ހުޅުމާލޭގައި ވަކި މެޖިސްޓްރޭޓް ކޯޓެއް ހުރުމަކީ މާލޭގެ ކޯޓުތަކަށް ދިމާވެފައި އޮތް ބޮޑު ގޮންޖެހުމެއް ކަމަށާއި އޭގެ ސަބަބުން އިންސާފު ގާއިމް ކުރުމުގެ މަސައްކަތަށް ހުރަސް އެޅެމުން ދާއިރު، މިކަމަށް ހައްލެއް ހޯދިފައި ނެތުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ހައި ކޯޓުން އިއްޔެ ކުރި ހުކުމެއްގައި ބުނެފި އެވެ.

ކޯޓުތަކުގެ ގާނޫނު ބުނާގޮތުން މާލޭގައި ހުންނަ ފަދަ ސުޕީރިއާ ކޯޓުތައް ހުންނަ ރަށެއްގައި މެޖިސްޓްރޭޓް ކޯޓެއް ނުހުންނާނެ އެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުން 2012 ވަނަ އަހަރު ނިންމާފައިވަނީ މާލޭގެ އަވަށެއް ކަމަށްވާ ހުޅުމާލޭގައި ހުންނަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ސައްހަ ކޯޓެއް ކަމަށެވެ.

ނަމަވެސް ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން އެ ކޯޓުގެ ބައެއް ޝަރީއަތްތައް ހުޅުމާލޭގައި މިހާރު ހިންގަމުންދާތީ، ޖިނާއީ މައްސަލަތައް ހުޅުމާލޭ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ދާދިފަހުން ހައި ކޯޓުގައި އެ މައްސަލަ ވަނީ ފެންމަތިކޮށްފަ އެވެ. އެ މައްސަލަ ފެންމަތިވީ ހުޅުމާލޭގައި މިދިޔަ މަހު ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓްގައި މީހަކު މަރުވި މައްސަލާގައި، ކާރު ދުއްވި މީހާ ހުޅުމާލޭ ކޯޓުން ޝަރީއަތް ނިމެންދެން ބަންދު ކުރުމުންނެވެ.

އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ހުޅުމާލޭގައި ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ހިންގުމަކީ ހުޅުމާލޭ ކޯޓުގެ އިހްތިސާސަށް އަސަރު ކުރާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް މާލޭގައި ހުރިހާ ކޯޓުތަކެއް ހުއްޓާ ހުޅުމާލޭގައި ވަކި މެޖިސްޓްރޭޓް ކޯޓެއް ހުރުމަކީ ހުރިހާ މައްސަލަތަކެއް ފެންމަތިވި ސަބަބު ކަމަށާއި އަދި އޭގެ ސަބަބުން އަދުލު އިންސާފު ގާއިމް ކުރުމުގެ މަސައްކަތަށް ހުރަސް އެޅޭ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެކަމަށް ހައްލެއް ހޯދިފައި ނެތުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ހުކުމުުގައިވެ އެވެ.

"ހުރަސް އެޅެނީ އަދުލު އިންސާފު ގާއިމް ކުރުމުގެ މަސައްކަތަށެވެ. ނިޔާކުރުމުގެ މި ހުރުމަތްތެރި ދާއިރާގައި އޮތް މި މައްސަލަ ގާނޫނީ ފަންނުގެ ދާއިރާގައި ސަމާސާއެއްގެ ގޮތަށް ދެމިގެންދާތާ ދޮޅަހަކަށް އަހަރުވީއިރު ވެސް ހައްލެއް ހޯދިފައި ނެތުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ." ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ލިޔުއްވައި އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ ތާއީދާ އެކު، ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި އެ ހުކުމުގައި ބުނެފައިވެ އެވެ.

ހުކުމުގައިވާ ގޮތުން މާލޭގައި ހުންނަ ސުޕީރިއާ ކޯޓުތައް މާލޭގެ ކޮންމެ އަވަށެއްގެ ކޮންމެ ތަނެއްގައި ހިންގި ނަމަވެސް އެކަމަށް ގާނޫނީ ހުރަހެއް ނެތެވެ. އަދި ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާތީ ސުޕީރިއާ ކޯޓުތަކާއި ހުޅުމާލޭ ކޯޓާ ދެމެދު އިހްތިސާސްގެ މައްސަލަައެއް ނެތް ކަމަށް ދެކިގެން ކުރިއަށް ގެންދިއުން ނޫން ގޮތެއް ނެތް ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އެކަމުގައި ހުޅުމާލޭ ކޯޓަށް ޖިނާއީ މައްސަލަ ބެލުމުގެ އިހްތިސާސް ގެއްލިފައިވާ ކަމަށް ހައި ކޯޓަށް ނުނިންމޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

އެ މައްސަލާގައި ރައުޔު ތަފާތުވީ ފަނޑިޔާރު ހަސަން ޝަފީއު އެވެ. އޭނާގެ ރައުޔަކީ ހުޅުމާލޭ ކޯޓުގެ އިހްތިސާސާ މެދު ދަށު ކޯޓުގައި ސުވާލު އުފައްދާފައި ވިޔަސް، އެކަމާ މެދު އެ ކޯޓުން ނިންމި ނިންމުމަށް ވާސިލްވި ސަބަބެއް އެ ކޯޓުގެ އަމުރުން އެނގެން ނެތް ކަމަށެވެ.

އެ މައްސަލާގައި ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައިވަނީ ހުޅުމާލޭ ކޯޓުގެ އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.