އުރަމަތީ ކެންސަރުގެ ވާހަކަދެއްކުމަށް ފަސްނުޖެހުމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު އެދިވަޑައިގެންފި އެވެ.
ކެންސަރަށް ހޭލުންތެރިކުރުވުމުގެ ގައުމީ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި އެކަމަނާ ވިދާޅުވީ، އުރަމަތީގެ ކެންސަރަކީ އެ ބަލި ތަހައްމަލުކުރާ މީހުންގެ ވަރަށް ޒާތީ ކަމަކަށް ވުމުން އެ ވާހަކަ ދައްކަން ވަރަށް ބޮޑަށް ފަސްޖެހޭ ކަމަށެވެ.
އެ ބަލީގެ ވޭނުގައި އުޅެ ވަކިވެ ގޮސްފައިވާ މީހުންނާއި އުރަމަތީގެ ކެންސަރުން ސަލާމަތްވެފައިވާ މީހުން އުޅުނު ގޮތް ފެނިވަޑައިގެންފައިވާ ކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ.
ކުރިއަށް ދިއުމަށް އޮތް މަގު ކިތަންމެ ދަތިވިއަސް އެކަމުން ކުރިއަށް ދާކަމަށް، ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައު ފަސްޓް ލޭޑީ ފާހަގަކުރެއްވި އެވެ.
އެހީތެރިކަން ދިނުމަށް މި މުޖުތަމައަށް ކުރެވޭނެ ގިނަ ކަންކަން ހުރިކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވާއިރު އުއްމީދު އާވެފައިވާ ކަމަށެވެ. އެ ބަލި ދެނެގަތުމަށް ރާއްޖޭގައި ޓެސްޓުތަކާއި ފަރުވާތައް ލިބޭ ކަމަށް ވިދާޅުވި އެވެ.
ފަސްޓް ލޭޑީ ވިދާޅުވީ އެހެން މީހުން ކިޔާނެ އެއްޗަކާ މެދު ވިސްނަން މަޑުކޮށްގެން ތިބުމުން ފަރުވާ ހޯދުމަށް ލަސްވާ ކަމަށެވެ.
މިއީ ދިރިހުރުމާއި މަރާ ގުޅިފައިވާ ކަމަކަށް ވާތީ އެކަމާ ފަސްނުޖެހުމަށް އެދިވަޑައިގެންނެވި އެވެ.
އުރަމަތީގެ ކެންސަރު މަދުކުރުމާއި އެކަމުން ރައްކާތެރިވުމަށް، އުމުރުން 40 އަހަރުން މަތީގެ އަންހެނުން ގަވައިދުން މެމޯގްރާމް ހެދުމާއި ސެލްފް އެގްޒަމިނޭޝަން ހެދުމަށް އިލްތިމާސް ކުރެއްވި އެވެ.
ކެންސަރަކީ ދިރިއުޅުމުގެ އެހެން ވައްޓަފާޅިތަކާ ވެސް ގުޅިފައިވާ ކަމަކަށް ވާއިރު، އަންނަ މަހުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރުމާއި ސިނގިރޭޓްގެ އިމްޕޯޓު ޑިއުޓީ ބޮޑުކޮށް، ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ ފިޔަވަޅު އެޅިކަން އެކަމަނާ ފާހަގަކުރެއްވި އެވެ.