މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅައިލަން ހަދާ "ތިލަމާލެ ބްރިޖު" ގެ މަސައްކަތް ފަށަން އިންޑަސްޓްރިއަލް ވިލެޖުގެ ބިމެއް ހުސްކޮށްފި އެވެ.

އިންޑަސްޓްރިއަލް ވިލެޖުގައި، ބޮޑުތަކުރުފާނު މަގުން ކަޅުތުއްކަލާ ކޮށީގެ ކުރިމައްޗަށް ވާގޮތަށް އޮންނަ ބިމުގައި ވަށައިގެން ޖަހާފައި ހުރި ޓިނުތައް ވެސް ނަގައި އެ ތަން މިހާރު ވަނީ އެއްކޮށް ހުސްކޮށްފަ އެވެ.

މި ބިން ހުސްކުރީ ބްރިޖުގެ މަސައްކަތް ފަށަން ކަމަށް ޕްލޭނިން މިނިސްޓްރީ ކަށަވަރުކޮށްދިނަސް އިތުރު ތަފުސީލެއް ނުދެ އެވެ.

މި ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ އެންމެ ބިޔަ މަޝްރޫއު މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވައިލާ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ނުވަތަ "ތިލަމާލެ" ބްރިޖު އެޅުމުގެ މަސައްކަތް މި އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެކަމަކު އެ މަސައްކަތް ފެށޭނެ ސީދާ ތާރީހެއް އަދިވެސް އިއުލާނެއް ނުކުރެ އެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑަސްޓްރިއަލް ވިލެޖުން ހުސްކުރި ބިން.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ތިލަމާލެ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑަސްޓްރިއަލް ވިލެޖުން ހުސްކުރި ބިން.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކާއި އެ ގައުމުން ދޭ އެހީއެއް އެއްކޮށްލައިގެން ހަރަދުކުރާ ގޮތަށް ހިންގަން ނިންމާފައިވާ ތިލަމާލެ ބްރިޖުގެ މަސައްކަތް އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރު އޮގަސްޓް މަހު 26 ގަ އެވެ.

މި މަޝްރޫއުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދު ގުޅައިލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅާނެ އެވެ. އެއީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. އެއީ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.

ބްރިޖުގެ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ ސާވޭގެ މަސައްކަތް ވެސް ވަނީ މިދިޔަ އަހަރު އޮކްޓޯބަރު 28 ގައި ފަށައިފަ އެވެ. އަންނަ މަހު 22 ގެ ނިޔަލަށް، މި ސާވޭ ކުރިއަށް ގެންދާނީ މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން، ވިލިމާލެ އާއި ގުޅފަޅުގެ ދެކުނުފަރާތުގެ މޫދާއި އަދި ތިލަފުށީގެ އިރުދެކުނު ކޮޅާ ދެމެދު އެއް ކިލޯ މީޓަރުގެ ފުޅާމިނުގެ ސަރަހައްދެއްގައި ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ކުރިން ބުނެފަ އެވެ.

ތިލަމާލެ ބްރިޖަކީ މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި ގުޅިފަޅު ތަަރައްގީކުރުން ވެސް ހިމެނޭ ބޮޑު ޕްރޮޖެކްޓެއްގެ އެއް ބައެވެ. ފިޔަވަހިތަކަކަށް ބަހާލައިގެން މަސައްކަތް ކުރިއަށް ގެންދާ މި ބްރިޖުގެ ފުރަތަމަ ފިޔަވަހީގައި މާލެ އާއި ވިލިމާލެއާ ގުޅުވައިލާނެ އެވެ. މި ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ދައުރު ނިމުމުގެ ކުރިން ފުރަތަމަ ފިޔަވަހި ނިންމާލުމެވެ.