ސިނާއީ ސަރަހައްދުން ސްޓެލްކޯއަށް ބިން ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު. --ފޮޓޯ: ހުސައިން ވަހީދު/މިހާރު
12 މާޗް 2017 - 15:11
މާލޭގެ އިންޑަސްޓްރިއަލް ވިލެޖަށް ކަރަންޓް ދޭން ވަކި އިންޖީނުގެއެއް އެޅުމަށް ސްޓެލްކޯ އަށް ސަރުކާރުން މިއަދު ބިމެއް ދީފި އެވެ.
ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯއާ ހަވާލުކުރި ބިމުގައި ހަދާ އިންޖީނުގެއަކީ ބޭނުންޖެހޭ ހާލަތްތަކުގައި މާލެއަށް ކަރަންޓް ދިނުމަށް ވެސް ބޭނުން ކުރެވޭނެ އިންޖީނުގެއެކެވެ.
ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވި ގޮތުގައި އެ ބިން ދޫކުރީ އިންޑަސްޓްރިއަލް ވިލެޖަށް ވަކި ޚާއްސަ އިންޖީނުގެއެއް ހުރުން މުހިންމު ވާތީ އެވެ. އެ އިންޖީނުގެއަކީ މާލޭގައި ހުންނަ މައި އިންޖީނުގެއާ ވަކިން ހިންގާނެ ތަނެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ބޭނުންޖެހޭ ހާލަތްތަކުގައި މާލެއަށް ކަރަންޓް ދިނުމަށް ބެކަޕެއްގެ ގޮތުގައި ވެސް އެ ޖަނަރޭޓަރު ބޭނުން ކުރެވޭނެ އެވެ.
"ކަރަންޓާއި ފެނާއި ނަރުދަމާ އެތަނުން ވަކިން، މާލޭގެ މެއިން ލޭންޑުގެ ފެނަށް ނުވަތަ ކަރަންޓަށް ބަރޯސާ ނުވެ ލިބޭނެ ގޮތް ވާން އެބަޖެހޭ. މިކަންތައް މިކުރެވޭ ސަބަބަކީ އެއީ،" މުއިއްޒު ވިދާޅުވި އެވެ.
އެއްވެސް އަގަކާ ނުލައި، ދޫކުރި 10،000 އަކަފޫޓުގެ ބިމާ ގުޅޭގޮތުން ޝުކޫރު ވިދާޅުވީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެތަނުގެ މަސައްކަތް ނިމި، އިންޖީނުގެއިން އެ ސަރަހައްދަށް ކަރަންޓް ދޭން ފަށާނެ ކަމަށެވެ. އެތަނުގެ ޖަނަރޭޓަރު ކެޕޭސިޓީ ވެސް އިތުރު ކުރަން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ލަފާ މިކުރަނީ މަދުވެގެން ފަސް ނުވަތަ ހަ މެގަ ވޯޓުގެ ޖަނަރޭޓަރެއް ބަހައްޓައިގެން ޚިދުމަތް ދެވޭނެ ކަމަށް. އެކަމަކު ލަފާކުރެވޭ ގޮތުގައި ދެ ބުރި ނުވަތަ ތިން ބުރިއަށް ވެސް އުސްކޮށް އިމާރާތްތައް އަންނާނެ ކަމަށް ލަފާ ކުރެވޭތީވެ ފަހަރެއްގައި މެގަ ވޯޓުގެ މިންވަރުގެ 10 ނޫނީ 12 މެގަ ވޮޓަށް އިތުރު ކުރެވޭނެ،" ޝުކޫރު ވިދާޅުވި އެވެ.
ޝުކޫރު ވިދާޅުވި ގޮތުގައި ބެކަޕްގެ ގޮތުގައި އެ އިންޖީނުގެ ބޭނުންކުރި ނަމަވެސް މުޅި މާލެއަށް އެތަނުން ކަރަންޓް ދެވޭނެ ކަމަކަށް ނުބެލެވެ އެވެ. އެއީ މުޅި މާލެއަށް ދުވާލަކު 55 މެގަ ވޮޓުގެ ކަރަންޓް ބޭނުންވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސާ
13 March 2017
ކަޓު ނެގޭނެ ހުރިހާ ކަމެއް ރާވާ ހިންގާނެ! މިރާއްޖެ އޮތްފުށުން އަނެއް ފުށަށްވެސް ޖަހާނެ!!
ފާތުމަ
13 March 2017
ކެވުނު ވަރަކަށް ކާތި، ހިޔެއްނުވޭ ދެން މާ ގިނަދުވަހަކު ކެވޭނެހެނެއް. ކޮންމެ މީހަކަށްވެސް ކެވޭނީ ކާއެއްޗެހި ހުސްވަންދެން.
