ކުރީގެ ސަރުކާރުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ފައިސާ ދިނުމުގައި އަމަލު ކޮށްފައިވާ ގޮތްތަކާ ގުޅޭ ގޮތުން ޖިނާއީ ތަހުގީގެއް ހިންގަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޕްރޮސެކިއުޓާ ޖެނެރަލް އަންގަވައިފި އެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި ނޮވެމްބަރު 17، 2018 އިން ފެށިގެން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް ދައުލަތުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާއާ ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބެލުމަށްފަހު ރިޕޯޓެއް އެ އޮފީހަށް ވަނީ ފޮނުވައިފަ އެވެ.
އެ ރިޕޯޓުގައި ދައުލަތުގެ މުދަލާއި ފައިސާ ހައްގުނުވާ ފަރާތްތަކަކަށް ދިނުމަށް މަސައްކަތް ކުރުމުގެ ތުހުމަތު ދައުލަތުގެ އިސް މަގާމުތަކެއް އަދާކުރައްވާފައިވާ ފަރާތްތަކެއްގެ މައްޗަށް ކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އޭގެ އިތުރުން ދައުލަތުގެ މުވައްޒަފުންތަކެއް ރަސްމީ ވާޖިބުތަކާ ހިލާފަށް އަދި ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ތުހުމަތު ކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެ މައްސަލަތަކަކީ އޭސީސީން ތަހުގީގު ހިންގުން ބާރު ލިބިފައިވާ މައްސަލަތަކެއް ކަމަށާއި އެހެންކަމުން ޖިނާއީ ތަހުގީގެއް ހިންގުމަށް އެ ކޮމިޝަނަށް މިދިޔަ އަންގާރަ ދުވަހު އަންގާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އޭގެ އިތުރުން އެ މައްސަލާގައި އަވަސް ތަހުގީގެއް ހިންގުމަށާއި ތަހުގީގެއް ކުރިއެރުން ލިބެމުންދާ ވަރަކުން ޕީޖީ އޮފީހާ މަޝްވަރާ ކުރުމަށް އޭސީސީ އަށް އަންގާފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ބަދަލު ދިން މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަން އެންގިއިރު، ބަދަލުގެ ގޮތުގައި ފައިސާ ދޭން ކުރީގެ ސަރުކާރުން ހެދި އެއްބަސްވުންތައް ބާތިލްކޮށް، އެ ފައިސާ އަތުލަން އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ނިންމައިފަ އެވެ.