އެސްޖޭ ކުންފުނިން ހުޅުމާލޭ ފޭސް2ގައި އަޅާ މިސްކިތް --
22 ޖެނުއަރީ 2025 - 21:26
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެސްޖޭ ކުންފުނިން އަޅަމުންދާ މިސްކިތް އިމާރާތް ކުރަން ގެނައި އެއްވެސް މުދަލަކުން ޑިއުޓީ މާފުކޮށްފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ހިޔާ ފްލެޓްތައް ކައިރީގައި އެ މިސްކިތް އިމާރާތްކުރަން އިސްލާމިކް މިނިސްޓްރީ އާއި އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ދެމެދު ސޮއިކުރީ ޖެނުއަރީ، 2022 ގަ އެވެ. އޭރު އެއްބަސްވެފައި އޮތީ މަސައްކަތް ފަށާތާ 420 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ނަމަވެސް، މިއަދާ ހަމައަށް ވެސް އެ މިސްކިތުގެ މަސައްކަތް ނިމިފައިނުވެ އެވެ. އެ މިސްކިތުގެ މަސައްކަތް ލަސްވާ ސަބަބާ ގުޅޭގޮތުން މިނިސްޓްރީން އެކި ފަހަރު ވާހަކަ ދައްކާފައިވާއިރު، މިސްކިތުގެ މަސައްކަތް ލަސްވާތީ ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މީގެ އިތުރުން އެ މިސްކިތް އަޅަން ގެންނަ މުދަލުން ޑިއުޓީ ނުނަގާތީ، އެސްޖޭ ކުންފުނިން އޭގެ ފައިދާ ނަގައި އެހެން މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށް ބުނެ ތުހުމަތުތައް ކޮށްފައިވެ އެވެ.
އެސްޖޭ ކުންފުންޏަށް އަމާޒުވާ ތުހުމަތުތައް ދޮގު ކުރައްވައި، އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ މިސްކިތުގެ މަސައްކަތް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމަށް ފަހު، އަލުން ފެށުނީ މި ސަރުކާރު އައިފަހުން ކަމަށެވެ.
މިނިސްޓްރީއިން ބާރު އަޅައިގެން މިސްކިތް އަވަހަށް ނިންމަން ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށާއި އަދި ހައްލު ކުރަންޖެހޭ ކަންކަން މިނިސްޓްރީން ހައްލުކޮށްދެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި މިސްކިތް އަޅަން ގެންނަ ތަކެއްޗަކީ ޑިއުޓީ ފްރީ ތަކެތިކަމުގައި ދެކެވޭ ވާހަކައަކީ ދޮގު ވާހަކައެއް. 2022 ގައި މަސައްކަތް ފެށިފަހުން މިއަދާ ހަމަ އަށް މި މިސްކިތުގެ މަސައްކަތަށް ގެނައި އެއްވެސް އެއްޗަކުން ޑިއުޓީ މާފްކޮށްފައި ނުވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
"މިސްކިތް ނިންމުމަށް ކުރެވޭ މަސައްކަތުގައި އެސްޖޭ ކުންފުނީގެ އެހީތެރިކަން ލިބެމުންދޭ."
ޑިޒައިންގައި ވާގޮތުން އެއީ 1،400 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި ކޯޓްޔާޑާ އެކު، 3،000 މީހުންގެ ޖާގަ އެ މިސްކިތުން ލިބޭނެ އެވެ.
ހުޅުމާލެ 2 ގައި އެ މިސްކިތް ހަދަނީ އެސްޖޭ ކޮންސްޓްރަކްޝަނާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ވެފައިވާ ސެޓްލްމަންޓް އެގްރިމެންޓެއްގެ ދަށުންނެވެ. އެ އެއްބަސްވުން ހެދީ މާލޭގެ ޒިކްރާ މިސްކިތް ހެދުމަށް އެސްޖޭ ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލް ކުރުމުން، އޭގެ ބަދަލުގެ ގޮތުގައި 141 މިލިއަން ރުފިޔާ ހޯދަން އެސްޖޭ ކުންފުނިން ހުށަހެޅުމުންނެވެ.
އޭގެ ފަހުން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ވަނީ ޒިކުރާ މިސްކިތް އަޅަން އެސްޖޭއަށް ދިން 30 މިލިއަން ރުފިޔާ ހޯދަން ވެސް ކޯޓަށް ހުށަހަޅައިފަ އެވެ.
