ތަމްސީލެއް ކުޅޭ ނަމަ އެކަކު މަދު ވަގުތުކޮޅެއްގެ ތެރޭގައި ކިތަންމެ ކެރެކްޓާއަކަށް ބަދަލު ވާންޖެހެ އެވެ. ރޯ ނަމަ ނުވަތަ ހޭ ނަމަ ހަގީގަތުގައި ވެސް އެކަމެއް ކުރަން ޖެހެ އެވެ. އެކަމަކު މިއީ ވަރަށް ކުޅަދާނަ ބަޔަކަށް ނޫނީ ނުކުރެވޭނެ ކަމަކެވެ. މިފަދަ މެތޮޑް އެކްޓިން ރާއްޖޭން ވަރަށް މަދުން ނޫނީ ނުފެންނައިރު، މި އެކްޓަރުންގެ ކުޅަދާނަކަން މި މަހު ފަހުކޮޅު ރިލީސް ކުރާ ދިވެހި ފިލްމު، އިލް ނޮއިސްއިން ފެންނާނެ އެވެ.
ތިއޭޓާ މިރޭޖްގެ ސްޓޭޖްތަކުން ބެލުންތެރިންގެ ހިތްއަތުލުމަށް ފަހު، ދިވެހި ސިނަމާއަށް މި ފަހަރު މި ނިކުންނަނީ މުހައްމަދު މުންތަސިރު (މުންކޮ) އާއި އަހުމަދު އަލަމް އާއި ޝަމްއަތު އިބްރާހިމް އެވެ.
މުންކޮ: މުނިފޫހިފިލުވުމުގެ ދާއިރާއަށް އާ ނަމެއް ނޫން
މުންކޮ އާއި އޭނާގެ ކުޑައިގެ ދަށުން ހިންގާ ތިއޭޓާ މިރާޖްގެ އަޑު މީގެ އެތައް އަހަރެއް ކުރިއްސުރެ އަހާނެ އެވެ. ތިއޭޓާގެ ދާއިރާގެ މަތީ ތައުލީމް ހާސިލް ކުރުމަށް ފަހު، 1999 ވަނަ އަހަރު ރާއްޖެ އައިސް އޭނާ އުފެއްދި ޕްލޭ، "މިއައު" އަށް ވަނީ ހީނުކުރާވަރުގެ ތަރުހީބެއް ލިބިފަ އެވެ.
މުނިފޫހިފިލުވުމުގެ ދާއިރާއިން ރާއްޖެ އަށް އަލަށް ތައާރަފް ކުރި އެ ކޮންސެޕްޓްގެ ފުރަތަމަ ދެ ޝޯ އަށް ވަންނާނެ ބަޔަކު ނުވި ނަމަވެސް ދެން ބޭއްވި ޝޯތައް ވަނީ ހައުސްފުލްވެފަ އެވެ. އެ ޕްލޭ ބައްލަވާލެއްވުމަށް އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ވެސް ވަޑައިގެންނެވި އެވެ.
އެއަށް ފަހު ތަމްސީލު ކުޅުމާއި އެ ދާއިރާއިން މީހުން ތަމްރީނު ކުރުމުގައި މުންކޮ ދިޔައީ ކުރިއަށެވެ.
އޭނާ ވަނީ ރާއްޖޭގެ މަޝްހޫރު ފޯކްލޯރުު، ފޫޅުދިގު ހަންޑި މިއުޒިކަލް ޝޯއަކަށް ބަދަލުކޮށްލައިގެން މީހުންގެ ހިތްތަކާ ކުޅެލައިފަ އެވެ. އަދި ރާއްޖޭގައި އާއްމުކޮށް މީހުން ވާހަކަ ނުދައްކާ މައުލޫތަކަށް ޕްލޭތައް ހަދައި ހޭލުންތެރިކުރުމުގެ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
މިއިން ކޮންމެ ޝޯއެއްގައި ވެސް މުންކޮ އަމަލީ ގޮތުން ބައިވެރިވި އެވެ.
ގިނަ އަޑިގުޑަންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ކާމިޔާބު ހަ ޕްލޭއަކާއި މިއުޒިކަލް ޕްލޭއެއް ގެނެސްދިނުމަށް ފަހު މުންކޮ މި ފަހަރު ކުރިމަތިލީ ފީޗާ ފިލްމެއް ނެރޭށެވެ.
މި ސައިކޮލޮޖިކަލް ތްރިލާގައި ދައްކައިދެނީ އާދަޔާ ހިލާފު ބައްޔެއް ޖެހިފައިވާ މީހަކު އެ ބަލިން ސަލާމަތްވުމަށް ކުރާ މަސައްކަތެވެ.
