މި މަހުގެ ތިން ވަނަ ހަފުތާ ތެރޭގައި ރާއްޖެ ވަޑައިގަންނަވާ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދަތުރަށް ހުރަސްއަޅަން ރޭވުންތަކެއް ރާވަމުންދާ ކަމުގެ ތުހުމަތުގައި ފުލުހުން މިރޭ އެމްޑީޕީ ހަރުގެއަށް ވަދެ ފާސްކޮށްފި އެވެ.
ފުލުހުން ވަދެ، ހަރުގެ ދެ ގަޑިއެއްހާ އިރުވަންދެން ފާސްކުރި އެވެ. ފުލުހުން ނުކުމެގެން ދިޔައީ ފޮތިތަކެއް ހިފައިގެންނެވެ. އަދި ތައްގަނޑު ޖަހާ ކުލަތަކެއް ވެސް ގެންދިޔަ ކަމަށް އެނގިފައި ވެ އެވެ. މިކަމާ ބެހޭ ގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
އެތަން ފާސްކުރަން ފެށިއިރު، ފުލުހުން ކުރި ޓުވީޓެއްގައި ބުނީ އެމްޑީޕީގެ ހަރުގެ ހުންނަ ހ. ވެޔޮވިލާ، ކޯޓު އަމުރެއްގެ ދަށުން ފާސްކުރަނީ ދިވެހިރާއްޖެ އަށް ވަޑައިގަންނަވަން ނިންމަވާފައިވާ އިއްޒަތްތެރިންގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ ކަންތައްތަކެއް ރާވާ ކަމުގެ ތުހުމަތުގައި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
އެމްޑީޕީގެ ހަރުގެއަށް ފުލުހުން ވަނީ، ސައުދީ ރަސްގެފާނުގެ ދަތުރުފުޅަށް ހުރަސްއަޅަން އެއްވެސް ކަމެއް ހިންގާނަމަ އެކަން ހުއްޓުވައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީ ބަޔާނެއް ނެރުމަށް ފަހު އެވެ.
އެ ބަޔާނުގައި ފުލުހުން ބުނީ ރާއްޖެ ވަޑައިގަންނަވާ އިއްޒަތްތެރިންގެ ދަތުރުފުޅާ ދިމާކޮށް، އެ ގައުމުތަކުގެ ސިޔާދަތާއި އިއްޒަތްތެރިންގެ ޝަރަފާއި އިއްޒަތާއި ގަދަރަށް އުނިކަން ލިބޭ ފަދަ ކަންތައްތަކެއް ކުރަން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެފަދަ ހުރިހާ ކަމެއް ހުއްޓުވާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.