ހުޅުމާލޭ ރެހެންދި ޓާފް ދަނޑު ކައިރީ މީހަކަށް ހަމަލާދީ ޒަހަމްކޮށްލުމަށްފަހު، ފިލަން މާލެ ދަނިކޮށް ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
އެ މައްސަލާގައި ދެ މީހަކު ހައްޔަރުކުރި އެވެ. އެއީ ގދ. ފިޔޯރީއަށް ނިސްބަތްވާ 25 އަހަރުގެ ރުސްތުމް އިބްރާހިމާއި ބ. ގޮއިދޫއަށް ނިސްބަތްވާ، 19 އަހަރުގެ ސައިފުﷲ ފައިސަލެވެ.
އެ މައްސަލާގައި ފުލުހުން ބުނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ރުސްތުމްގެ ބަންދަށް ތިން ދުވަސް ދީފައިވާ ކަމަށެވެ. އަދި ސައިފުﷲ ބަންދުކުރީ ތަހުގީގާއި ޝަރީއަތް ނިމެންދެން ކަމަށް ފުލުހުން ބުންޏެވެ.
ހުޅުމާލޭ ބޯގަންވިލާ މަގުގައި ހުންނަ ރެހެންދި ޓާފް ދަނޑު ކައިރީގައި މީހަކު މަޑުކޮށްގެން ހުއްޓާ، އެ މީހާއަށް ހަމަލާދިނީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 11:35 ހާއިރު ރިޕޯޓުކުރި އެ މައްސަލާގައި ދެ މީހުން ހައްޔަރުކުރީ ފިލަން މާލެ ދަނިކޮށް ހައިވޭއިންނެވެ. އެމީހުން ހައްޔަރުކުރި ސަރަހައްދުން މާރާމާރީ ހިންގަން ބޭނުންކުރާ ސާމާނު ވެސް ފެނުނެވެ. އޭގެ ތެރޭގައި ވަޅިއެއް ވެސް އޮތެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެ މީހުން، މާރާމާރީ ހިންގީ ކޯރާޑިއެއް ބޭނުންކޮށް ކަމަށް މައުލޫމާތު ލިބެ އެވެ.
ދާދިފަހުން މާލޭ ސަރަހައްދުގައި ވަނީ މާރާމާރީތައް އިތުރުވެފަ އެވެ.