އަލަމް: އެކްޓުކުރުމުގައި 20 އަހަރުގެ ތަޖުރިބާ
މިއީ ހުނަރުން ފުރިފައިވާ އަދި ތަޖުރިބާކާރު އެކްޓަރެއް ނަމަވެސް ގިނަ ބަޔަކަށް އަލަމް ނޭނގިދާނެ އެވެ. މިއޮއް ހުރިހާ ދުވަހު އޭނާ މަސައްކަތް ކުރީ ތިއޭޓާ އެކްޓަރެއްގެ ގޮތުގައި މުންކޮއާ އެކުގަ އެވެ.
ފިލްމީ ދާއިރާއާ ގުޅުން ހުރި އެއްވެސް މީހަކު އާއިލާގައި ނެތް ނަމަވެސް އަލަމް އަބަދުވެސް އެކްޓު ކުރުމަށް ޝައުގުވެރިކަން ހުއްޓެވެ. އޭނާގެ އެ ހުވަފެނުގައި އެންމެ ފުރަތަމަ ކުލަ ޖައްސައިދިނީ ބޭރު ބަޔަކު ރާއްޖޭގައި ހިންގި ތިއޭޓާ ވޯކްޝޮޕަކުންނެވެ. ދެން އެއަށް ފަހު މުންކޮ އެވެ.
ފިލްމު ކުޅުމަށް އޭރު ފުރުސަތު ލިބުނު ނަމަވެސް އޭނާ ހިޔާރު ކުރީ ތިއޭޓަރެވެ.
އުމުރުން 18 އަހަރުން ފެށިގެން ފެށިގެން އަލަމް އަންނަނީ ތިއޭޓަރުގައި ނުވަތަ އެއާ ގުޅުން ހުރި ކޮންމެެވެސް ކަމެއްގައި ބައިވެރިވަމުންނެވެ. މުންކޮގެ "ކާފަ" ކުޅުމަށް ފަހު ދެން އޭނާ ހަރަކާތްތެރިވީ ކުޑައިރުގެ ރަހުމަތްތެރިޔާ އަދި މަޝްހޫރު ކޮމީޑިއަން ނަސްރުﷲއާ އެކު "ޖަޑުބަޖަޑު" ކިޔާ ކްލޯނެއްގެ ގޮތުގަ އެވެ.
ކޯހެެއްގައި ކިޔަވަމުން، އާމްދަނީ ހޯދުމުގެ ގޮތުން އޭނާ ވަނީ ނަސްރުއާއެކު، ކްލޯނެއްގެ ހެދުން އަޅައި އެ މޭކަޕްގައި ގިނަ ބަޔަކު ހެއްވާލާފަ އެވެ. އުފަންދުވަހާއި ކައިވެނީގެ ޕާޓީތަކާއި ޖަމިއްޔާތަކުން ބައިވެރިވާ އެކި ފެއާތަކުގައި އޭނާ ބައިވެރިވީ "މަންމަނު" ކްލޯނެއްގެ ގޮތުގަ އެވެ.
އެއަށް ފަހު ދެން އޭނާ ކުޅުނީ އަނެއްކާ ވެސް މުންކޮގެ ޕްލޭ އެކެވެ. ރާއްޖޭގެ ތާރީހާ ގުޅޭ "އަނދިރިއަނދިރިން"ގެ އެ ތަމްސީލުގައި އަލަމްގެ ރޯލަކީ ޑައިލޮގެއް ނެތް އަނދިރިއަނދިރިންގެ ގާޑެއްގެ ބައި ނަމަވެސް އޭނާ އަމިއްލައަށް އެ ތަމްސީލުގައި ވާހަކަ ދެއްކީ އެވެ. ކެރެކްޓާއަށް އަލަމް އެ އިތުރު ކުރި ބަޔަށް ގިނަ ބައެއްގެ ތަރުހީބު ލިބުމުން މުންކޮގެ ޕްލޭތަކުން އޭނާއަށް ލީޑު ލިބެން ފެށި އެވެ.
އަލަމް ބުނިގޮތުގައި ކޮންމެ ކެރެކްޓާއެއް ވެސް އޭނާ ކުޅެނީ އެ ކެރެކްޓާއެއްގެ އުޅުމާއި ވާހަކަ ދެއްކުން ދަސްކޮށް، އޭގެ ތެރެއަށް ވަރަށް ބޮޑަށް ވަނުމަށް ފަހު އެވެ. އޭނާ ވަނީ އެ ތަމްސީލުތަކަށް ނަށަން ވެސް ދަސްކޮށްފަ އެވެ.
