ކޮރަޕްޝަންގެ 35 މައްސަލައެއްގައި މި އަހަރު ދައުވާ ކުރާނަން: އޭސީސީ

ކޮރަޕްޝަނާ ގުޅުން ހުރި އިތުރު މައްސަލަތަކެއްގައި ދައުވާ ކުރުމަށް ތައްޔާރީތައް ވަމުން އަންނަ ކަމަށާއި އޭގެ ތެރެއިން 35 މައްސަލައެއްގައި ދައުވާ ކުރަން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް މި އަހަރު ފޮނުވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.


ރައްްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލަތައް ބެލުން ލަސް ކަމަށް ވިދާޅުވެ، ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އެކަމަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ، މިއަދުގެ ބައްދަލުވުމުގައި ވިދާޅުވީ ރިވިއު ކޮމިޓީއެއް އުފައްދައި، ޕީޖީއާ މަޝްވަރާ ކުރައްވައި 70 ކޭސްއެއްގައި ދައުވާ ކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ. އޭގެ ތެރެއިން 35 މައްސަލައެއްގައި މި އަހަރު ނިމެންވާއިރަށް ދައުވާ ކުރާނެ ކަމަށް ވެސް ޝިއުނާ ވިދާޅުވި އެވެ.

"ޕީޖީ އޮފީހާ އެކު މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރޭގައި ކޮންމެ ހަފުތާއަކު ފަސް މައްސަލައެއްގެ ޑިއުޓީ [ޕްރޮސެކިއުޝަން] ފަށާ ގޮތަށް އަޅުގަނޑުމެން ޓާގެޓް ކަނޑައަޅައިގެން މަސައްކަތްތައް މިހާރު ރާވާފައި މިވަނީ،" ޝިއުނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މަގާމާ ހަލާވުވެވަޑައިގެންނެވި ފަހުން އޭސީސީން މިހާތަނަށް 1،201 ޝަކުވާއެއް ވަނީ ބަލައި ނިންމައިފަ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 392 މައްސަލަ ބަލައި ނިންމާފައިވާ ކަމަށް ވެސް ޝިއުނާ ވިދާޅުވި އެވެ. އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށް އިއުލާންކުރި ލޮކްޑައުންގެ މުއްދަތުގައި 196 ކޭސްއެއް ބަލައި ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

"މި 392 ކޭސްގެ ތެރެއިން 11 މައްސަލައިގައި ދައުވާ ކުރުމަށް އަޅުގަނޑުމެން ފޮނުވިން. އަދި މީގެ އިތުރުން 57 ކޭސްއަކާ ގުޅިގެން ޕޮލިސީ އަށް ބަދަލުތަކެއް ގެންނަން އަޅުގަނޑުމެން އަންގާފައިވާނެ. އަދި ހަ ކޭސްއަކާ ގުޅިގެން އިދާރީ ފިޔަވަޅުއަޅަން އަންގާފައިވާނެ. އަދި 18 ކޭސްއެއް އަޅުގަނޑުމެން ޕްރޮސެސް ރިވާސް ކުރަން [އަލުން އިއުލާން ކޮށްގެން ކުރިއަށް ގެންދަން] އަންގާފައި ވާނެ،" ޝިއުނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އެއްވެސް މެމްބަރަކީ އޮފީހަށް ނައިސް، ސިކްލީވް ނަގައި ގޮނޑި ހޫނުކޮށް އެ ކަހަލަ އެއްވެސް ކަމެއް [ކުރާ ބައެއް ނޫން]. އަޅުގަނޑުމެންނަކީ ގަވައިދުން އޮފީހަށް އައިސް ހަމަ އެންމެ ދުވަހެއް ވެސް ނީންނާނެ އަޅުގަނޑުމެން އޮފީސް މަސައްކަތް ނުކޮށް. ކޮންމެ ވެސް ކަމެއް ނުރާވާ، ޕޮލިސީ އަށް ކޮމެންޓް ނުދޭ ނުވަތަ ޕްރެކްޓިސްއަކަށް ބަދަލު ގެންނަން މަޝްވަރަ ނުކުރެވޭ،" ---އޭސީސީގެ ރައީސް ޝިއުނާ

އޭނާ ވިދާޅުވީ އާ ކޮމިޝަނުން މަގާމާ ހަވާލުވި ފަހުން އެމްއެމްޕީއާރުސީގެ މައްސަލައިގައި 11 ދައުވާއެއް ކޮށްފައިވާ ކަމަށެވެ. އަދި މި މަހުގެ ތެރޭގައި އިތުރު ފަސް ކޭސްއަކާ ގުޅިގެން ދައުވާ ކުރަން ފޮނުވާނެ ކަމަށް ޝިއުނާ ވިދާޅުވި އެވެ. އެކަމަކު، އެއީ ކޮން ކޭސްތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އޭސީސީގެ ތަހުގީގު ޓީމުގެ ތެރެއިން އެންމެ ގިނައިން އެއް މައްސަލައަކަށް މީހުން ކަނޑައަޅާފައި ވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތަހުގީގަށް ކަމަށާއި އެ ކޮމިޝަންގެ މެމްބަރުން ވެސް އެ މައްސަލައިގެ ތަހުގީގަށް ބޮޑު އިސްކަމެއް ދޭ ކަމަށް ޝިއުނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މިހާތަނަށް ނުނިމި 832 މައްސަލަ އޮތްއިރު އޭގެ ތެރެއިން 152 މައްސަލައަކީ އެކި އަތޮޅުތަކަށް ދަތުރުކޮށްގެން ނިންމޭނެ މައްސަލަތަކެވެ. ލޮކްޑައުން އާއި ބަޖެޓުން ހަތް މިލިއަން ރުފިޔާ އުނިކުރުމުގެ ސަބަބުން އެ ތަހުގީގުތަކަށް ހުރަސް އެޅިފައިވާ ކަމަށް ޝިއުނާ ވިދާޅުވި އެވެ.

