ފުލުހުން އެމްޑީޕީ ހަރުގެ ފާސްކޮށް 21 ރޯލު ފޮތި ގެންގޮސްފި

ފުލުހުން ކޯޓު އަމުރެއްގެ ދަށުން މިއަދު ހަވީރު އެމްޑީޕީ ހަރުގެ ފާސްކޮށް، ރީނދޫ ކުލައިގެ 21 ރޯލު ފޮއްޗާއި އެހެން ބައެއް ތަކެތި ގެންގޮސްފި އެވެ.


މިއީ މިދިޔަ ހަފުތާއެެއްގެ ތެރޭގައި އެމްޑީޕީގެ ހަރުގެ ފުލުހުން ފާސްކުރި ދެވަނަ ފަހަރެވެ.

މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ވެސް ފުލުހުން ވަނީ އެމްޑީޕީގެ ހަރުގެ އަށް ވަދެ ފާސްކޮށްފަ އެވެ. އެ ފަހަރު ހަރުގެ ފާސްކުރީ ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދަތުރުފުޅަށް ހުރަސްއަޅަން ރާވާ ކަމުގެ ތުހުމަތުގަ އެވެ. ނަމަވެސް އެމްޑީޕީން ބުނެފައި ވަނީ އެކަމާ ގުޅޭ އެއްވެސް ހެއްކެއް ހަރުގެއިން ފުލުހުންނަށް ނުފެނުނު ކަމަށެވެ.

ފުލުހުން މިއަދު އަނެއްކާވެސް އެމްޑީޕީގެ ހަރުގެ އަށް ވަދެ ފާސްކުރީ ކޯޓު އަމުރުގައިވާ ގޮތުން "ބޭރު ގައުމުތަކުގެ އެކި ވެރިންނާއި އިއްޒަތްތެރިން ވަޑައިގަންނަވަން ހަމަޖެހިފައިވާތީވެ، އެ ގައުމުތަކުގެ ސިޔާދަތާއި ޒިޔާރަތް ކުރައްވާ އިއްޒަތްތެރިންގެ ޝަރަފާއި ގަދަރާއި އިއްޒަތަށް އުނިކަން ލިބޭ ފަދަ އަމަލުތަކެއް ހިންގުމަށް ރާވާ ހަދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ" އެވެ. އަދި އެމްޑީޕީގެ ހަރުގެ ހިންގާ ވެޔޮވިލާ 2 ގައި "ހަދަމުންދާ ބެނާތަކާއި އެއާ ގުޅުން ހުރި އެންމެހައި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް" ކަމަށް ވެސް ކޯޓު އަމުރުގައި ވެ އެވެ.

ހަރުގެ ފާސްކުރުމަށްޓަކައި ލިބިފައިވާ ހެއްކާއި ގަރީނާއެއް ކަމަށް ކޯޓު އަމުރުގައި ބުނެފައި ވަނީ، އެތަނުގައި ހިންގާ ހަރަކާތްތަކާ ބެހޭ ގޮތުން ފުލުހުން ތައްޔާރުކޮށްފައިވާ ރިޕޯޓެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ސައޫދީ އަރަބިއްޔާއަށް ފ. އަތޮޅު ވިއްކާލުމާ ދެކޮޅު ކަމަށް ލިޔެފައިވާ ބެނާތައް ފުލުހުން ގެންދިޔަ ކަމަށާއި އެއީ ރަސްގެފާނުގެ ދަތުރުފުޅާ ދެކޮޅަށް ހަދާފައި ހުރި އެއްޗެހި ކަމަށް، ތަން ފާސްކުރި ފުލުހުން ބުނި ކަމަށެވެ.

ފުލުހުން އެމްޑީޕީ ހަރުގެ ފާސްކޮށް ބައެއް ތަކެތި ފުލުހުންގެ ވެހިކަލަށް އަރުވަނީ. -- ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"އަޅުގަނޑު ދެންނެވިން އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ޗެއާމަން ވިދާޅުވެފައެއް ނޫންހޭ އޮތީ ފ. އަތޮޅު މަޝްރޫއަކީ ސައޫދީ ރަސްގެފާނާ އަދި ރަސްގެފާނުގެ އާއިލާއާ ވެސް ގުޅުމެއް އޮތް ކަމެއް ނޫނޭ. އެހެންވެ ކީއްވެހޭ ފ. އަތޮޅުގެ ވާހަކަ ހުރި އެއްޗެހި ގެންދަނީ،" އަނަސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފ. އަތޮޅު ނޫން އަތޮޅެއްގެ ވާހަކަ ހުރި ނަމަ އެއީ ރަސްގެފާނުގެ ދަތުރުފުޅާ ދެކޮޅު އެއްޗެއް ކަމަށް ނުބަލާނެ ކަމަށް ވެސް ފުލުހުން ބުނި ކަމަށެވެ. ހަރުގޭގައި އޮތް ރީނދޫ ކުލައިގެ 21 ރޯލު ފޮތި ވެސް ފުލުހުން ގެންދިޔަ ކަމަށާއި އެ އެއްޗެހި ގެންދަނީ އަނެއްކާވެސް ބެނާ ހަދާފާނެތީ ކަމަށް ފުލުހުން ބުނި ކަމަށް އަނަސް ވިދާޅުވި އެވެ.

ފުލުހުން އެމްޑީޕީ ހަރުގެ ފާސްކޮށް އެތަނުގައި ހުރި ފޮތި ރޯލުތަކެއް ގެންދަނީ

އަނަސް ވިދާޅުވި ގޮތުގައި މީގެ ކުރިން ވެސް ހަރުގެ ފާސްކޮށް ފުލުހުން ބައެއް އެއްޗެހި ގެންގޮސްފައި ވާއިރު، ގެންދިޔަ އެއްޗެހީގެ ތަފްސީލެއް ވެސް ނޭނގެ އެވެ.

މި މަހު ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވާއިރު، ބޭރުގެ އިއްޒަތްތެރިންނާ ދެކޮޅު ހަރަކާތްތައް ހުއްޓުވާނެ ކަމަށް ބުނެ ފުލުހުން ކުރިން ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނަށް ފަހު ފުލުހުން ވަނީ ފ. އަތޮޅު މަޝްރޫއާ ދެކޮޅަށް ބޭއްވި އެއްވުންތައް ހުއްޓުވައި ބައެއް މީހުން ހައްޔަރު ވެސް ކޮށްފަ އެވެ. ފ. އަތޮޅުގައި 10 ބިލިއަން ޑޮލަރުގެ އިންވެސްޓްކުރާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވާއިރު އެއީ ސައޫދީ އަށް އެ އަތޮޅު ވިއްކާލުން ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.