"މިވީ ދުވަސްތަކުގައި އެއްވެސް ވަރަކަށް ޕްލޭއަކާ ދުރަކަށް ނުދަން. އަބަދު ވެސް އެކަމުގެ ތެރޭގައި މި އުޅެވެނީ،" އަލަމް ބުންޏެވެ.
އިލްނޮއިސްގެ ފީޗާ ފިލްމު ހެދުމަށް ނިންމައި، އޭގެ ލީޑު ރޯލު މުންކޮ އެންމެ ފުރަތަމަ ދިނީ ވެސް އަލަމް އަށެވެ. އެކަމަކު ވަޒީފާގައި އުޅެމުން އެހާ ވަގުތު ނުދެވޭނެތީ އޭނާ ހިޔާރު ކުރީ، ލީޑު ކެރެކްޓާ އަށް ޖެހޭ ބަލިން ސަލާމަތްކޮށްދޭން މަސައްކަތް ކުރާ މެންޓާގެ ރޯލެވެ. މިއީ ވެސް މި ފިލްމުގައި ބޮޑު ރޯލެކެވެ.
ޝަމްއަތު: އެކްޓު ކުރަން ފެށީ މިއުޒިކަށް ޖެހުނު ލޯބިން
އެކްޓު ކުރުމުގައި ޝަމްއަތުގެ ފެށުމަކީ މިއުޒިކެވެ. ގޭތެރެއިން އިވޭ މިއުޒިކާއި މަންމަ ކިޔާ ލަވަތަކުން އެކަމަށް ހިތް ޖެހި އޭނާ ބޭނުންވީ އެ ދާއިރާއިން ކުރިއަށް ދާށެވެ. އިސްކަންދަރު ސްކޫލުގެ ގްރޭޑް ފަހެއްގައި އުޅެނިކޮށް ބޭއްވި މިއުޒިކަލް ޕްލޭގައި ވެސް އޭނާ ބައިވެރިވީ ލަވަ ކިޔާ ހިތުންނެވެ.
އެކަމަކު އެ ޝޯވީ އެކްޓު ކުރުމުގައި އޭނާ ކުރިއަށް ދާން އެޅުނު ފިޔަވަޅަށެވެ.
އެލައިސް އިން ވޮންޑަލެންޑްގެ އެ ޝޯއިން ޝަމްއަތަށް ލިބުނީ އެ ކާޓޫނުގައި އުޅޭ ކާޑެއްގެ ރޯލެވެ. އެލައިސްގެ ރޯލު ނުލިބި، ލަވަ ކިޔުމުގެ ފުރުސަތު ގެއްލުމުން އޭނާ ގެއަށް އައިސް ވަރަށް ރުއެވެ. އެކަމަކު އޭނާ ނިންމީ އެ ކާޓޫނުގެ މެއިން ކެރެކްޓާ، އެލައިސްގެ ޑައިލޮގްތައް ވެސް ދަސް ކުރާށެވެ.
ކަން ދިމާކުރި ގޮތުން އެލައިސްގެ ރޯލު ކުޅޭ ކުއްޖާއަށް ޝޯގައި ބައިވެރިވެވޭ ގޮތް ނުވުމުން އެންމެ ފަހު ވަގުތު އެ ފުރުސަތު ލިބުނީ ޝަމްއަތަށެވެ. އެކްޓު ކުރުމުގައި އޭނާގެ ފެށުމަކީ އެއީ އެވެ.
މުންކޮއަށް ޝަމްއަތުގެ ހުނަރު ފެނުނީ ސީއެޗްއެސްއީގައި އޭލެވެލްއަށް ކިޔެވި އިރު ކުޅުނު ތަމްސީލަކުންނެވެ. ދެން އޭނާވީ މުންކޮގެ ތަފާތު ޕްލޭތަކުން އާއްމުކޮށް ފެންނަ މޫނަކަށެވެ.
ރާއްޖޭގައި މުޅިން އަލަށް އުފައްދާ، ތަފާތު ޖޯންރާގެ ފިލްމުގެ ބަތަލާގެ ރޯލު ޝަމްއަތަށް ލިބުނީ މުންކޮއަށް އޭނާގެ ހުނަރު ވަރަށް ރަނގަޅަށް ވަޒަން ކުރެވިފައިވާތީ އެވެ.
"އިލްނޮއިސްގެ ޕްލޭއެއް ނުވެސް ބަލަން. އެކަމަކު ޔަގީންކަން އޮތް ހަމަ އެ ފެންވަރަށް ކުޅެވޭނެކަމުގެ،" ޝޫޓިންގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ އެ ފިލްމާ ގުޅޭގޮތުން ޝަމްއަތު ބުންޏެވެ.