ޚިޔާލް123
12 March 2017
ޝުކޫރު ވިދާޅުވި ގޮތުގައި ބެކަޕްގެ ގޮތުގައި އެ އިންޖީނުގެ ބޭނުންކުރި ނަމަވެސް މުޅި މާލެއަށް އެތަނުން ކަރަންޓް ދެވޭނެ ކަމަކަށް ނުބެލެވެ އެވެ. އެއީ މުޅި މާލެއަށް ދުވާލަކު 55 މެގަ ވޮޓުގެ ކަރަންޓް ބޭނުންވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. މިހިރީ މިކުރާ ބޭކާރު ކަންކަން، ބެކަޕޭ އިންޑަސްޓްރިއަލް ވިލެޖަށް ވަކިކަރަންޓޭ ކިޔައިގެން މާލޭގެ ކަރަަންޓު ހުއްޓުމަކަށް އަތުވެއްޖެނަމަ މާލެއަށް ބޭނުންވާ ކަރަންޓުގެ 9 ބައިކުޅައެއްބައިގެ އިންޖީނުގެއެއް ހެދުމުން ދެން މިކަމަައި ކިޔާނެ އެއްޗެއްނެތެވެ. އިންޑަސްޓްރިއަލް ވިލެޖް ހެދި މަގްސަދު ގެއްލި މިހާރު މިސްރާބް ޖަހައިފައި މިހުރީ މުޅިން އެހެން ދިމާއަކަށެވެ، މާލޭގެ މަގުތަށް ތޮއްޖެހޭތީ ބޮޑެތި ގުދަންތަކާ ވޯކްސޮޕްތައް ބަދަލް ކުރަައި ނަމުގައި ތަރައްގީ ކުރިތަނުން މިހާރު މިފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ސެޓެލްކޯއަށް، އެމް ޓީ ސީ އަށް . އެސްޓީއޯއަށް ސިފައިންނަށް މިހެންގޮސް މިހާރުވެސް މާލެއިން އެންމެ ގިނަބިން ދީފައިވާ ފަރާތްތަކަށް ބިންދީފައި ދެން އާއްމު ރައްޔިތަކަށް ތިތަނުން ދޭނެ ބިންކޮޅެއް އެބައޮތް ހެއްޔެވެ. އަދި ލިބުނަސް ތިބަހައްޓައި އިންޖީނުގެއިން ދޫކުރާ ކަރަންޓް ބިލްދެއްކޭނީ ކޮން ޕުރައިވެޓް ކުންފުންޏަކަންހެއްޔެވެ، އަދި ދެކޮޅު ޖެއްސޭނީ ކިހިނެތް ހެއްޔެވެ.
ރިޕްލައި
12 March 2017
އެ ވަރު ބެކަޕެއް ވެސް ހެދީމަ ރަނގަޅެއޒނު. ޝުކުރު ކުރަން ދަސްކޮށްބަލަ!
ރިޕްލައި ގެ ރިޕްލައި
13 March 2017
މިއުޅެނީ ސުކުރުކުރަން ނޭގިގެންނެއް ނޫނެވެ، މިއުޅެނީ މިހެން އެއްވެސް ރޭވުންތެރިކަމެއް ނެތި ހަމަތިބެލައިފައި ކުރެވޭ ބޭކާރު ކަންކަން ގިނަކަމުން ދައުލަތުގެ ރިސާވް ހުސްވާތީއެވެ، އަދި މިފަދަ އިންޖީނުގެއެއް ހަމައެކަނި އިންޑަސްޓްރިއަލް ވިލެޖަށް ހެދީމާ ދެން އެތަނުން ކަރަންޓް ޔުނިޓެއް ވިއްކައިނީ ކިހައިވަރަކަށް ކަން އިހްސާސް ކޮއްލެވޭހެއްޔެވެ. މިވޭތުވެދިޔަ ދިގު ދުވަސްތަކުގައިވެސް އަޅުގަނޑުމެން މިތިބީ ހަމަ ސުކުރުކުކޮއްލައިގެންނެވެ. ކޮންމެޓް ކުރާއިރު ކޮންމެވެސް އޮއްޓަރ ހުރިވާހަކައެއް ދައްކަބަލައިށެވެ. ސަރުކާރަުން ކުރާހުރިހައި ކަމަކަށް ޔޭސް ބުނުމުގެ ބަދަލްގައި ..
ރަދީފް
12 March 2017
ރަނގަޅުކަމެއް. ސުވާލަކީ ހަމަ އެކަނި އިންޑަސްޓްރިއަލް ބޭނުންތަކަށް ކަރަންޓްދީގެން އިކޮނޮމިކަލީ ވައެބުލް ވެދާނެހޭ. ކޮމާޝަލް ބޭނުންތަކަށް ކަރަންޓްގެ ރޭޓް ތަފާތުވާނެކަންވެސް އިނގޭ.ނަމަވެސް ހަމަ އަހާލެވުނީ. ބިންހިލޭދިނަސް ރައްޔތުމީހާއަށް އެއްވެސް ލުއިކަމެއްނެތް.މާލޭގެ އަވަށެއްގެ ކިތަށް ބްލޮކްތޯ ސްޓެލްކޯއަށް ލިބިފަ މިހާރުވެސް އޮތީ.ކޮން އިމްޕެކްޓެއްތޯ އޮތީ މިއިންއެއްވެސް ކަމަކުން. އިކޮނޮމިސްޓެއްގެ ބަސް މިކަމުގަ ވަރަށް މުހިންމު. ވ.ވެދުން