ފެނަކަ ކޯޕަރޭޝަންގެ ދަށުން ރަށްރަށުގައި ހިންގަމުން އައި އައިސްޕްލާންޓުތައް މިފްކޯގެ ދަށަށް މިއަދު ބަދަލުކޮށްފި އެވެ.
ސަރުކާރުގެ މަސް ކުންފުނިން ބުނީ، ފެނަކަ ކޯޕަރޭޝަންގެ ދަށުން 14 ރަށެއްގައި އޮޕަރޭޓްކުރަމުން އައި އައިސްޕްލާންޓުތަކާ މިއަދު މިފްކޯ އިން ހަވާލުވެފައިވާ ކަމަށެވެ.
އެއީ، ހއ. އިހަވަންދު އާއި ނ. ޅޮއްސާއި ރ. އަލިފުށްޓާއި ބ. ތުޅާދު އާއި ފ. ނިލަންދު އާއި ތ. ހިރިލަންދު އާއި ގއ. ދާންދު އާއި ގއ. ދެއްވަދޫ އާއި ގއ. ގެމަނަފުށްޓާއި ގއ. ކޮލަމާފުށްޓާއި ގދ. ފަރެސްމާތޮޑާ އާއި ގދ. ފިޔޯރީ އަދި ސ. ހިތަދޫގައި ހުންނަ އައިސްޕްލާންޓެވެ.
މި އައިސްޕްލާންޓުތައް މިފްކޯގެ ދަށަށް ބަދަލުކުރުމަށް އެ ކުންފުންޏާއި ފެނަކައާ ދެމެދުގައި މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
މި ހުރިހާ އައިސްޕްލާންޓެއް ވެސް އޭގެ ފުލް ކެޕޭސިޓީގައި އޮޕަރޭޓްކުރުމަށް މިފްކޯގެ އިންޖީނިއަރުންނާއި ޓެކްނިކަލް ޓީމުން އެ ތަންތަން މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މިފްކޯ އިން ބުނީ މިއީ އެ ކުންފުނިން ދެމުން އަންނަ ހިދުމަތުގެ ފެންވަރު މަތިކުރެވޭނެ ނިންމުމެއް ކަމަށާއި މަސްވެރިންގެ ފުރިހަމަ އެއްބާރުލުން މިކަމަށް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ފެނަކަ އިން ހިންގާ އައިސްޕްލާންޓުތަކަށް އަބަދު މައްސަލަ ދިމާވެ، އައިސް ނުލިބޭ ކަމުގެ ޝަކުވާ މަސްވެރިން ވަރަށް ގިނައިން ކުރެ އެވެ. ފެނަކަ އިން ކުރިން ބުނެފައިވާ ގޮތުގައި، އެ މައްސަލަ ބޮޑުވެފައި ވަނީ އައިސްޕްލާންޓުތައް މަރާމާތުކުރުމުގެ ފަންނީ ގާބިލުކަން އެ ކުންފުނީގައި ނެތުމުންނެވެ. އެހެންވެ، ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން އެ ތަންތަން މިފްކޯގެ ދަށަށް ބަދަލުކުރަން ނިންމީ އެވެ.