ދަތުރުކުރެވެން ނެތް ނަމަ އޮންލައިންކޮށް ތަހުގީގު ނުކުރަނީ ކީއްވެގެންތޯ މެމްބަރަކު ސުވާލު ކުރެއްވުމުން އޭސީސީގެ ނައިބު ރައީސް ފާތިމަތު އަނޫލާ ވިދާޅުވީ، އެގޮތަށް މަސައްކަތް ކުރުމުން ތަހުގީގަށް ހުރަސް އެޅޭނެ ކަމަށެވެ. އަދި ލޮކްޑައުން ނިމުމާ އެކު ކުރިއެކޭ އެއްގޮތަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިއުނާ ވިދާޅުވީ މިދިޔަ އަހަރު އޭސީސީން ދައުވާ ކުރަން ފޮނުވި މައްސަލަތަކުގެ ފައިސާގެ އަދަދު 3.6 މިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ. ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ހޯދަން އެދިފައިވާ ފައިސާގެ އަދަދު 190 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެސް ޝިއުނާ ވިދާޅުވި އެވެ. އޭގެ ތެރެއިން ދައުލަތަށް އަނބުރާ ހޯދުނީ 90،449ރ. ކަމަށް ވެސް ވިދާޅުވި އެވެ.

"މި ފައިސާ ހޯދުމަށްޓަކައި ނަގަން ޖެހޭ އެކްޝަންސް އޭސީސީގެ ފަރާތުން ހުންނާނީ ނަގައިފައި. މީގައި ފިނޭންސްއިންނާއި ކޯޓް މެދުވެރިކޮށާއި އެކި ގޮތްގޮތުން، އިތުރަށް ގެއްލިފައިވާ ފައިސާ ހޯދުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ،" ޝިއުނާ ވިދާޅުވި އެވެ.

އޭސީސީގެ މެމްބަރުންނާ ސުވާލު ކުރުމަށް މިއަދު ބޭއްވި، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ބައެއް މެމްބަރުން.---ފޮޓޯ: މަޖިލިސް

ގަމު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވިސާމް ވަނީ އޭސީސީން ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށް މިއަދުގެ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ. އަދި މަޖިލީހަށް ހާޒިރު ކުރާ ކޮންމެ ދުވަހަކު ދައްކަވަނީ އެއް ވާހަކަތަކެއް ކަމަށާއި "ގޮނޑި ހޫނު" ކުރަން ތިއްބަވައިގެން ވާކަށް ނެތް ކަމަށް ވިސާމް ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވުމުން ޝިއުނާ ވިދާޅުވީ، އާ ކޮމިޝަނުން މަގާމާ ހަވާލުވެ ވޭތުވެދިޔަ 11 މަސް ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން އޭސީސީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ގިނަ ތަހުގީގުތަކެއް ހިންގާފައިވާ ކަމަށް ވިދާޅުވި އެވެ. ކޮވިޑް-19އާ ގުޅިގެން ދިމާވި ދަތިތަކާ އެކު ވެސް އެ ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރިކަން ޝިއުނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ އެއްވެސް މެމްބަރަކީ އޮފީހަށް ނައިސް، ސިކްލީވް ނަގައި ގޮނޑި ހޫނުކޮށް އެ ކަހަލަ އެއްވެސް ކަމެއް [ކުރާ ބައެއް ނޫން]. އަޅުގަނޑުމެންނަކީ ގަވައިދުން އޮފީހަށް އައިސް ހަމަ އެންމެ ދުވަހެއް ވެސް ނީންނާނެ އަޅުގަނޑުމެން އޮފީސް މަސައްކަތް ނުކޮށް. ކޮންމެ ވެސް ކަމެއް ނުރާވާ، ޕޮލިސީ އަށް ކޮމެންޓް ނުދޭ ނުވަތަ ޕްރެކްޓިސްއަކަށް ބަދަލު ގެންނަން މަޝްވަރަ ނުކުރެވޭ،" އޭސީސީގެ ރައީސް ވިދާޅުވި އެވެ.

އޭސީސީގެ ހުރިހާ މެމްބަރުން ވެސް ވަނީ ވޭތުވެދިޔަ 11 މަސް ދުވަހުގެ ތެރޭގައި ގިނަ ގޮންޖެހުންތަކާ އެކު ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާފައި ކަމަށް އޭނާ ވިދާޅުވެފަ އެވެ.