ނަމަވެސް، އޭޖީ އޮފީހުުގެ ލަފައާއެކު އެ މައްސަލަ ކޯޓުން ބޭރުން އޭރު ހައްލުކުރީ، ހުޅުމާލޭގައި މިސްކިތެއް ހެދުމަށާއި އަދި އެ މިސްކިތް އިމާރާތް ކުރުމަށް 30 މިލިއަން ރުފިޔާއަށް ވުރެ އިތުރަށް ހިނގާ ހަރަދު އެސްޖޭގެ ސީއެސްއާރުގެ ދަށުން ކުރާ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާސަރު
23 January 2025
ކެވުނު ގޮތަކަށް ކަނީ މިސްކިތޭކިޔާފަވެސް ކަނީ ހަލާލެއް ހަރާމެއް ބެލުމެއްނެތި ކަނީ!!!!! ޒިކްރާމިސްކިތް އަޅަން ނުދިނީމަ އަޅެ ވީ ކޮންގެއްލުމެއްބާ!؟ ރަގަޅަށް ހުރި މިސްކިތެއް ތަޅާލުން ނޫން ކަމެއް އެސްޖޭ ކުރިބާ!؟
ހައިކަލްލް
23 January 2025
އެސްޖޭ މީހުންގެ ކޮރަޕްޝަންް ބަލަން ޖެހޭ ... މި ސަރުކާރުން ހުރިހާ ކޮރަޕްޝަން އެއް ޑިފެންޑް ކުރުމުގައި ..
އަސްލަމް ވަހީދު
23 January 2025
މިސްކިތޭ ކިޔާފަވެސް އިދިކޮޅުން ކޮންމެ ފަދަ ދޮގެއް ހަދާފާނެ. ކީކޭ ދެން ބުނާނީ؟
މަސްކާރާ
23 January 2025
އެއީ ކިހިނެތްވެގެން އަޅަންޖެހުނު ތަނެއްކަން އެބައެނގޭތަ. އަދިވެސް ކޮޅޭ ކޮޅޭ ކިޔާބަލަ
މުހައްމަދު ޝަނޫން
23 January 2025
މިކަންވެސް ބަޔަކު އޮޅުވާލީ ތާ ދޯ އެހެންވީމަ؟ ބޮޑު ވަރު
ބަނޫނ
23 January 2025
30 މިލިޔަން! އެއީ ހަގީގަތަކީ
ތިއްތޮންބެ
23 January 2025
ކީއްކުރާނީ، މިސްކިތް ނިމުމުން ތައުބާވީމަ ރަގަޅުވާނެ. އަދި ތައުބާވާން އުމްރާއަށް ދާއިރު ގުރޫޕެއް ގޮވައިގެން ގޮސް އެމީހުން އެކޮޅުގަ ބައިތިއްބާފަ އައީމަ އެއްޗަކަށް ވާނީ.
މުހައްމަދުޝާހިދު
23 January 2025
މުޅި ވިޔަފާރި ބުނާމިކުރެވުނީ މިސްކިތް ހަދަން ގެނައި މުދަލުން. ޝޭހުން ބުނާގޮތަށް މިހަދަނީ. މަސައްކަތް ނިމުމުން ތައުބާވާގޮތަށް އޮތީ.
ބުރަތޭރީ
23 January 2025
އެސް ޖޭ ކުންފުނީގެ މައްސަލަ ޒިކުރާ މިސްކިތާ ހަމައިން ފެށިފައިވާއިރު، އިތުރު ލުއިތަކެއްދީ އަލުން ހުޅުމާލޭ ފޭސް 2 ގައި މިސްކިތެއް އަޅަން ހަވާލުކުރުން ކަމަކުނުދޭ..ހަމަ އެއް ސިނާރިޔޯ އެއް އެކުންފުނިން ފެނިގެން މިދަނީ...އެސް ޖޭ ކުންފުންޏަށް ދިން މުއްދަތުގައި މިސްކިއްނޭޅޭ ނަމަ ، އެ ކުންފުންޏަށް އިތުރު ލުއިތަށް ނުދީ ފިޔަވަޅު އަޅަންޖެހޭ
ލާމަސީލު
23 January 2025
ހުޅުމާލޭ މިސްކިތް އެއަޅަނީ ހިލޭ ސާބަހަކުނޫން. މާލޭ ޒިކުރާމިސްކިތް އަޅަން އެމީހުންނަށް އެޑްވާންސްކޮށް ދިން 30 މިލިއަން ރުފިޔާ ވިޔަފާރިއަށް ބޭނުންކޮށް އޭގެއިން ނަފާހޯދާ އެމިސްކިތް ނޭޅުމުން ހެދި ޑީލްއެއްގެ ދަށުން. މިމީހުން މިއުޅެނީ ގާނޫނަށްވުރެވެސް މަތީގަ. މިމީހުން އެޅި ތިލަފުށި ކެމިކަލް ގުދަނުގެ އަގުގެ މަތިން ހަނދާން ހުރީ ކޮން ދިވެހިންނެއްތަ؟
ބަޑިތަކުރު
23 January 2025
2022ގެ ފަހުން ގެނައި އެއްވެސް މުދަލަކުން ޑިއުޓީ ނުނަގާކަމަށް އެބުނަނީ އޭގެ ކުރިން ބޭނުންވާ މައިގަނޑު މުދާ ޑިއުޓީ މާފުކޮށްގެން ގެނެސް ނިންމާފައިވާތީ ބާވައެވެ.
ސަސި
23 January 2025
އެސްޖޭގެ ތަރުޖަމާނަކަށް މިނިސްޓަރ، ނިކަން ތަފާތު