މުންކޮ އާއި އަލަމް އާއި ޝަމްއަތަކީ ތިއޭޓާ އެކްޓަރުންނެވެ. ތިއޭޓަރާއި ފިލްމާ ދެމެދު ހާސް ތަފާތު ތަކެއް ހުންނައިރު، މި ފިލްމު ވާނީ އެ މީހުން ކުރާ އާ ތަޖުރިބާއަކަށެވެ.
ޝަމްއަތު ބުނީ ތިން ގަޑިއިރުގެ ޕްލޭއެއް އެ މީހުން ކުރިއަށް ގެންދަނީ އޭގައި ދައްކައިދޭ ކެރެކްޓާގެ ތެރެއަށް ވަރަށް ބޮޑަށް ވަދެ، އޭގެ ތެރެއިން ބޭރު ނުވެ ކަމަށެވެ. އެހެންވެ، ބަލާ މީހާ ބޭނުންވާ ހުރިހާ އިހުސާސެއް އެ ކެރެކްޓާއިން ފެންނާނެ ކަމަށް އޭނާ ބުންޏެވެ.
"އެކަމަކު ފިލްމު ކުޅޭއިރު ކަޓްއޭ ބުނާ ކޮންމެ ފަހަރަކު ކެރެކްޓާއިން އެބަ ބޭރުވޭ. އެހެންވީމާ މިއީ ކުރިމަތިވި އުނދަގުލެއް. އެކަމަކު މީގައި އަނެއް ކޮޅު ވެސް އެބައޮތް. ޕްލޭގައި ހެދޭ މިސްޓޭކެއް ރަނގަޅު ކުރުމުގެ ފުރުސަތު ނުލިބޭއިރު ފިލްމުގައި އެތައް ފަހަރަކު އެ ޗާންސް އެބަ ލިބޭ،" އޭނާ ބުންޏެވެ.
"އެހެންވެ، ވަރަށް ތަފާތު އެކްސްޕީރިއަންސެއް މިއީ،"
މީގެ އަހަރުތަކެއް ކުރިން މުންކޮ އިނގިރޭސި ބަހުން ތައްޔާރު ކުރި ޕްލޭ، އިލް ނޮއިސް، ބެލުންތެރިންނަށް ދޫކޮށްލަނީ ދިވެހި ފިލްމެއްގެ ގޮތުގަ އެވެ. އެކަމަކު އެއީ އިނގިރޭސި ނަންތަކާއެކު އިނގިރޭސި ޑައިލޮގްތައް ގިނަ ފިލްމެކެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި މަސައްކަތް ރާއްޖޭން ބޭރަށް ގެންދިޔުން. ޕްލޭއެއް ވެއްޖެއްޔާ، ރާއްޖޭން ބޭރަށް މި ހިފައިގެން ދާން ވަރަށް ބޮޑު ކޮސްޓެއް އެބަދޭ. އެހެންވެ ބޭނުންވީ، މި މަސައްކަތް ފިލްމަކުން ދައްކާލަން،" މުންކޮ ބުންޏެވެ.
މުންކޮ ބުނީ ރާއްޖޭން ބޭރުގައި ދެއްކުމަށް މި ފިލްމު ހާއްސަ ކުރި ނަމަވެސް، އަދި އިނގިރޭސި ޑައިލޮގާއި ނަންތައް ބޭނުން ކުރިޔަސް މިއީ ދިވެހި އޯޑިއަންސާ ވެސް ގުޅޭ ފިލްމެއް ކަމަށެވެ.
ފިލްމުގެ ޓިކެޓް މިހާރު ވިއްކަން ފަށާފައިވާއިރު އެ ފިލްމު އަޅުވާނީ މި މަހު 23 ގަ އެވެ. މިއީ ގިނަ ބައެއްގެ އިންތިޒާރުގެ ނިމުމަށް ވާނެކަން ޔަގީނެވެ.
މި ފިލްމަށް ފަހު މުންކޮ އާއި އަލަމް އާއި ޝަމްއަތުގެ ދިރިއުޅުމަށް ވެސް ބަދަލުތަކެއް އައުން އެކަށީގެންވެ އެވެ. ކުރިން ތިއޭޓާ އެކްޓިންގައި ދޫނުކޮށް ހިފަހައްޓައިގެން ހުރި ނަމަވެސް، އެ މީހުން ބުނަނީ ރަނގަޅު ފިލްމެއް ލިބިއްޖެ ނަމަ އެކަމުގައި ވެސް ދެން ކުރިއަށް ދާނެ ކަމަށެވެ.