100 އަހަރު އެޅި ސްކޫލުތަކުގެ މައުލޫމާތު ލިބޭ އިރު ކޮންމެ އަތޮޅެއްގައި ހުރީ ކިޔަވައިދޭ ކިތައް ސްކޫލުކަން ވެސް ބަލާލެވޭނެ އެވެ.
ވެބްސައިޓުގައިވާ ގޮތުގައި ރާއްޖޭގައި މިވަގުތު ހުރީ 217 ސްކޫލެވެ. ދަރިވަރުންގެ އަދަދަކީ 80،930 އެވެ. އެ ދަރިވަރުންނަށް ކިޔަވައިދެނީ 10،094 ޓީޗަރުންނެވެ.
މިނިސްޓްރީއާ ގުޅޭ ހަބަރާއި އިއުލާންތައް އަދި ސާކިއުލާ ފަދަ މައުލޫމާތުތައް ފަސޭހަ އިން އެނގޭނެ ހެން ހަދާފައިވާ ވެބްސައިޓުގައި ޓީޗަރުންނަށް ހާއްސަ ބައެއް ވެސް ހިމަނާފައިވެ އެވެ. ޓީޗަރަކު ނަފްސާނީ އެހީތެރިކަން ބޭނުން ވެއްޖެ ނަމަ އެކަމަށް އެހީވާނެ ކަމުގެ ޔަގީންކަން ދީ، 1484 ގުޅަން އެ ވެބްސައިޓުގައި އެދިފައިވެ އެވެ.
ވެބްސައިޓުން މިނިސްޓްރީގެ ދަށުން ހިންގާ ހަތަރު ޑިޕާޓްމެންޓާއި ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނާއި ޑިޕާޓްމެންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނާއި ކޮލެޓީ އެޝުއަރެންސް ޑިޕާޓްމެންޓާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ މައުލޫމާތު ވެސް ލިބޭނެ އެވެ.