ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް އަތުލައިގަނެފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އެ އިދާރާ އާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އިންސްޕެކްޝަންތަކެއްގައި ނުވަ ބިދޭސީއަކު ހިފަހައްޓާފައިވާ ކަމަށެވެ.
އެއީ ވިއެޓްނާމުގެ ހަ އަންހެނަކާއި ޔުގަންޑާގެ އަންހެނަކާއި ބަންގުލަދޭޝްގެ ދެ ފިރިހެނެކެވެ.
އެ ދެ ފިރިހެނުންނަކީ އޭޖެންޓުންގެ ގޮތުގައި އުޅުނު މީހުން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ އެ މައްސަލަ ތަހުގީގު ކުރުމަށްފަހު، ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް އޭގެ ތެރެއިން ތިން އަންހެނަކު މިހާރު ޑީޕޯޓުކޮށްފައިވާ ކަމަށެވެ. އެ މައްސަލާގައި، ބާކީ ތިބި ބިދޭސީން ޑީޕޯޓްކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން މީގެ ކުރިން ވެސް ވަނީ ރާއްޖޭގައި ހަށިވިއްކަމުގައި އުޅުނު ގިނަ އަދަދެއްގެ ބިދޭސީން ހިފަހައްޓައި، ޑީޕޯޓްކޮށްފަ އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހުއްޓުވުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންތަކުގައި މިހާތަނަށް ވަނީ 5،000 އަށް ވުރެ ގިނަ މީހުން ޑީޕޯޓްކޮށްފަ އެވެ.